އެޓްމޮސްފިއާ ފައުންޑޭޝަނުން އެމްއެންޔޫއަށް މަތީ ފެންވަރުގެ އިންޑަސްޓްރިއަލް ބަދިގެ ސާމާނުތަކެއް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/އެމްއެންޔޫ)

އެޓްމޮސްފިއާ ފައުންޑޭޝަނުން އެމްއެންޔޫއަށް ބަދިގެ ސާމާނު ހަދިޔާކޮށްފި

ހަދިޔާކުރި ހުރިހާ ސާމާނެއް މިހާރު ވަނީ ހަރުކޮށް، ކަލިނަރީ އާޓްސް އާއި ހޮސްޕިޓާލިޓީ މެނޭޖްމަންޓް ދާއިރާގައި ކިޔަވައިދޭ މުދައްރިސުންނާއި ކިޔަވާ ދަރިވަރުން އަމަލީ ގޮތުން ބޭނުންކުރުމަށް ތައްޔާރުކޮށްފައި
1 ގަޑިއިރު ކުރިން

ކަލިނަރީ އާޓްސް އާއި ހޮސްޕިޓާލިޓީ މެނޭޖްމަންޓް ދާއިރާއިން ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންގެ އަމަލީ ތަމްރީނުތަކުގެ ވަސީލަތްތައް ވަރުގަދަކުރުމަށްޓަކައި، ރާއްޖޭގައި ރިސޯޓް ހިންގާ އެޓްމޮސްފިއާ ކޯ އިން އެހީގެ ހަރަކާތްތައް ހިންގާ އެޓްމޮސްފިއާ ފައުންޑޭޝަނުން މަތީ ފެންވަރުގެ އިންޑަސްޓްރިއަލް ބަދިގެ ސާމާނުތަކެއް ރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)އަށް މިއަދު ރަސްމީކޮށް ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - މި ތަކެތި ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު ބޭއްވީ އެމްއެންޔޫގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އިމާރާތުގަ އެވެ.

ހަދިޔާކުރި ހުރިހާ ސާމާނެއް މިހާރު ވަނީ ހަރުކޮށް، މުދައްރިސުންނާއި ދަރިވަރުން އަމަލީ ގޮތުން ބޭނުންކުރުމަށް ތައްޔާރުކޮށްފަ އެވެ.

އެޓްމޮސްފިއާ ފައުންޑޭޝަނުން އެމްއެންޔޫއަށް މަތީ ފެންވަރުގެ އިންޑަސްޓްރިއަލް ބަދިގެ ސާމާނުތަކެއް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/އެމްއެންޔޫ)

ތަފްސީލް - މި އެހީގެ މައިގަނޑު މަގްސަދަކީ، އެޓްމޮސްފިއާ ފައުންޑޭޝަނުން ބުނި ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށްދާން ތައްޔާރުވާ ދަރިވަރުންގެ ހުނަރުތައް ތަރައްގީކޮށް، ސިނާއަތުގެ އަމަލީ މާހައުލަށް އެ ދަރިވަރުން ތައްޔާރުކުރުމެވެ.

މި ވަސީލަތްތަކުގެ ސަބަބުން ދަރިވަރުންނަށް ޕްރޮފެޝަނަލް ބަދިގެއެއްގެ މާހައުލުގައި ތަމްރީނުވުމުގެ ފުރުސަތު ލިބި، ކްލާސްރޫމްގައި އުގެނޭ ތިއަރީތައް އަމަލީ ގޮތުން ތަޖުރިބާކުރުމަށް މަގުފަހިވެގެންދާނެކަން އެ ފައުންޑޭޝަނުން ފާހަގަކުރި އެވެ.

ބުނީ ކީކޭ؟ - އެޓްމޮސްފިއާ ފައުންޑޭޝަންގެ ނައިބު ރައީސް އަބްދުލްއަޒީޒް އަބްދުލްހަކީމް ވިދާޅުވީ، މި ހަރަކާތަކީ ތައުލީމާއި ހުނަރު ކުރިއެރުވުމަށާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިގު މުއްދަތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ފައުންޑޭޝަނުން ބަހައްޓާ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.

"އެޓްމޮސްފިއާ ފައުންޑޭޝަނުން ގަބޫލުކުރަނީ ފަތުރުވެރިކަމުގެ ދާއިރާގެ ހަގީގީ ކުރިއެރުން ގުޅިފައިވަނީ އިންސާނީ ވަސީލަތްތަކާއި އަމަލީ އުގެނުމަށް ކުރެވޭ އިންވެސްޓްމަންޓްތަކާ ކަމަށް،" އޭނާ ވިދާޅުވި އެވެ.

"އެމްއެންޔޫއަށް ސިނާއަތުގެ ފެންވަރުގެ ބަދިގެ ސާމާނު ފޯރުކޮށްދިނުމުގެ ސަބަބުން، ދަރިވަރުންނަށް އަމަލީ ތަމްރީނުތައް ހޯދުމަށް ފަސޭހަވެ، ރާއްޖޭގެ ކަލިނަރީ އަދި ފަތުރުވެރިކަމުގެ ދާއިރާގެ މުސްތަގުބަލުގެ ޖީލު މަސައްކަތުގެ މާހައުލަށް ތައްޔާރުކުރުމަށް އެހީތެރިވެދޭނެ ކަމަށް އުންމީދު ކުރަން."

އެޓްމޮސްފިއާ ފައުންޑޭޝަންގެ ނައިބު ރައީސް އަބްދުލްއަޒީޒް އަބްދުލްހަކީމްް. (ފޮޓޯ/އެމްއެންޔޫ)

އެމްއެންޔޫގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ޑީން ޒީނަތު ސޯލިހު ވިދާޅުވީ، މި އެހީގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ ފެންވަރަށް އަމަލީ ތަމްރީނުތައް ފޯރުކޮށްދިނުމަށް އެ ފެކަލްޓީއަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށެވެ.

"ކަލިނަރީ އާޓްސް އަދި ހޮސްޕިޓާލިޓީ މެނޭޖްމަންޓް ކިޔަވާ ދަރިވަރުންނަށް، މިފަދަ އިންޑަސްޓްރިއަލް ސާމާނު ބޭނުންކުރުމުގެ ފުރުސަތު ލިބުމަކީ ގާބިލުކަމާއި އަމިއްލަ ނަފްސަށް އޮންނަ އިތުބާރާ އަދި އަހުލާގު ހިފެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެއް،" އޭނާ ވިދާޅުވި އެވެ.

"އެޓްމޮސްފިއާ ފައުންޑޭޝަނާއި އެމްއެންޔޫއެފްއެޗުޓީއެސްއާ ދެމެދު އޮތް މި މުހިންމު ގުޅުމަކީ، ޔުނިވަސިޓީގެ ތައުލީމީ ފެންވަރު މަތިކުރުމަށާއި ގައުމު ބިނާކުރުމަށް އެމްއެންޔޫން ގެންގުޅޭ ތަަސައްވުރާ އެއްގޮތަށް ހުނަރުވެރި ދަސްވެނިންތަކެއް އުފެއްދުމަށް ލިބުނު ބާރެއް. މީގެ ސަބަބުން ކިޔަވައިދިނުމުގެ މާހައުލަށް ސީދާ އެހީތެރިކަން ލިބި، ދަރިވަރުން ފަހުން އަމަލީ މާހައުލަށް ނުކުމެ ބޭނުންކުރަންޖެހޭ ފަދަ ސާމާނުތައް ތަޖުރިބާކުރުމުގެ ފުރުސަތު ފަހިވާނެ."

އެޓްމޮސްފިއާ ފައުންޑޭޝަންގެ ނައިބު ރައީސް އަބްދުލްއަޒީޒް އަބްދުލްހަކީމްް. (ފޮޓޯ/އެމްއެންޔޫ)

އެޓްމޮސްފިއާ ފައުންޑޭޝަނުން ހަދިޔާކުރި ތަކެތި ރަނގަޅަށް ބަލަހައްޓައި، ތައުލީމީ މަގްސަދުގައި ބޭނުންކުރުން ކަށަވަރުކުރުމުގެ ފިޔަވަޅުތައް ވެސް ވަނީ އަޅާފަ އެވެ. އެގޮތުން، އެމްއެންޔޫން ހާއްސަ އޮޕަރޭޝަނަލް މިންގަނޑުތަކަކަށް އަމަލުކުރާނެ އެވެ. އޭގެ ތެރޭގައި:

  • ތަޖުރިބާކާރު މުދައްރިސުންގެ ބެލުމުގެ ދަށުން ދަރިވަރުން ތަކެތި ބޭނުންކުރުން

  • ފިނިހޫނުމިން ކޮންޓްރޯލްކުރެވޭ ފެސިލިޓީތަކުގައި ބެހެއްޓުން

  • ތަކެތި ބޭނުންކުރާ ގޮތުގެ ތަފްސީލީ ލޮގްބުކްތައް ބެލެހެއްޓުން 

އެނގުން މުހިންމު - މި އެހީއަކީ އެޓްމޮސްފިއާ ފައުންޑޭޝަނާއި އެމްއެންޔޫއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދިޔަ ކަމެކެވެ. މީގެ ކުރިން ވެސް އެ ދެ މުއައްސަސާއިން ވަނީ ރާއްޖޭގައި އޮނު ހެއްދުމާ ގުޅޭ ދިރާސާ ކުރުމާ ގުޅޭ އެމްއޯޔޫއެއްގެ ދަށުން ގުޅިގެން މަސައްކަތްކޮށްފަ އެވެ.

ގައުމީ ޔުނިވާސިޓީ

ޕްރޮފައިލް ޕޭޖް

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް