މިއަދުގެ މަޖިލިސް ޖަލްސާގައި ޝިޔާމް ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

މިފްކޯއަށް މަސް ގަންނަން މިހާރު ސަރުކާރުން ފައިސާއެއް ނުދެން: ޝިޔާމް

މީގެ ކުރިން ސޯލިހްގެ ސަރުކާރުގައި 25ރ.އަށް ކިލޯއެއް ގަންނަ ގޮތަށް ހެދުމުން ކިލޯއަކަށް 13ރ. ސަބްސިޑީގެ ގޮތުގައި ދައްކަން ޖެހުނު ކަމަށް ޝިޔާމް ވިދާޅުވި

މީގެ ކުރީގެ ސަރުކާރުތަކުގައި މިފްކޯއިން ނުއަގުގައި މަސް ގަނެ، އެ މަސް ގަތުމަށް ސަރުކާރުން ދެމުން އައި ސަބްސިޑީ ދިނުން މި ސަރުކާރުން މިހާރު ހުއްޓާލާފައިވާ ކަމަށާއި މަސް ގަތުމަށް މިހާރު އެންމެ ރުފިޔާއެއް ވެސް އެ ކުންފުންޏަށް ސަރުކާރުން ނުދޭ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝިޔާމް މިގޮތަށް ވިދާޅުވީ، ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ތަފްސީލު - މަސްވެެރިކަމުގެ ސިނާއަތުން ލިބެމުން އަންނަ ޑޮލަރު މި ސަރުކާރުގައި އިތުވެފައިވާކަން ފާހަގަކުރައްވައި މި ސަރުކާރާއި ކުރީ ސަރުކާރާ އަޅާބަލާއިރު އާމްދަނީއަށް މި ފަރަގު އައި ސަބަބާ ގުޅޭ ގޮތުން މެންބަރު މަމްދޫހު ކުރެއްވި އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، ރާއްޖެއިން މަސް ބޭރު ކުރުމުގެ ސިޔާސަތުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އަދި ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ އެ ސިޔާސަތުތަކާ އެކުކަން ޝިޔާމް ފާހަގަ ކުރެއްވި އެވެ.

އެގޮތުން، އޭނާ ވިދާޅުވީ:

  • ޒަމާންތަކެއް ވަންދެން މަސްވެރިކަމުގެ ސިނާއަތްތަކަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތައް ކުރީގެ ސަރުކާރުތަކުގައި އޮތީ ހައްލުނުކޮށް

  • ވަރަށް ބޮޑަށް މި ސިނާއަތަށް އޮތީ އިހުމާލުވެފައި

"ބައްލަވާ 40 އަހަރު މިވީ [ޅ.] ފެލިވަރުގައި އެންމެ ފެކްޓްރީއަކާ އެކު. އެކަމަކު މަސްވެރިކަމުގެ ވާހަކަ ހުރިހާ ސަރުކާރުތަކުން ދައްކާ،" ޝިޔާމް ވިދާޅުވި އެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ޝިޔާމް ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

މިދިޔަ ރިޔާސީ އިންތިހާބުގެ ދެ ބުރު ދޭތެރޭ އޭރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މަސް ކިލޯއެއް 25ރ.އަށް ގަންނަ ގޮތަށް ހެދި އެވެ. އެ ނިންމުމަށް އިޝާރާތް ކުރައްވައި ޝިޔާމް ވިދާޅުވީ:

  • ކިލޯއެއް 25ރ.އަށް ގަންނަ ގޮތަށް ހެދުމުން، ސަރުކާރުން ކިލޯއަކަށް 13ރ. މިފްކޯއަށް ސަބްސިޑީގެ ގޮތުގައި ދައްކަން ޖެހޭ

  • މިފްކޯއަށް އަހަރަކަށް ގާތްގަނޑަކަށް 125،000 ނުވަތަ 123،000 ޓަނުގެ މަސް ކިރައިފި ނަމަ، ބިލިއަނުން ސަބްސިޑީ ދޭން ޖެހޭ

"އަޅުގަނޑު ހިތަށްއަރާ ކީއްވެގެންބާއޭ ބިލިއަނުން ހަރަދު ނުކުރީ އިންފްރަސްޓްރަކްޗާ ގާއިމް ކުރަން [ނުވަތަ] ފެކްޓްރީތައް އަޅަން،" ޝިޔާމް ވިދާޅުވި އެވެ.

"ހަމަ ސިޔާސީ ގޮތުން ވޯޓު ހޯދުމަށްޓަކައި ސަބްސިޑީ ދީދީ މި ތިބެނީ. އަޅުގަނޑަށް މިއަދު ދަންނަވަން ކެރޭ މިހާރު މިފްކޯއަށް މަސް ގަންނާކަށް ސަރުކާރުން، މަސް ގަންނާށޭ ކިޔާފައި އެންމެ ރުފިޔާއެއް ވެސް މިފްކޯއަކަށް މިހާރު ނުދޭ."

މިފްކޯގެ ފެލިވަރު ކާރުހާނާގެ 50 ޓަނާ އެކު އަމިއްލަ ކުންފުނިތައް ހިމެނޭހެން ރާއްޖޭގައި މަސް ޕްރޮސެސިން ކެޕޭސިޓީއަކީ 105 ޓަނުކަން ފާހަގަ ކުރައްވައި ޝިޔާމް ވިދާޅުވީ، މިހާރު ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ނިމުމާ އެކު މަސް ޕްރޮސެސް ކުރެވޭ އަދަދު ތިން ގުނަ ކުރެވޭނެ ކަމަށެވެ.

"ފ. ނިލަންދޫ އާއި ގދ. ފިޔޯރީ އަދި ފެލިވަރުގައި އެ ހުރި 50 ޓަނު އަޅުގަނޑުމެން 100 ޓަނަށް މި ބަދަލު ކުރަނީ. އިރާދަކުރެއްވިއްޔާ މި މަސައްކަތްތައް ނިމާލާއިރު [މަސް ޕްރޮސެސް ކުރެވޭ މިންވަރު] ތިން ގުނަ ކުރެވޭނެ،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ (ފޮޓޯ/ މަޖިލިސް)

މަހުން އާމްދަނީ އިތުރު ކުރެވޭނީ ރޯމަސް ފިނިކޮށްގެން ބޭރުކުރުމުގެ ބަދަލުގައި އެއަށް އަގު އިތުރުކޮށްގެން ރާއްޖެއަށް ބޭރަށް ވިއްކައިން ކަމަށް ކޮންމެ ވެރިއަކު ވެސް ގަބޫލު ކުރައްވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ. ނަމަވެސް އެއާ އެގޮތަށް އަމަލު ނުކުރައްވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މަސްވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކަށް ވެސް މިއަދު އޮތީ ފަހި މާހައުލެއްކަން ޝިޔާމްގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ. އަދި ސަރުކާރުގެ ހެޔޮ ސިޔާސަތުތަކުގެ ސަބަބުން މަސް އެކްސްޕޯޓް ކުރާ އަދަދު އިތުރުވެ، މަހަށް ލިބޭ އާމްދަނީ ވެސް އިތުރުވެގެންދާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް