މާލޭ ކައުންސިލުގެ ރަސްމީ އާންމު ޖަލްސާއެއްގެ ތެރެއިން(ފޮޓޯ/މާލެ ކައުންސިލް)

ހުޅުމާލެ ކައުންސިލާ ހަވާލެއްނުކުރި؛ އެ އަވަށަށް ކައުންސިލުގެ ވެށި ފާރަވެރިން ހަމަޖައްސަނީ

ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓެއްގެ ދަށުން ހުޅުމާލޭގައި ހަރަކާތްތެރިވާނެ ހާއްސަ މުވައްޒަފުންތަކެއް ނަގަން މިއަދު ކައުންސިލުން ނިންމި؛ އެ މީހުން ކުރާނެ ކަމަކީ އެ އަވަށުގެ ކަންކަން ބަލައި ހައްލުކުރަން އެޗްޑީސީއަށް އެންގުން
1 ގަޑިއިރު ކުރިން

އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ހުޅުމާލެ، މާލޭ ސިޓީ ކައުންސިލާ ހަވާލުނުކޮށްގެން އެ އަވަށުގެ މުނިސިޕަލް ކަންކަން ބަލައި މައްސަލަތައް ހައްލުކުރަން، ހުޅުމާލޭގައި ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގެ ހިދުމަތް ފަށަން ކައުންސިލުން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މި ޔުނިޓުގެ ދަށުން ހުޅުމާލޭގެ މުނިސިޕަލް ކަންކަން ބަަލަހައްޓައިދޭން ހުށަހެޅުއްވީ މިއަދު އޮތް އެ ކައުންސިލުގެ ރަސްމީ އާންމު ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ ކައުންސިލަރު އަހުމަދު ގާލިބެވެ. ގާލިބު ވިދާޅުވީ:

  • ހުޅުމާލޭގެ މަގުތަކުގައި ކުނިތައް ގިނަވުމާއި އާންމުން ބޭރަށް ނުކުންނަން ބިރުގަންނަ ވަރަށް މާލޭގެ މަގުތައް އަދިރިވުމާއި ކުށުގެ ވެއްޓަށް ހުށަހެޅެމުންދާ މިންވަރު އިތުރުވެ އިޖްތިމާއީ ރައްކާތެރިކަން ދަނީ ގެއްލެމުން

  • ވަގުތުން ވަގުތަށް ވެސް ހައްލު ގެންނަންޖެހޭ މިފަދަ ގިނަ ކަންކަން ހުރުމާއި މުނިސިޕަލް ހިދުމަތްތައް ލިބުމުގައި އިންތިހާއަށް ދަތިވާކަމުގެ ޝަކުވާ ހުޅުމާލޭގެ ރައްޔިތުން ކުރޭ

  • އެހެންވެ، މަގުފާރަވެރިން މެދުވެރިކޮށް މާލެ އަދި ހުޅުމާލެއެކޭ އެއްގޮތަށް ރަށު ތެރެ ބެލެހެއްޓޭނެ އިންތިޒާމު ހަމަޖައްސައި ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގެ ހިދުމަތް ހުޅުމާލޭގައި ފެށޭނެ އިންތިޒާމު ހަމަޖައިސައިދިނުމަކީ ރައްޔިތުންގެ އެދުމެއް

  • ހުޅުމާލޭގައި މުނިސިޕަލް ހިދުމަތް ދިނުމަށް ކައުންސިލަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް

ބުނީ ކީކޭ؟ - އެކަމަށް ތާއީދުކުރައްވައި މިއަދުގެ ބައްދަލުވުމުގައި މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓަކީ މިހާރުވެސް އެ ކައުންސިލުގައި އޮންނަ ޔުނިޓެއް ކަމަށެވެ. މާލެ އާއި ވިލިމާލޭގެ ކަންކަން ވެސް އެ ޔުނިޓުގެ ބެލުމުގެ ދަށުން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު މިވަގުތު މާލޭގައި އޮތް އެ ޔުނިޓުގައި ތިބޭ މުވައްޒަފުން ހުޅުމާލެއަށް ފޮނުވާ ނަމަ، މުވައްޒަފުންގެ ތާށިކަން އަންނާނެތީ، ހުޅުމާލެއަށް ހާއްސަ ޔުނިޓެއް ގާއިމުކޮށް، އެކަމަށް އިތުރު މުވައްޒަފުން ނަގަންޖެހޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

އެހެންވެ މިއަދު ކައުންސިލުން ފާސްކުރީ:

  • ހުޅުމާލޭގެ ކަންކަން ބަލަން ހާއްސަ ކުރާ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓަށް ވަކިން މުވައްޒަފުން ނަގައިގެން އެ ޔުނިޓުގެ ކަންކަން ކުރިއަށް ގެންދިއުމަށް

  • ހުޅުމާލޭގެ ކަންކަން ބަލަހައްޓަން އަށް މުވައްޒަފުން ނަގައިގެން މިހާރު އޮތް ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގެ ބެލުމުގެ ދަށުން އެކަންކަން ކުރަން

  • އޭރުން ހުޅުމާލޭގެ ކުނީގެ މައްސަލަތައް ފަދަ އެޗްޑީސީން އިހުމާލުވަމުންދާ މުނިސިޕަލް ހިދުމަތްތައް ބަލައި އެކަންކަން ހައްލުކުރެވޭނެ

  • އެ ޔުނިޓުގެ މައިގަނޑު ޒިންމާއަކީ އެފަދަ ކަންކަން ބަލައި އެޗްޑީސީއަށް ސިޓީ ފޮނުވައިގެން އެޗްޑީސީ ލައްވައި އެކަންކަން ކުރުވުން

"އެއީ މިވަގުތު އަޅުގަނޑުމެން [މާލޭ ސިޓީ ކައުންސިލާއި މުނިސިޕަލް ހިދުމަތްތައް] ހަވާލުނުކޮށް އެކަން ކުރާ ކަމަށް ވަންޏާ، އަޅުގަނޑުމެން ބަލަންޖެހޭނެ އެ މީހުން އެކަންކަން ކުރޭތޯ. އެކަން ނުކުރާ ކަމަށް ވަންޏާ އެ މީހުން ލައްވައި ކުރުވަންޖެހޭނެ. އެއީ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. އެހެންވީމާ އެ މީހުން [އެޗްޑީސީ] ލަައްވައި އެކަންކަން ކުރުވުމަށްޓަކައި ކުރަންޖެހޭ ކަންކަން މިހާރު މިކުރެވެނީ،" އާޒިމް ވިދާޅުވި އެވެ.

ހުޅުމާލެއަށް ވެށިފާރަވެރިން ހަމަޖައްސައި ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގެ ހިދުމަތް އެ ހިދުމަތް ފެށުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވަން ވެސް މިއަދު ކައުންސިލުން ނިންމި އެވެ.

މީގެ އިތުރުން، ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި އެޗްޑީސީއަށް ނުދެވޭއިރު، ހުޅުމާލޭގެ މުނިސިޕަލް ކަންކަން ކައުންސިލާއި ހަވާލުނުކުރާތީ އެމްޑީޕީގެ އަގުލަބިއްޔަތު އޮތް އެ ކައުންސިލުގެ ކައުންސިލަރުން މިއަދު ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ހިދުމަތާ ކައުންސިލުން ހަވާލުނުވާން އުޅެނީ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، އެކަމަށްޓަކައި އެޗްޑީސީއަށް ތަކުރާރުކޮށް ސިޓީ ފޮނުވާފައިވާ ކަމަށާއި އެއްވެސް ޖަވާބެއް ނުލިބޭކަމުގެ ކަންބޮޑުވުން މިއަދުގެ ބައްދަލުވުމުގައި އާޒިމް ވެސް ފާޅުކުރެއްވި އެވެ.

ކައުންސިލާ ބައްދަލުނުކުރާތީ އާއި އެޗްޑީސީގެ މުނިސިޕަލް ހިދުމަތްތަކާ އިހުމާލުވާތީ އެޗްޑީސީ އިސްވެރިންނާއި ބައްދަލުކުރަން ކައުްންސިލް ބައްދަލުވުން ނިމުމުން، ސީދާ އެޗްޑީސީއަށް ދާން ވެސް މިއަދު ނިންމި އެވެ. 

އެނގުން މުހިންމު - ހުޅުމާލެ މުނިސިޕަލް ހިދުމަތްތައް މާލޭ ސިޓީ ކައުންސިލާ ހަވާލުކުރުމަށް ކައުންސިލުން ދަނީ ތަކުރާރުކޮށް އެދުމުންނެވެ. އެކަމަކު، އެ ހިދުމަތާ މިހާތަނަށް ހަވާލުނުވެ އޮތީ، އެޗްޑީސީން އެކަމަށް އެއްބާރުލުން ނުދީގެން ކަމަށް ކައުންސިލުން ދަނީ ބުނަމުންނެވެ.

ހުޅުމާލެ މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ބޭއްވުމަށް މޭޔަރު ކަމުގައި ހުންނެވިއިރު މިހާރުގެ ރައީސް މުހައްމަދު މުއިއްޒު ވެސް ވަަރަށް ބޮޑަށް ވަކާލާތުކުރެއްވި އެވެ. އެކަމަކު މިހާތަނަށް ވެސް ކައުންސިލާ ހުޅުމާލޭގެ ކަންކަން ހަވާލުނުކުރާތީ، ރައްޔިތުންގެ ބައްދަލުވުމުގައި ވެސް ރައީސްެއާ ސުވާލުކުރި އެވެ.

އެ ފަހަރު ރައީސް މުއިއްަޒު ވިދާޅުވީ، މުނިސިޕަލް ކަންކަން މާލޭ ސިޓީ ކައުންސިލާ ހަވާލުނުކުރެވިގެން އުޅެނީ ކައުންސިލުން ހަވާލުނުވެގެން ކަމަށެވެ. އެކަމަކު، ކައުންސިލުން މިކަން ދޮގުކުރެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް