ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދު: ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް އެޗުޑީސީން ދިނަސް ގާނޫނީ ގޮތުން ހުޅުމާލެ އޮންނަން ޖެހެނީ ސިޓީ ކައުންސިލްގެ ދަށުގައި (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތަކާ މާލޭ ސިޓީ ކައުންސިލުން ހަވާލެއް ނުވި: ރައީސް

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލޭ ސިޓީ ކައުންސިލަށް ބަދަލުކުރަން 2023ގައި ރައީސް މުއިއްޒު އެންގެވި. އެކަމަކު ހުޅުމާލެ އަދިވެސް ބަލަހައްޓަމުން އަންނަނީ އެޗްޑީސީން

ހުޅުމާލޭ މުނިސިޕަލް ހިދުމަތްތައް މާލޭ ސިޓީ ކައުންސިލް ދަށަށް ބަދަލުނުވެ އޮތީ، އެ ކައުންސިލުން އެ ހިދުމަތްތަކާ ހަވާލުނުވެގެން ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ދެމުން ދަނީ ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަން ވެސް އޮންނަ އެޗްޑީސީއިންނެވެ. އެ ކަން މާލޭ ސިޓީ ކައުންސިލަށް ބަދަލުކުރަން ރައީސް  މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި އިރު ވަކާލާތު ވެސް ކުރެއްވި އެވެ.

މާލޭ ސިޓީ ކައުންސިލަށް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ދިނުމުގެ ބާރު ބަދަލުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް ވެސް މެއެވެ. އެ ވައުދާ އެއްގޮތަށް، އެ ހިދުމަތް ބަދަލުކުރަން 31 ޑިސެމްބަރު 2023ގައި އެމަނިކުފާނު އެންގެވި އެވެ.

އެކަމަކު އޭގެ ފަހުން ދެ އަހަރު ވީއިރު ވެސް ހުޅުމާލެ އަދިވެސް ބަލަހައްޓަމުން އަންނަނީ އެޗްޑީސީންނެވެ.

ބުނީ ކީކޭ؟ - ހުޅުމާލެ ރައްޔިތުންނާ އެކު ރޭ ބޭއްވި ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ރައީސް ވިދާޅުވީ އެކަން ކުރަން ބޭނުންވާ ހުރިހާ ކަމެއް ކަމާ ބެހޭ މިނިސްޓްރީތަކުން ހަމަޖައްސާފައިވާ ކަމަށެވެ. އެކަމާ ބެހޭ ގޮތުން ކެބިނެޓުން ވެސް ނިންމުންތަކެއް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

ރޭގެ ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

އެކަަމަކު ރައީސް މުއިއްޒު ވިދާޅުވީ މިހާތަނަށް ވެސް އެކަން ނުވެ އޮތީ، އެ ޒިންމާތަކާ ހަވާލުވާން މާލޭ ސިޓީ ކައުންސިލުން ތައްޔާރުނުވާތީ ކަމަށެވެ.

"ސިޓީ ކައުންސިލުން ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތަކާ ހަވާލުވާން އެއްބަހެއް ނުވި. ނުވީމާ އެޗްޑީސީން މިހާރު ވަގުތީ ގޮތުން އަދިވެސް އެ ބަލަހައްޓަނީ،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު އުންމީދުކުރަނީ މާ ގިނަ ދުވަސްތަކެއް ނުވެ [މާލެ] ސިޓީ ކައުންސިލުން އެ ނިންމުން ބަދަލުކޮށް އަނެއްކާވެސް ހަވާލުވެލައްވާނެ ކަމަށް. އަޅުގަނޑު މިހުރީ ވައުދު ފުއްދަން ތައްޔާރަށް." 

ފާހަގަކޮށްލެވޭ ކަމެއް - ހުޅުމާލޭގެ މުނިސިޕަލް ކަންކަން އެޗްޑީސީގެ ޒިންމާއިން ވަކިކުރަން ރައީސް ބޭނުންފުޅުވަނީ އެއީ މާލޭގެ އަވަށެއް ކަމަށް ވެފައި، އެޗްޑީސީން އެ އަވަށް ހިންގަމުން ދަނީ ރައްޔިތުން އެދޭ ގޮތަށް ނޫން ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށް މީގެ ކުރިން ރައީސް މުއިއްޒު ވިދާޅުވެފައިވެ އެެވެ. އޭރު ރައީސް ވިދާޅުވީ ހުޅުމާލެއަކީ މާލޭގެ ބައެއް ކަމަށް ގާނޫނުގައި ލިޔެފައި އޮތުމުން ކުންފުންޏެއްގެ ދަށުން އެ އަވަށް ހިންގަމުން ދަނީ ގާނޫނާ ހިލާފަށް ކަމަށެވެ.

ކޮމެންޓް (3)

ސިކުނޑި

22 ޑިސެމްބަރު 2025
ރައީސް މޭޔަރަކަށް ހުރެގެން ބޭނުންވި ގޮތެއްނޫން މިހާރު ކެބިނެޓުން ނިންމާފަ އޮތީ! އެހެންވީމަ ސިޓީ ކައުންސިލަށް އެކަން ނުކުރެވިގެން އެއުޅެނީ! ރައީސް ކަންކަން ނިންމަނީ ނަތީޖާ ހާސިލު ކުރެވޭގޮތަކަށްނޫން! އަދި ދައުލަތައްވެސް ގެއްލުންވާގޮތަށް! ސިޔާސީ ބޭނުމުގައި ދައުލަތެއް ޚަރާބު ކުރެވޭއިރު ރައީސަށް ރޭކާވެސްނުލާ! އެންމެ ރަނގަޅު ގޮތަނީ، މާލެ ސިޓީ ކައުންސިލް އުވާލައި މާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ހެދުން! ވިހާމަރުވާ ބެލެހެއްޓުން ފިޔަވައި ސިޓީ ކައުންސިލްއިން ކުރާ އެއްވެސް ކަމެއްނެތް!
2 1

ތެފައާސާ.

22 ޑިސެމްބަރު 2025
އޮހް، މަ ހީކުރީ މާލޭ ސިޓީ ކައުންސިލްގައި އޮތީ ރައީސް މުއިއްޒު ޕާޓީގެ މެޖޯރިޓީކަމަށް.
3 0

ކޮބާ

22 ޑިސެމްބަރު 2025
ނޫނޭ ދޮގު ހަދަން މޮޅު މީހެެއް މޫސަމެން އަތޮޅުން އައިސްފައި މި ހުރީ
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް