ޓެކްސް ކޮމިޝަނަރުކަމަށް ކުރިމަތިލެއްވި އަމީޒާ(ވ) އަދި ހަލީމް މަޖިލީހުގެ ކޮމިޓީ އިންޓަވިއުގައި (ފޮޓޯ/ މަޖިލިސް)

ޓެކްސް ކޮމިޝަނަރަކަށް އެންމެ މަތީ މާކްސް ލިބުނު އަމީޒާއަށް ރުހުން ދީފި

އަމިޒާއަށް %92 މާކްސް ލިބުނު އިރު، ވިލާގެ ފައިނޭންސް ހެޑް ހަލީމްއަށް ދީފައިވަނީ %83 މާކްސް؛ އަމީޒާއަށް މަޖިލީހުން

ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ކޮމިޝަނަރުކަމަށް ކުރިމަތިލެއްވި ދެ ބޭފުޅުންގެ ތެރެއިން އެ އިދާރާގެ ޑެޕިއުޓީ ކޮމިޝަނަރު ފާތިމަތު އަމީޒާއަށް މަޖިލީހުން މިއަދު ރުހުން ދީފި އެވެ. މަޖިލީހުގެ ކޮމިޓީން ވެސް އެންމެ މަތިން މާކްސް ލިބުނީ، އަމީޒާއަށެވެ.

ވީ ކިހިނެއް؟ - މިރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ޒަރީރު، ފިނޭންސް މިނިސްޓަރުގެ މަގާމަށް މިދިޔަ މަހު ކުރީކޮޅު އައްޔަން ކުރުމާ ގުޅިގެންނެވެ. އެގޮތުން:

  • އެ މަގަމާއަށް އަމީޒާ ހިމެނޭހެން ދެ ބޭފުޅެއްގެ ނަން ރައީސް މުހައްމަދު މުއިއްޒު މުއިއްޒު މަޖިލީހަށް ފޮނުއްވި

  • އަމީޒާގެ އިތުރުން ދެން ހިމެނިވަޑައިގަންވަނީ،  ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިޔަފާރިވެރިޔާ ގާސިމް އިބްރާމްގެ ވިލާ އެއާގެ ހެޑް އޮފް ފައިނޭންސް މުހައްމަދު ހަލީމް އަބްދުﷲ

  • ރައީސްގެ ލިސްޓުގެ ކުރީގައި އޮތީ ހަލީމްގެ ނަން

ތަފްސީލު - މިދިޔަ ހޯމަ ދުވަހު އެ ކޮމިޓީން ވަނީ އެ ދެ ބޭފުޅުންނާ ވެސް އިންޓަވިއުކޮށް، ކޮމިޓީ ރިޕޯޓު އެކުލަވާލާފަ އެވެ. އަދި މިއަދުގެ ޖަލްސާއަށް ކޮމިޓީ ރިޕޯޓު އެޖެންޑާ ކުރި އެވެ.

އެ ރިޕޯޓުގައިވާ ގޮތުން ދެ ބޭފުޅުންނަށްވެސް ރުހުން ދިނުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ. ނަމަވެސް އެންމެ މަތިން މާކްސް ލިބިފައި ވަނީ، އަޒީމާއަށެވެ. އެގޮތުން:

  • އަޒީމާ: %92 މާކްސް

  • ހަލީމް: %83 މާކްސް

ހޯމަ ދުވަހު ބޭއްވި އިގްތިސާދީ ކޮމިޓީގެ އިންޓަވިއުގައި އަމީޒާ ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)
އިގްތިސާދީ ކޮމިޓީގެ މެންބަރުން އަމީޒާއާ  ކުރި އިންޓަވިއުގެ ތެރެއިން

އެންމެ މަތިން އަމިޒާއަށް މާކްސް ލިބުމުން ތަޅުމުގައި ފުރަތަމަ ވޯޓަށް އެހީވެސް އޭނަގެ ނަމަށެވެ. އެގޮތުން:

  • އަމީޒާއަށް ރުހުން ލިބުނީ، 64 މެންބަރުންގެ ވޯޓާއެކު؛ އޭގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ މެންބަރުންވެސް ހިމެނޭ

  • ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވާ

ކޮމިޓީން އަމީޒާއާ ކުރި އިންޓަވިއުގެ ޔޫޓިއުބް ލައިވް

އެނގުން މުހިންމު - ރައީސް ފޮނުވި ލިސްޓުގެ ދެވަނަގައި އޮތް އަމީޒާ، މީރާއާ ގުޅިވަޑައިގެންނެވީ އެ އިދާރާ އުފެއްދެވުމާ އެކު 2010ގައި ސީނިއާ މެނޭޖްމަންޓް އޮފިސަރެއްގެ ގޮތުގައި އެވެ. އެ އިދާރާގެ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުވެސް އޭނާ ފުރުއްވި އެވެ.

ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް އަމީޒާ އައްޔަންކޮށްފައި ވަނީ، 2024ގެ ފަހުކޮޅު އެވެ. އެ މަގާމައަށް އަމީޒާއާ އެކު ވާދަ ކުރެއްވީ، އޭރު ޑެޕިއުޓީ ކޮމިޝަނަރުކަމުގެ އިތުރު ދައުރަކަށް ކުރިމަތިލެއްވި އަސްމާ ޝަފީއު އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް