ކޮވިޑް ފެތުރެމުންދިޔަ ދުވަސްކޮޅު ވެކްސިން ޖެހުމަށް މީހަކު ކިއޫގައި މަޑުކޮށްލައިގެން

ހިމަބިހި

ހިމަބިހީގެ ކޭސްތައް 144އަށް؛ 7100 މީހަކަށް ވެކްސިން ދީފި

އެޗްޕީއޭން މިއަދު އާންމުކުރި ތަފާސްހިސާބުތަކުގައި ވާގޮތުން މިދިޔަ ހަފްތާގައި އިތުރު 23 މީހެއްގެ ގައިން މި ބަލި ވަނީ ފެނިފައި؛ ހުރިހާ ކޭސްތަކެއް ވެސް ފެނިފައިވަނީ މާލެ ސަރަހައްދުން

މިދިޔަ ހަފުތާގައި ފެނުނު އިތުރު ކޭސްތަކަކާ އެކު، ރާއްޖެއިން ހިމަބިހި ޖެހިފައިވާ މީހުންގެ އަދަދު 141އަށް އަރައިފި އެވެ.

ވީ ކިހިނެއް؟ - މީގެ ނުވަ އަހަރު ކުރިން ރާއްޖެއިން މުޅިން ނައްތާލާފައިވާ މި ބަލި އަލުން ފެންނަން ފެށީ މިދިޔަ މަހުގެ ކުރީކޮޅެވެ. އޭގެ ފަހުން ބަލި ޖެހޭ މީހުންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް ދަނީ އިތުރުވަމުންނެވެ. މި ބައްޔަށް ފަރުވާ ހޯދަމުންދަނިކޮށް އިއްޔެ ވަނީ ދިވެއްސަކު މަރުވެސްވެފަ އެވެ.

ތަފްސީލް - ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)ން މިއަދު އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މިދިޔަ ހަފްތާގައި އިތުރު 23 މީހެއްގެ ގައިން މި ބަލި ވަނީ ފެނިފަ އެވެ. މި ކޭސްތައް ފެނިފައިވަނީ މާލެ ސަރަހައްދުން ކަމަށް އެޗްޕީއޭން ބުންޏެވެ.

މި ބަލި ފެތުރެމުންދާތީ، ބަލިން ރައްކާތެރިވުމަށް މިދިޔަ މަހުގެ ފަހުކޮޅު ވަނީ ވެކްސިން ދޭން ފަށާފަ އެވެ. އެޗްޕީއޭން މިއަދު ބުނި ގޮތުގައި، މިހާތަނަށް 7،100 މީހަކަށް މި ވެކްސިން ވަނީ ދީފަ އެވެ.

ހިމަބިހިން ރައްކާތެރިވުމަށް ދޭ އެމްއާރު ވެކްސިން ޖަހަމުންދަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މިހާރު ވެކްސިން ދެމުންދަނީ 18 އަހަރުން ދަށުގެ ކުދިންނަށާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށެވެ.

އެނގުން މުހިންމު - ހިމަބިހީގެ ބައެއް އަލާމާތްތައް:

  • ހުންއައުން

  • ރޯގާ ޖެހުން

  • ކެއްސުން

  • ލޯ ރަތްވުން

  • ހަމުގައި ރަތް ބިހިތަކެއް ނެގުން

އެޗްޕީއޭގެ އިލްތިމާސަކީ:

  • ހުންއައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފި ނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުން

  • ފަރުވާ ހޯދަން ދާއިރު، މާސްކް އެޅުމަށާއި އާއްމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުން

  • ޝައްކުވެގެން ޓެސްޓް ހަދައިފި ނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެ ތިބުން

  • ބަލީގެ އަލަމާތެއް ހުރި ނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުން

ކޮމެންޓް (1)

profile-image-placeholder

އަހައްމާ

10 ގަޑިއިރު ކުރިން
ހިމަބިހި ފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް ވެކްސިންދިނުމަށް މުއައްސަސާތަކަށް ދާންފެނޭ އެކަކު އެވަނީ ނިޔާވެސްވެފަ،މައްޔިތާއަށްމާތް ﷲ ހެއޮ ރަހުމަތް ލައްވާށި

އިތުރު އާޓިކަލް

އިތުރު އާޓިކަލް