'ދައުރު' ޕޮޑްކާސްޓް 'އެއްބަސްވެ ދެބަސްވަމާ'ގައި ކުރީގެ މިނިސްޓަރު ފައްޔާޒު އިސްމާއިލް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ހަނިމާދޫ އެއާޕޯޓަށް އިންޓަނޭޝަނަލް ފްލައިޓްތައް ޖެއްސޭނެ، އެއާޕޯޓް ބޭނުންނުކޮށް ބޭއްވުމަކީ އުތުރުގެ ތަރައްގީއަށް އަޅާ ހުރަހެއް: ފައްޔާޒު

ހަނިމާދޫ އެއާޕޯޓަށް އިންޓަނޭޝަނަލް ފްލައިޓް ސީދާ ދަތުކުރެވޭނެ ކަމަށް ކުރީގެ އިކޮޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ އެ ތަން ބޭނުންނުކުރާ ސަބަބަކަށް ވައިޓްބޮޑީ އެއާކްރާފްޓް ޖެއްސޭ ވަރަށް ތަރައްގީ ނުކުރާ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަމީން ވިދާޅުވުމުން
59 މިނިޓު ކުރިން

އެމްޑީޕީގެ ސަރުކާރުން ހދ. ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށްފައިވަނީ އިންޓަނޭޝަނަލް ފްލައިޓްތައް ޖެއްސޭނެ ފެންވަރަށް ކަމަށާއި އެ އެއާޕޯޓް ބޭނުންނުކޮށް ބޭއްވުމަކީ އުތުރުގެ ތަރައްގީއަށް އަޅާ ހުރަހެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިންމައި ހުޅުވި ފަހުން ބޭރުގެ ފްލައިޓްތައް އެ އެއާޕޯޓަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަނުޖެހި އޮތީ ކީއްވެގެންތޯ، މިދިޔަ އަންގާރަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްގަފޫރު މޫސާ ސުވާލުކުރެއްވި އެވެ.

އިދިކޮޅު އެމްޑީޕީގެ އެ މެންބަރުގެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު އަމީން ވިދާޅުވީ ދިގު ދަތުރުތައް ކުރުމަށް ބޭނުންކުރާ ބޮޑެތި ބޯޓުތައް ހަނިމާދޫ އެއާޕޯޓަށް ޖެއްސެން ނެތް ކަމަށެވެ. އެ ގޮތުން:

  • ހަނިމާދޫ އެއާޕޯޓު މި ހިސާބަށް ތަރައްގީކޮށްފައިވަނީ ވައިޑް ބޮޑީ މަތިންދާބޯޓު އޮޕަރޭޓް ކުރާ ކެޕޭސިޓީއަކު ނޫން ކަމަށް

  • އެ އެއާޕޯޓު މިހާރު ތަރައްގީކޮށްފައި އޮތް ގޮތުން އެއާބަސް އޭ330، އޭ340 ނުވަތަ 777ގެ ކެޓަގަރީގެ ބޯޓެއް އެ އެއާޕޯޓަށް ނުޖެއްސޭނެ ކަމަށް

ތަފްސީލް - އަމީންގެ އެ ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުން ފައްޔާޒު މިއަދު ކުރެއްވި ޕޯސްޓްގައި ވިދާޅުވީ އެއާބަސް އޭ320 އަދި ބޮއިންގް 737 މަރުކާގެ ބޯޓުތަކަކީ އިންޑިއާ އާއި ލަންކާގެ އިތުރުން ޔޫއޭއީ، ގަތަރު، ކުވެއިތު، ތައިލޭންޑް، މެލޭޝިއާ އަދި ސިންގަޕޫރަށް ޑައިރެކްޓުކޮށް ދަތުރުކުރެވޭނެ ބޯޓުތަކެއް ކަމަށެވެ.

ޔޫރަޕާއި، ޗައިނާ އަދި އެހެން މަންޒިލްތަކުގެ ފަތުރުވެރިންނަށް ވެސް އެ އެއާޕޯޓުތަކުން ކަނެކްޓިން ފްލައިޓުތަކުގައި ހަނިމާދޫއަށް ދަތުރުކުރެވޭނެ ކަން ފައްޔާޒު ފާހަގަކުރެއްވި އެވެ.

"ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ ފަސިންޖަރުން އުފުލަނީ ނެރޯބޮޑީ އެއާކްރާފްޓުތަކުގައި،" ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރުގައި ވައިޓް ބޮޑީ އެއާޕޯޓް ޖެއްސޭ ވަރަށް ހަނިމާދޫ އެއާޕޯޓަށް އިންވެސްޓް ނުކުރި ސަބަބަކީ މި ވަގުތު ޑިމާންޑު އެ ވަރަށް ނެތުމުން، އިގުތިސޯދީ ގޮތުން ހަމަޖެހޭ ނިންމުމަކަށް ނުވާނެތީ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެެހެން ނަމަވެސް އެ ޑިމާންޑު އުފެދޭ ދުވަހެއްގައި ރަންވޭ ބޮޑުކުރުމަށް ބިން އޮތީ އޭރު ވެސް ހަމަޖައްސާފައި ކަމަށް ވިދާޅުވި އެވެ.

"އެ ޕްރޮޖެކްޓު ފެށުމާއެކު ބޮޑު ތިލަދުންމަތީގެ ބިމާއި އިންވެސްޓުމަންޓުގެ އަގު އުފުލުނުއިރު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ބޭނުންނުކޮށް ބޭއްވުމަކީ މި ސަރުކާރުން އުތުރުގެ ތަރައްގީއަށް އަޅަމުންދާ ހުރަހެއް،" އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ފައްޔާޒު ވިދާޅުވި އެވެ.

ފަތުރުވެރިކަން، މަސްވެރިކަން، ލޮޖިސްޓިކްސް އަދި ރިއަލް އެސްޓޭޓް ފަދަ އިގުތިސާދީ ދާއިރާތައް ފުޅާކުރުމަށް އެ އެއާޕޯޓަށް އިންޓަނޭޝަނަލް ފްލައިޓުތައް ގެންނަން ޖެހޭ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

ފަސްފަހަތް - އިންޑިއާގެ އެގްޒިމް ބޭންކުގެ ކްރެޑިޓް ލައިންގެ ދަށުން 136 މިލިއަން ޑޮލަރު (2 ބިލިއަން ރުފިޔާ)އަށް ހަނިމާދޫ އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ޖެނުއަރީ 2023ގަަ އެވެ. އެ މަސައްކަތް ނިންމައި އެއާޕޯޓު އަލުުން ހުޅުވީ ނޮވެމްބަރު 2025ގަ އެވެ.  

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް