ކުރީގެ ތިން ރައީސުން މިދިޔަ މެއި މަހު ބޭއްވި ބައްދަލުވުމަށްފަހު، އެ ސަރައްހަދުގައި އޮތް މުޒާހަރާގެ ކުރީ ސަފުގައި (ފައިލް ފޮޓޯ/ މުހައްމަދު އަފްރާހު)

މުޒާހަރާތަކުގެ ސެކިއުރިޓީ ކަނޑާލައިިފި ނަމަ، ޓެރަރިސްޓް ހަމަލާއެއް ދީފާނެ: ނަޝީދު

ނަޝީދު ވިދާޅުވި ގޮތުގައި، ސެކިއުރިޓީ ކަނޑާލިޔަސް އެ މަނިކުފާނު މުޒާހަރާއަށް ނުކުންނަވާނެ

އެމްއެންޑީއެފުން ކުރީގެ ރައީސުންނަށް ދޭ ސެކިއުރިޓީ، މުޒަހަރާތައް ކުރާ ވަގުތުގައި އެ ބޭފުޅުންނަށް ނުދޭން މަޖިލީހުގެ ކޮމިޓީން ނިންމުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި އެހެން ހަދައިފި ނަމަ، އެފަދަ އެއްވުންތަކަށް ޓެރަރިސްޓް ހަމަލާއެއް ދިނުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީން މިދިޔަ ހަފްތާގައި ނިންމި އެ ނިންމުމާ ގުޅޭ ގޮތުން ނަޝީދު ކަންބޮޑުވުން ފާޅު ކުރެއްވީ، މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ތަފްސީލު - އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ނަޝީދު ވިދާޅުވީ، ދުނިޔޭގެ ސިޔާސީ ލީޑަރުންނަށް ހަމަލާތައް ގިނައިން ދީފައި ހުރީ އެއްވުންތަކުގެ ތެރެއިން ކަމަށެވެ. އެހެންކަމުން، ސެކިއުރިޓީ ކަނޑާލާ ހަލާތުގައި އެފަދަ ހަމަލާއެއް ދިނުމަކީ އެ މަނިކުފާނުގެ ކަންބޮޑުވުން އޮތް ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވި އެވެ.

"ރާއްޖޭގައި އެކަންޏެއް ނޫން، ސައުތު އޭޝިއާއަށް ބައްލަވާލެއްވީމާ ވެސް [ނުވަތަ] އޭޝިއާ ގައުމުތަކަށް ބައްލަވާލެއްވިޔަސް [އަދި] އެފްރިކާއަށް ބައްލަވާލެއްވިޔަސް ގިނަ ފަހަރަށް ހަމަލާ ދީފައި ހުންނަނީ ސިޔާސީ އެއްވުމެއްގެ ތެރެއިން. އެހެންވީމަ، ވަށައިގެން ތިބޭ ވަރަށް ގިނަ ބަޔަކަށް ގެއްލުންވެފައި އެބަވޭ،" އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާ ނަޝީދު ހަވާލުވެވަޑައިގަތުމަށް ފަހު ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

"ބައެއް ފަހަރު 30 މީހުން މަރުވެފައި، އަނެއް ބައި ފަހަރު 80 މީހުން މަރުވެފައި އެބަވޭ. އެންމެ ބޮޑަށް ސަލާމަތީ ބާރުތަކުން ސަލާމަތްތެރިކަން ބަލަހައްޓަން މި ޖެހެނީ އެއްވުމެއްގެ ތެރެއިން. އެއްވުމެއްގެ ތެރެއަށް ޓެރަރިސްޓް ހަމަލާއެއް އަތުވެދާނެ ކަމުގެ ބިރުވެރިކަން އަބަދު ވެސް އޮންނާނެ."

އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ސެކިއުރިޓީ ކަނޑާލައިފި ނަމަ، "އެއީ މުޅި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ލިބޭ ވަރަށް ބޮޑު އުނިކަމެއް"ގެ ގޮތުގައި ނަޝީދު ސިފަ ކުރެއްވި އެވެ. އެހެންކަމުން މުޅި ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ވެސް 241 ކޮމިޓީގެ އެ ނިންމުން ތަންފީޒު ނުކުރުމަށް އެ މަނިކުފާނު ގޮވާލެއްވި އެވެ.

"[ސެކިއުރިޓީ ކަނޑާލައިފި ނަމަ އެ] ސިޔާސީ އެއްވުންތަކަށް ޓެރަރިސްޓް ހަމަލާ އައުމަކީ ވަރަށް ގާތްކަމެއް. އެއީ މިހާރު ވެސް ގާތް ކަމެއް،" މީގެ ފަސް އަހަރު ކުރިން އެ މަނިކުފާނު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއަކުން ފުރާނައަށް ނުރައްކާވި ނަޝީދު އަނެއްކާވެސް ތަކުރާރުކޮށް ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ:

  • ސިޔާސީ ބޭނުމަށް ވެސް މިއީ ކުރާ ބާވަތުގެ ކަމެއް ނޫން

  • އެމްއެންޑީއެފުން އެފަދަ އެއްވުންތަކުގެ ސެކިއުރިޓީ ބަލަހައްޓަން ޖެހޭނެ

  • އެ ބޭފުޅުންގެ ގާނޫނީ ޒިންމާ އެ ބޭފުޅުން އަދާ ކުރާނެ؛ އެކަމާ ޝައްކެއް ނެތް

"އަޅުގަނޑު މުޒާހަރާއަށް ނުކުތުން ހުއްޓުމަކަށް ނާންނާނެ. ސެކިއުރިޓީ ކަނޑާލިޔަސް މުޒާހަރާއަށް ނުކުންނާނަން. އެއީ ގުޅުމެއް ހުރި ކަމެއްގެ ގޮތުގައި އެއްވެސް ބޭފުޅަކު ދެކެވަޑައިގެން ވެސް ނުވާނެ،" ސެކިއުރިޓީ ކަނޑާލައި ނަމަ، ސެކިއުރިޓީއާ ނުލާ ވެސް މުޒާހަރާއަށް ނުކުންނަވާނަންތޯ 'ދައުރު'ން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ކަންބޮޑުވުމަކީ، އަޅުގަނޑު މަރުވުން އެކަންޏެއް ނޫން. ބައިވަރު މީހުންނަށް ގެއްލުން ލިބިދާނެތީ. މިއީ ސަމާސާއަށް، ސިޔާސީ ވިސްނުމެއްގައި ކުރާ ކަހަލަ ކަމެއް ނޫން."

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް