ރައީސް މުއިއްޒު މިއަދު ދިއްގަރުގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

މަސައްކަތް ކުރަނީ މަހުގެ އަގު ދެމެހެއްޓެނިވި ގޮތެއްގައި 20ރ.އަށް ހަދަން: ރައީސް

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް މިހާރު މަސް ގަންނަނީ ބޭރުގެ ބާޒާރުގައި މަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ، އެކްސްޕޯޓު ކުރުމަށް ހިނގާނެ ހަރަދަށް ބެލުމަށް ފަހު

މަސް ކިލޯއެއްގެ އަގު 20ރ.އަށް ކަނޑައަޅައި ދާއިމީ ގޮތެއްގައި އެ އަގުގައި މަސް ގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މ. ދިއްގަރު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ޓޫރިޒަމަށް ފަހު ރާއްްޖޭގެ އިގްތިސޯދުގައި އެންމެ ހިއްސާ ބޮޑީ މަސްވެރިކަމުގެ ސިނާއަތް ކަމަށާއި އެ ސިނާއަތުގެ ކުރިއެރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ތަފްސީލް - މަސްވެރިކަމުގެ ދާއިރާ އިން ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް އިސްކަންދީގެން މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ:

  • މަސް ކިރާތާ 48 ގަޑިއިރު ތެރޭ ފައިސާ ދިނުމުގެ ވައުދު ދަމަހައްޓަމުން އަންނަ ކަމަށް

  • މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެން އެއްވެސް މެދުކެނޑުމެއް ނެތި އެގޮތަށް ފައިސާ ދޫކުރަމުން އަންނަ ކަމަށް

"އޭގެ ކުރިން އަހަރެއްހާ ދުވަސް ނެގި އެކަން ޓްރެކަށް އަރުވަން. އޭގެ ސަބަބަކީ އަޅުގަނޑުމެންނާ ހަވާލުވި އިރު 250އެއްހާ މިލިއަން ރުފިޔާގެ ބެކްލޮގެއް އޮތް،" ރައީސް ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ ދެން އަޅުގަނޑުވީ އަނެއް މުހިއްމު ވައުދު، 20ރ.ގެ ވައުދު. އެވެސް ސަސްޓެއިނަބަލްކޮށް، މެދު ނުކެނޑި ކުރިއަށް ގެންދަން ބޭނުން ކަމެެއް."

ރައީސް ވިދާޅުވީ ނަމެއްގައި މަހުގެ އަގު 20ރ.އަށް ހަދަން ބޭނުން ނުވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އެކަން ވެސް ހާސިލް ކުރުމަށް އިންޑަސްޓްރީ ތެރެއިން މިދަނީ މިފްކޯ އާއި ފިޝަރީޒްް މިނިސްޓްރީ އާއި ކަމާ ގުޅޭ އެހެން ފަރާތްތަކާ އެކު ސަރުކާރުން މި ދަނީ މަސައްކަތް ކުރަމުން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބައެއް ކަންތައްތަކަކީ ކުއްލިއަކަށް، ފުރަތަމަ ދުވަހު ފެށޭނެ ކަންތައް ނޫން ކަމަށެވެ.

"އެއްވެސް ހާލެއްގައި ވައުދު ނުފުއްދުމެއް ނޫން އެއީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ފާހަގަ ކުރެވޭ - ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް މިހާރު މަސް ގަންނަނީ ބޭރުގެ ބާޒާރުގައި މަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ، އެކްސްޕޯޓު ކުރުމަށް ހިނގާނެ ހަރަދަށް ބެލުމަށް ފަހު އެވެ. އެގޮތުން:

  • އެ ބަދަލުތަކަށް ބަލާ ކޮންމެ ހަފްތާއަކު ވެސް މަސް ގަންނަ އަގަށް ބަދަލު ގެނޭ؛ މިހާރު އާންމުކޮށް އުޅެނީ ކިލޯއެއް 16.ރއަށް

  • މަސް ކިލޯއްގެ އަގު 20ރ.އަށް ހެދުމަކީ ރައީސްގެ ވައުދުފުޅެއް

ކޮމެންޓް (3)

ސިކުނޑި

22 ސެޕްޓެމްބަރު 2025
މިވެސް ދެ އުޅި އެއްނުވާ ޒާތުގެ ވާހަކަފުޅެއް! ރާއްޖޭން ބޭރުން މަސްގަންނަ އަގު ބަދަލު ނުވާހާހިނދަކު މަސް ގަންނަ އަގު 20 ރުފިޔާއަށް ނެހެދޭނެކަން އެންމެނަށްވެސް އިނގޭ! އިންތިޚަބަށް ކޮސް ގޮވުން ހުއްޓާލަންޖެހޭ!!
1 0

ތެފައާސާ.

22 ސެޕްޓެމްބަރު 2025
ބަލާނެ ކަމެއް ނެތް، އިންތިޚާބެއް ބޯމަތިވެއްޖެކަމުގެ އަލާމާތެއް. ވޯޓު ލާން ދާން ރެޑީވޭ!!
3 0
ހަސަން އަލީ Avatar

ހަސަން އަލީ

22 ސެޕްޓެމްބަރު 2025
ވައުދެއް ފުއްދަން އެބަ މަސައްކަތެއް ކުރޭތާ
1 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް