ޕްލާސްޓިކް ކޮތަޅުތަކެއްގައި މުދާ އުފުލަނީ

ރާއްޖެއަށް ކުނި އެތެރެ ކުރުން މަނާކޮށް، ކޮތަޅު ޓެކްސްއިން ލުޔެއް ދެނީ

ބިލުގައި އޮތީ، 50 ކޮތަޅަށް ވުރެ ގިނަ ކޮތަޅު ހުންނަ ކޮތަޅު ބޮނޑިން ޓެކްސް ނުނަގާ ގޮތަށް ހެދުމަށް

ރާއްޖެއަށް ކުނި އެތެރެ ކުރުން މަނާކޮށް، ކޮތަޅު ޓެކްސްއިން ލުޔެއް ދޭން، ކުނި މެނޭޖުކުރުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މިއަދު އިސްލާހު ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ، އުނގޫފާރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝިފާޒް އެވެ. ބިލު ހުށަހެޅުމަށް ފަހު، އިބްތިދާއީ ބަހުސް ވެސް މިއަދު ވަނީ ފަށާފަ އެވެ.

ތަފްސީލު - މި ބިލުން ގެންނަ ބޮޑު އެއް ބަދަލަކީ ރާއްޖެއަށް ކުނި އެތެރެ ކުރުން މަނާ ކުރުމެވެ. އެގޮތުން:

  • ގާނޫނުގެ 44 ވަނަ މާއްދާ މިހާރު އޮންނަ ގޮތުން، މިނިސްޓްރީގެ ހުއްދައެއް އޮވެގެން ރާއްޖެއަށް ކުނި އެތެރެ ކުރެވޭނެ

  • ނަމަވެސް މި އިސްލާހުގައި އެ މާއްދާ އިސްކުރަން ހުށަހަޅާފައި ވަނީ، ހުއްދައެއް ލިބިގެން ވެސް ރާއްޖެއަށް ކުނި އެތެރެ ނުކުރެވޭ ގޮތް ހެދުމަށް

  • އެ މާއްދާ މިހާރު އިސްލާހު ކުރާ ގޮތަކީ: "އެއްވެސް ފަރާތަކުން، އެއްވެސް ބާވަތެއްގެ ކުންޏެއް ރާއްޖެއަށް އެތެރެ ކުރުމަކީ ކުށެކެވެ." 

ރާއްޖެއަށް ކުނި އެތެރެ ކުރުމަކީ ކުށެއް ކަމަށް ކަނޑައެޅި ނަމަވެސް، އެ ކުށަށް ދޭނެ އަދަބެއް ބިލުގައި ސީދާ ބަޔާންކޮށްފައެއްނުވެ އެވެ.

ނަމަވެސް، ގާނޫނުގެ 63 ވަނަ މާއްދާގައި މިހާރު އޮންނަ "ގާނޫނާ ހިލާފަށް" ރާއްޖެއަށް ކުނި އެތެެރެކޮށްފި ނަމަ، މިހާރު ވެސް ފިޔަވަޅު އެޅެ އެވެ. އެއީ 5 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރުމެވެ. އެހެންކަމުން، އަލަށް މި ގެންނަ އިސްލާހާ އެކު، ރާއްޖެއަށް ކުނި އެތެރެ ކުރާ ފަރާތެއް އެ އަދަދުން ޖޫރިމަނާ ކުރެވޭނެ އެވެ.

މި ބިލު ސްޕޮންސާ ކުރެއްވި މެންބަރު ޝިފާޒު މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

މިދިޔަ އެމްޑީޕީގެ ސަރުކާރުގައި، ޑިސެމްބަރު 2022ގައި ގާނޫނަށް ގެނައި އިސްލާހަކާ އެކު، އޭޕްރީލް 2023ގައި  ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ޓެކްސްގެ ގޮތުގައި 2ރ. ނަގަން ފެށި އެވެ. ސަރުކާރުން މި ފަހަރު ހުށަހެޅި ބިލުގައި އޮތް މައިގަނޑު އަނެއް ބަދަލަކީ އެ ޓެކްސްއަށް ލުޔެއް ދިނުމެވެ. އެގޮތުން:

  • ގާނޫނު މިހާރު އޮންނަ ގޮތުން ކިތަންމެ މަދަސް ނުވަތަ ގިނަޔަސް ކޮތަޅު ބޮނޑި ގަންނަ އިރު ވެސް ޓެކްސް ދައްކަން ޖެހޭ

  • މިފަހަރުގެ އިސްލާހުގައި އޮތީ ކޮތަޅު ޓެކްސް ނެގުން އިސްތިސްނާ ހަލާތެއްގެ ގޮތުގައި "50 ކޮތަޅަށް ވުރެ ގިނަ އަދަދަކަށް ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި"ން ޓެކްސް ނުނަގާ ގޮތަށް

އެހެންކަމުން، މި އިސްލާހު އެ ގޮތަށް އޮވެ ފާސްވެއްޖެ ނަމަ، 50 ކޮތަޅަށް ވުރެ ގިނަ އަދަދަކަށް ޕްލާސްޓިކް ކޮތަޅު ހުންނަ ކޮތަޅު ބޮނޑިން ޓެކްސް ނުނަގާނަ އެވެ. ނަތީޖާއެއްގެ ގޮތުން ގަނޑުކޮށް ކޮތަޅު ބޮނޑި ގަންނަ އިރު އެ ބޮނޑި އަގުހެޔޮވާނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް