މާލޭ ސިޓީ އާންމު ހިދުމަތްތަކާބެހޭ ބައި. ހުޅުމާލޭގެ ހިންގުން މާލެ ސިޓީ ކައުންސިލާ ވަނީ ހަވާލުކޮށްފައި. (ދައުރު ފޮޓޯ)

ހުޅުމާލެ

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކޮށްފި

އެކަން އެގޮތަށް ކުރެއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް؛ އެ މަނިކުފާނު މިއަދު ވިދާޅުވި ގޮތުގައި މާދަމާއިން ފެށިގެން ހުޅުމާލޭގެ ހުރިހާ މުނިސިޕަލް ހިދުމަތްތަކެއް ދޭނީ ސިޓީ ކައުންސިލްގެ ދަށުން
31 ޑިސެމްބަރު 2023

މިހާރު އާބަންކޯގެ އިހްތިސާސްގެ ދަށުގައި އޮންނަ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާދަމާ އިން ފެށިގެން މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭނުގެ ތެރޭގައި ވައުދުވެވަޑައިގެންނެވި ގޮތަށް، މި ބަދަލު ގެންނެވިކަން އިއުލާނު ކުރެއްވީ، އެމަނިކުފާނު މިރޭ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގަ އެވެ. 

ތަފްސީލް - މިއަދުގެ ކެބިނެޓުގައި ނިންމި އެ ނިންމުން ހާމަކުރައްވަމުން އެ ޕޯސްޓުގައި ރައީސް މުއިއްޒު ލިޔުއްވި ގޮތުގައި:

  • މާލޭ ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ބަދަލުކުރަން ނިންމީ މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި

  • މި ބަދަލު ގެނައީ ގާނޫނުގެ ދަށުން؛ އަދި ބަދަލަށް އަމަލު ކުރަން ފަށާނީ މާދަމާއިން ފެށިގެން

  • މި ބަދަލާ އެކު އޮފީސް، މެޝިންތައް، އިކުއިޕްމަންޓް، މުނިސިޕަލް ބިންތައް އަދި ސްޓާފުން ޓްރާންސްފާ ކުރުމުގެ މަސައްކަތް އެއް މަސް ދުވަހުގެ ތެރޭގައި ނިންމަން ހަމަޖެހިފައިވޭ

  • ހުރިހާ ސްޓާފުންނަށް ވެސް މިހާރު ލިބެމުންދާ މުސާރަ ކުރިއަށް އޮތް އެއް އަހަރު ދުވަހު ލިބޭނެ

މިކަމާ ބެހޭ އިތުރު މައުލޫމާތު ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - ހުޅުމާލެ އަކީ މާލޭ ރައްޔިތުންގެ މިލްކެއް ކަމަށް ވިދާޅުވެ، އެ އަވަށުގެ ކަންކަން ހިންގުން ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ އާބަންކޯގެ ޒިންމާ އިން ވަކިކުރުމަށް ފަހު މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަން ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވީ، އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯ އިފްތިތާހު ކުރައްވަން ހުޅުމާލޭގައި ބޭއްވި ކެމްޕޭން ޖަލްސާގަ އެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވެފައިވަނީ:

  • އާބަންކޯއިން އެ އަވަށް ހިންގަމުން ދަނީ ރައްޔިތުން އެދޭ ގޮތަކަށް ނޫން 

  • ހުޅުމާލެ އަކީ މާލޭގެ ބައެއް ކަމަށް ގާނޫނުގައި ލިޔެފައި އޮތް އިރު، ކުންފުންޏެއްގެ ދަށުން އެ އަވަށް ހިންގަމުން ދަނީ ގާނޫނާ ހިލާފަށް

ޕީޕީއެމް-ޕީއެންސީގެ 'ދިވެހިންގެ ރާއްޖެ' މެނިފެސްޓޯ ލޯންޗު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

"ކުންފުންޏަކުން ރައްޔިތުންނާ ދޭތެރޭ ނުވިސްނާ. މުނިސިޕަލް ހިދުމަތް ދިނުމުގައި ކުންފުނިން އަޅައެއް ނުލާ. ރައްޔިތުންނާ ދޭތެރޭ ކަންކަން ކުރަމުން ދަނީ ކުންފުނިން ބޭނުންވާ ގޮތަކަށް، ވިޔަފާރި އުސޫލުން،" މުއިއްޒު ވިދާޅުވެފައިވެ އެވެ.

"އެހެން ނަމަވެސް، ގާނޫނު ބުނަނީ މިއީ މާލެ. މިއީ އާބަންކޯގެ މިލްކެއް ނޫން. މިއީ މާލޭ ރައްޔިތުންގެ މިލްކެއް. މި ތަން ބަލަހައްޓަން ޖެހޭނީ މި ތަނުގެ ކައުންސިލުން. ގާނޫނު ބުނާ ގޮތުން އެއީ މާލޭ ސިޓީ ކައުންސިލުން."

މުއިއްޒު އިތުރަށް ވިދާޅުވެފައިވަނީ:

  • ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ކައުންސިލްގެ ދަށަށް ގެންދިއުމަށް ފަހު، އެ ތަނުގެ ބިމެއް ވިއްކުން ނުވަތަ ކުއްޔަށް ދިނުން ވެސް ކައުންސިލްގެ ބަހެއް ނެތި ކުރިއަކަށް ނުގެންދެވޭނެ

  • އެކަން ކުރާނީ ކައުންސިލާ މަޝްވަރާކޮށް، އެއްބަސްވާ ގޮތެއްގެ މަތިން އަދި ގާނޫނުގައި އެކަން ކުރަން އޮންނަ ގޮތަށް

އެނގުން މުހިންމު - 2021ގައި ބޭއްވި ކައުންސިލް އިންތިހާބުގެ ދުވަސްވަރު، ވެރިކަން ކުރާ އެމްޑީޕީން ވެސް ވަނީ ހުޅުމާލޭގެ މުނިސިޕަލް ކަންކަން ސިޓީ ކައުންސިލާ ހަވާލުކުރާނެކަން އިއުލާނުކޮށްފަ އެވެ. ނަމަވެސް، އެ އިންތިހާބުގައި އެމްޑީޕީއަށް ކައުންސިލުގެ މެޖޯރިޓީ ގެއްލުމާ އެކު، އެ ކަމަށް އަމަލީ ސިފަ ގެނެސްފައެއް ނުވެ އެވެ.  

އިތުރު އާޓިކަލް

އިތުރު އާޓިކަލް