ޓެކްސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްވި ދެ ބޭފުޅުން (ކ-ވ): އަމީޒާ އަދި ހަލީމް

މީރާ

ޓެކްސް ކޮމިޝަނަރަކަށް މިހާރުގެ ޑެޕިއުޓީ އަމީޒާ ހިމެނޭހެން 2 ނަމެއް؛ ރައީސްގެ ލިސްޓުގެ ކުރީގައި ހަލީމް

މިފަދަ މަގާމުތަކަށް ރުހުން ދިނުމުގައި އާންމު ގޮތެއްގައި މަޖިލީހުން އަމަލު ކުރަނީ، ރައީސް އިސްކަންދެއްވާ ލިސްޓުގެ އެންމެ ކުރީގައި އޮތް ބޭފުޅަކަށް

ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ކޮމިޝަނަރުގެ މަގާމަށް ޑެޕިއުޓީ ކޮމިޝަނަރު ފާތިމަތު އަމީޒާ ހިމެނޭހެން ދެ ނަމެއް ރައީސް މުހައްމަދު މުއިއްޒު މިއަދު މަޖިލީހަށް ފޮނުއްވައިފި އެވެ.

ވީ ކިހިނެއް؟ - މިރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ޒަރީރު، ފިނޭންސް މިނިސްޓަރުގެ މަގާމަށް މިދިޔަ މަހު ކުރީކޮޅު އައްޔަން ކުރުމާ ގުޅިގެންނެވެ.

އެއާއެކު ކޮމިޝަނަރުގެ މަގާމަށް ހުޅުވާލުމުން، ކުރިމަތިލި ބޭފުޅުންގެ ތެރެއިން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ބޭފުޅުންގެ ނަން ރައީސް ވަނީ މިއަދު މަޖިލިހަށް ފޮނުއްވާފަ އެވެ.

ތަފްސީލު - މިއަދުގެ މަޖިލިސް ޖަލްސާގައި މިކަމާ ގުޅިގެން ރައީސް ފޮނުއްވި ސިޓީ ވަނީ އިއްވާފަ އެވެ. އެ ސިޓީގައިވާ ގޮތުން:

  • ރައީސް އިސްކަން ދެއްވި ލިސްޓުގެ ކުރީގައި އޮތީ، މުހައްމަދު ހަލީމް އަބްދުﷲ، ހއ. ތަކަންދޫ. ސާދާގެ

  • ލިސްޓުގެ ދެވަނައިގައި އޮތީ، ފާތިމަތު އަމީޒާ، ގދ. ގައްދޫ ކޯޒީރައުންޑް

މިފަދަ މަގާމުތަކަށް ރުހުން ދިނުމުގައި އާންމު ގޮތެއްގައި މަޖިލީހުން އަމަލު ކުރަނީ، ރައީސް އިސްކަންދެއްވާ ލިސްޓުގެ އެންމެ ކުރީގައި އޮތް ބޭފުޅަކަށެވެ.

ރައީސްގެ ލިސްޓުގެ ކުރީގައި އޮތް ހަލީމް އަކީ، އިންސްޓިޓިއުޓް އޮފް ޗާޓެޑް އެކައުންޓެންޓްސްގެ ރައީސް އެވެ. އޭގެ އިތުރުން:

  • އޭނާއަކީ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިޔަފާރިވެރިޔާ ގާސިމް އިބްރާމްގެ ވިލާ އެއާގެ ހެޑް އޮފް ފައިނޭންސް 

  • އަދި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ބޯޑު ޑިރެކްޓަރެއްގެ މަގާމުވެސް އޭނާ ދަނީ ފުރުއްވަމުންނެވެ.

ރައީސްގެ ލިސްޓުގެ ދެވަނަގައި އޮތް އަމީޒާ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް އައްޔަންކޮށްފައި ވަނީ، 2024ގެ ފަހުކޮޅު އެވެ. އެގޮތުން:

  • ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމައަށް އަމީޒާއާއެކު ވާދަ ކުރެއްވީ، އޭރު އިތުރު ދައުރަކަށް ކުރިމަތިލެއްވި އަސްމާ ޝަފީއު  

  • އަމީޒާ މީރާއާ ގުޅިވަޑައިގެންނެވީ އެ އިދާރާ އުފެއްދެވުމާއެކު 2010ގައި ސީނިއާ މެނޭޖްމަންޓް އޮފިސަރެއްގެ ގޮތުގައި؛ އެ އިދާރާގެ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުވެސް ފުރުއްވި 

އެ ދެބޭފުޅުންގެ ނަން ދިރާސާ ކުރުމަށް މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް މިއަދު ވަނީ ފޮނުވާފަ އެވެ. އެ ކޮމިޓީން އެ ދެބޭފުޅުންނާ އިންޓަވިއު ކުރާނެ އެވެ. އަދި ކޮމިޓީން އެ ދެބޭފުޅުންނަށް މާކްސް ދިނުމަށްފަހު، އަނެއްކާވެސް ތަޅުމުގައި ރުހުން ދޭން ވޯޓަށް އަހާނަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް