ހުޅުމާލޭގައި ރޭ ބޭއްވި ޖަލްސާގައި އާދަމް އާޒިމް ވާހަކަދައްކަވަނީ. (ފޮޓޯ/އެމްޑީޕީ)

އެމްޑީޕީ ކައުންސިލަރުން ހޮވައިދީފި ނަމަ ހުޅުމާލެ ހަވާލުނުކުރަނީސް ގެއަކަށް ނުދާނަން: އާޒިމް

އާޒިމް ވިދާޅުވީ، މާލެ ކައުންސިލާއި ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ހައްދަވަނީ އިތުރުފުޅެއް ކަމަށް

މިފަހަރުގެ ކައުންސިލް އިންތިހާބުގައި އެމްޑީޕީ ކައުންސިލަރުން ހޮވައިދީފި ނަމަ، ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލޭ ސިޓީ ކައުންސިލާ ހަވާލުކުރަންދެން އެޗްޑީސީގެ ދޮރުމަތީގައި ކައުންސިލަރުން ތިބޭނެ ކަމަށް މޭޔަރު އާދަމް އާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ދެމުން ދަނީ ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަން ވެސް އޮންނަ އެޗްޑީސީންނެވެ. 

މާލޭ ކައުންސިލަށް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ދިނުމުގެ ބާރު ބަދަލުކުރުމަކީ ރައީސް މުހައްމަދު މުއިއްޒު މޭޔަރަކަށް ހުންނެވި އިރު ވަކާލާތު ވެސް ކުރެއްވި ކަމެކެވެ. އަދި އެއީ އެ މަނިކުފާނުގެ ރިޔާސީ ވައުދެއް ވެސްމެ އެވެ. އެ ވައުދާ އެއްގޮތަށް، އެ ހިދުމަތް ބަދަލުކުރަން 31 ޑިސެމްބަރު 2023ގައި އެ މަނިކުފާނު އެންގެވި އެވެ.

އެކަމަކު އަދިވެސް ހުޅުމާލެ ބަލަހައްޓަމުން އަންނަނީ އެޗްޑީސީންނެވެ. ރައީސް މުއިއްޒު މިފަހުން ވިދާޅުވެފައިވާ ގޮތުން، އެ ހިދުމަތްތައް މާލޭ ކައުންސިލް ދަށަށް ބަދަލުނުވެ އޮތީ، އެ ކައުންސިލުން އެ ހިދުމަތްތަކާ ހަވާލުނުވެގެންނެވެ.

ބުނީ ކީކޭ؟ - ހުޅުމާލޭގައި ރޭ ބޭއްވި 'ހޭވައްލާ ތައްޔާރު' ޖަލްސާގައި އާޒިމް ވިދާޅުވީ، މާލެ ކައުންސިލާއި ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ހައްދަވަނީ އިތުރުފުޅެއް ކަމަށެވެ.

ހުޅުމާލެ ކައުންސިލާ ހަވާލުނުކޮށް އޮތުމުން، ހުޅުމާލޭގެ ރައްޔިތުން ބިކަކޮށްފައި އޮތް މިންވަރު ކައުންސިލް އިންތިހާބަށް ދޮރުން ދޮރަށް ހިނގަމުންދިޔައިރު ފެނުނު ކަމަށް މިފަހަރުގެ އިންތިހާބުގައި ވެސް މޭޔަރު ކަމަށް ވާދަކުރައްވާ އާޒިމް ވިދާޅުވި އެވެ.

"އެޗްޑީސީ [ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް] އަޅުގަނޑުމެންނާ ހަވާލުނުކޮށް އޮންނަ އޮތުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނިމުމަކަށް ގެންނާނަން. މިތާ ތިބި [އެމްޑީޕީގެ] ކެންޑިޑޭޓުން ހޮވައިދީފި ނަމަ އެޗްޑީސީގެ ދޮރުމަތިން އަޅުގަނޑުމެން ގެއަކަށް ނުދާނަން ހަވާލުނުކުރަނީހެއް. އަޅުގަނޑުމެން ގެއަކަށް ނުދާނަން،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވި ގޮތުން:

  • އެޗްޑީސީން މަސައްކަތްކުރަމުންދަނީ ރައްޔިތުންގެ ފައިދާ ނަގަން

  • ރައްޔިތުންގެ ފައިދާ ނަގައިގެން ރައްޔިތުން ބިކަ ކުރުން ނޫން ކަމެއް އެޗްޑީސީން ނުކުރޭ

  • ވެރިކަމާ ހަވާލުވާތާ 100 ދުވަސް ތެރޭ އެޗްޑީސީގެ ޒިންމާތައް މާލޭ ކައުންސިލާ ހަވާލުކުރާނެ ކަމަށް ރައީސް މުއިއްޒު އޮތީ ވިދާޅުވެފައި

  • އެކަމަކު، އެކަން ނުކޮށް، ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލޭ ކައުންސިލާ ހަވާލުކޮށްފި ކަމަށް ބުނެ ރައީސް ހައްދަވަނީ އިތުރުފުޅެއް

"އަޅުގަނޑުމެން ރައީސް އޮފީސް ދޮށަށް ވެސް ދާނަން. އަޅުގަނޑުމެން އެޗްޑީސީ ދޮށަށް ވެސް ދާނަން. ރައީސް [މުއިއްޒަށް] އަޅުގަނޑުމެން މިދަންނަވަނީ މިހާރު، ތިބޭފުޅުން އެޗްޑީސީ ހަވާލުކުރަންޖެހޭނެ. މާލެ ސިޓީ [ކައުންސިލާ] ހަވާލުކުރަންޖެހޭނެ،" އާޒިމް ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ހުޅުމާލޭގެ މުނިސިޕަލް ކަންކަން އެޗްޑީސީގެ ޒިންމާއިން ވަކިކުރަން ރައީސް މުއިއްޒު މީގެ ކުރިން ވަކާލާތުކުރައްވާފައިވަނީ، އެއީ މާލޭގެ އަވަށެއް ކަމަށް ވެފައި، އެޗްޑީސީން އެ އަވަށް ހިންގަމުން ދަނީ ރައްޔިތުން އެދޭ ގޮތަށް ނޫން ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށް މީގެ ކުރިން ވިދާޅުވެފައިވެ އެެވެ. އޭރު ރައީސް ވިދާޅުވީ ހުޅުމާލެއަކީ މާލޭގެ ބައެއް ކަމަށް ގާނޫނުގައި ލިޔެފައި އޮތުމުން ކުންފުންޏެއްގެ ދަށުން އެ އަވަށް ހިންގަމުން ދަނީ ގާނޫނާ ހިލާފަށް ކަމަށެވެ.

ކޮމެންޓް (3)

ސިކުނޑި

2 އޭޕްރީލު 2026
ރައީސް މުއީޒް ދޮގެއް ހެދެންއޮއްވާ ތެދެއް ނަހަދާނެ! އެކަމަކުވެސް، މާލެ ސިޓީ ކައުންސިލުގެ ދަށަށް ހުޅުމާލޭގެ މުނިސިޕަލް ސާރވިސް ބަދަލުކުރުން އެއީ ވުމަށްވުރެ ނުވުން ގާތް ކަމެއް! ސަބަބަކީ އެއްވެސް ސަރުކާރަކުން އެކަން އެގޮތަށް ކުރަންބޭނުންވެސް ނުވާތީ! އަދި އެކަމަކީ ހުޅުމާލޭގެ ކަންކަން ގޮސްފައިވާ ގޮތުން މިހާރު ކުރަން މުސްތަހިއްލު ކަމެއް!
0 0

ކަށަވަރު

2 އޭޕްރީލު 2026
އާދަމް ޢާޒިމް މިފަހަރު ޖެހޭނީ ގޭގައި މަޑުކޮށްލަން. ކައުންސިލަށް ނުހޮވޭނެކަން ޔަގީނާ ގާތަށް އެނގޭ.
0 1

މަނޯހަރު

3 އޭޕްރީލު 2026
@ކަށަވަރު ވޯޓް ނިމުނީމަ ކަލޭ އަންނާތި ބަލަން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް