ހެލްތު މިނިސްޓަރު ގީލާ އަލީ ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަނީ. (ފޮޓޯ/މަޖިލިސް)

ހިމަބިހި

ހިމަބިހި ކޮންޓްރޯލް ނުކުރެވޭ ހާލަތަކަށް ނުދޭ: މިނިސްޓަރު

މިނިސްޓަރު ގީލާ އަލީ ވިދާޅުވީ މި ބަލި އާދަޔާހިލާފަށް ފެތުރެމުން ނުދާ ކަމަށް
1 ގަޑިއިރު ކުރިން

ރާއްޖޭން ނައްތާލާފައިވާ ހިމަބިހި، މި ފަހުން ގިނަ ބަޔަކަށް ޖެހި ބާރަށް ފެތުރެމުން ދިޔަ ނަމަވެސް އެ ބަލި ކޮންޓްރޯލް ނުކުރެވޭ ހާލަތަކަށް އަދި ނުދާ ކަމަށް ހެލްތު މިނިސްޓަރު ޑރ. ގީލާ އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މީގެ ނުވަ އަހަރު ކުރިން ރާއްޖެއިން މުޅިން ނައްތާލާފައިވާ މި ބަލި އަލުން ފެންނަން ފެށީ މިދިޔަ މަހުގެ ކުރީކޮޅެވެ. އޭގެ ފަހުން ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ބަލި ޖެހުނު މީހުންގެ އަދަދު މިހާރު 177އަށް އަރާފައިވާއިރު މިއީ މި ބަލި ރާއްޖޭން ނައްތާލި ފަހުން އެންމެ ގިނަ އަދަދަކަށް މީހުންނަށް ޖެހުނު ފުރަތަމަ ފަހަރެވެ.

ބުނީ ކީކޭ؟ - ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ "ހިމަބިހި ކޮންމެވެސް ވަރަކަށް ރާއްޖެއިން ފެންނަމުންދާ" ކަމަށާއި އެކަމަކު ކޮންޓްރޯލް ނުކުރެވޭ ހާލަތަކަށް ބަލި ނުދާ ކަމަށެވެ.

ގީލާ ވިދާޅުވި ގޮތުގައި:

  • ހިމަބިއްސަކީ ވަރަށް ފަސޭހައިން، ކުރު މުއްދަތެއްގެ ތެރޭގައި އެކަކު އަނެކަކުގެ ގައިން އަރާ ބައްޔެއް

  • އެހެންވެ، ބަލި ފަސޭހަވާން ނަގާ މުއްދަތު ވެސް ކުޑަވާނެ

"އެހެންވެ، މިއީ އާދަޔާ ހިލާފަށް ފެތުރެމުންދާ ނުވަތަ ބަލި ކޮންޓްރޯލް ނުކުރެވިގެން އުޅޭ ވަރުގެ ބައްޔެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

ނައްތާލާފައި އޮތް މި ބަލި، މި ސަރަހައްދުން އެންމެ ބާރަށް ފެތުރޭ ގައުމުތަކުގެ ތެރޭގައި މި އަހަރު ރާއްޖެ ވެސް ވަނީ ހިމެނިފަ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހިމަބިހި މި އަހަރު އެންމެ ގިނައިން ފެތުރެމުން ދަނީ ބަންގްލަދޭޝްގަ އެވެ. މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ދެން މި ބަލި އެންމެ ގިނައިން ފެންނަނީ އިންޑިއާއިންނެވެ. މި ފަހަރު ތިން ވަނައިގައި އޮތީ ރާއްޖެ އެވެ. ސްރީ ލަންކާ އާއި ނޭޕާލް އޮތީ މާ ފަހަތުގަ އެވެ.

ހިމަބިހީގެ ބައެއް އަލާމާތްތައް:

  • ހުންއައުން

  • ރޯގާ ޖެހުން

  • ކެއްސުން

  • ލޯ ރަތްވުން

  • ހަމުގައި ރަތް ބިހިތަކެއް ނެގުން

އެޗްޕީއޭގެ އިލްތިމާސަކީ:

  • ހުންއައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފި ނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުން

  • ފަރުވާ ހޯދަން ދާއިރު، މާސްކް އެޅުމަށާއި އާއްމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުން

  • ޝައްކުވެގެން ޓެސްޓް ހަދައިފި ނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެ ތިބުން

  • ބަލީގެ އަލަމާތެއް ހުރި ނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުން

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް