މީހަކު މާލޭގެ ފިހާރައަކުން އެއްޗެއް ގަނެގެން ޕްލާސްޓިކް ކޮތަޅެއްގައި ގެންދަނީ. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ ޔަޝާއު)

ރައީސް އޮފީސް

އަންނަ އޭޕްރީލް 18 އިން ފެށިގެން ޕްލާސްޓިކް ކޮތަޅަށް 2ރ. ދައްކަން ޖެހޭނެ

މި ޓެކްސް ނުނަގައި ޕްލާސްޓިކް ކޮތަޅެއް ދީފި ނަމަ، 5،000ރ. އާއި 50،000ރ.އާ ދެމެދުގެ އަދަދަކުން އެ ފިހާރައެއް ޖޫރިމަނާ ކުރެވޭނެ
18 ޑިސެމްބަރު 2022
1

އަންނަ އޭޕްރީލް އިން ފެށިގެން ފިހާރަތަކުން ވިޔަފާރިކުރުމުން ދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް 2ރ. ދައްކަން ޖެހޭ ގޮތަަށް އޮތް 'ކުނި މެނޭޖްކުރުމުގެ ބިލު'، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު ހުށަހެޅުއްވި އެ ބިލަށް އިސްލާހުތަކެއް ގެނެސް، މަޖިލީހުން  ފާސްކުރީ މިދިޔަ މަހު އެވެ. ކުނި މެނޭޖްކުރުމުގެ ބިލު ރައީސް މިއަދު ތަސްދީގުކުރެއްވުމުން، މިއަދުން ފެށިގެން އެ ގާނޫނަށް އަމަލުކުރަން ފަށާނެ އެވެ.

ތަފްސީލް - އެ ގާނޫނުގައި ހިމެނޭ އެންމެ މުހިއްމު އެއް ކަމަކީ ވިޔަފާރިކުރުމުން ދޭ ޕްލާސްޓިކް ކޮތަޅުން ޓެކްސް ނެގުމެވެ. މި ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން ހަތަރު މަސްދުވަހުގެ ތެރޭގައި ފިހާރަތަކުން ކަސްޓަމަރަށް ދޭ ޕްލާސްޓިކް ކޮންމެ ކޮތަޅަކަށް ޓެކްސްގެ ގޮތުގައި އެ ކަސްޓަމަރުގެ އަތުން 2ރ. ނަގަން ޖެހެ އެވެ. މިއަދުން ފެށިގެން ހަތަރު މަސްދުވަސް ހަމަވާނީ އަންނަ އޭޕްރިލް މަހުގެ 18 އަށެވެ.

  • ޕްލާސްޓިކް ކޮތަޅުން ނަގާ ޓެކްސް އެ ވިޔަފާރިއަކުން މީރާއަށް ދައްކަން ޖެހޭނެ

  • މި ޓެކްސް ނުނަގައި ޕްލާސްޓިކް ކޮތަޅެއް ދީފި ނަމަ، 5،000ރ. އާއި 50،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ

ޕްލާސްޓިކް ކޮތަޅުތަކެއްގައި މުދާ އުފުލަނީ

މި ގާނޫނުގައި ކޮތަޅުން ޓެކްސް ނެގުން އިސްތިސްނާވާ ހާލަތްތައް ވެސް ހިމަނާފައިވެ އެވެ. އެއީ:

  • ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮތަޅު

  • ބަންދުނުކޮށް ހުންނަ ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު

  • ކުނި މެނޭޖުކުރުމުގެ ހިދުމަތް ދޭ ފަރާތްތަކުން ކުނި އަޅަން ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ 'ބިން ލައިނާ'

ގުޅުން ހުރި ކަމެއް - މިއަދުން ފެށިގެން އެއް އަހަރުދުވަހުގެ ތެރޭގައި ކުނި މެނޭޖު ކުރުމާ ބެހޭ ގައުމީ ޕްލޭނެއް އެންވަޔަރްމެންޓް މިނިސްޓްރީން އެކުލަވާލަން ޖެހޭނެ ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ. މި ޕްލޭންގައި ހިމަނަން ޖެހޭ ކަންތައްތަކަކީ:

  • ކުނި މެނޭޖު ކުރުމުގެ ގައުމީ ސިޔާސަތު

  • ކުނި މެނޭޖު ކުރުމުގެ ގައުމީ ސިޔާސަތު ތަންފީޒުކުރާނެ ސްޓްރެޓެޖީތަކާއި ލަނޑުދަނޑިތައް

  • އާއްމު ކުންޏާއި ކޮންސްޓްރަކްޝަން ކުންޏާއި ނުރައްކާތެރި ކުންޏާއި ހާއްސަ ކުނި މެނޭޖު ކުރާނެ ގޮތްތައް

  • ރަށު އަދި ސިޓީ ފެންވަރުގަ އާއި ސަރަހައްދީ ފެންވަރުގައި ކުނި މެނޭޖު ކުރާނެ ގޮތްތައް

ފަސް މަންޒަރު - އެ ގާނޫނު އެކުލަވާލެވުނީ ކުނި މެނޭޖްކުރާނެ ގޮތްތައް ބަޔާންކުރުމަށް ކަމަށްވީ ނަމަވެސް، ރާއްޖެއަށް ކުނި އެތެރެކުރެވޭ ގޮތް އެ ގާނޫނުގެ ދަށުން މަގުފަހިވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެހެންވެ، މިނިސްޓްރީން ވަނީ، އަންނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުން އެ ގާނޫނުގެ 44 ވަނަ މާއްދާއަށް އިސްލާހު ހުށަހަޅަން ނިންމާފަ އެވެ.

ކޮމެންޓް (1)

ތަކުރު

18 ޑިސެމްބަރު 2022
މިދިޔަ ޖުލައި މަހުންފެށިގެން އެސްޓީއޯއިން 2ރުފިޔާނަގާ ކޮތަޅައް ..
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް