މިއަދުގެ މަޖިލިސް ޖަލްސާގެ ތެރެއިން މިނިސްޓަރު އަމީން (ފޮޓޯ. މަޖިލިސް)

ހަނިމާދޫ އެއާޕޯޓު ތަރައްގީކޮށްފައި އޮތީ ދިގު ދަތުރު ކުރެވޭ ބޮޑެތި ބޯޓު ޖެއްސޭ ގޮތަކަށް ނޫން: އަމީން

ޗައިނާ ފަދަ ދިގު ދަތުރުތަކަށް އެ އެއާޕޯޓު މިހާރު ތަރައްގީކޮށްފައި އޮތް ގޮތުން ބޭނުން ނުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި

މިދިޔަ ސަރުކާރުގައި ފަށައި މި ސަރުކާރުގައި ހުޅުވި ހދ. ހަނިމާދޫ އެއާޕޯޓު ތަރައްގީކޮށްފައި އޮތީ ބޭރުގެ ދިގު ދަތުރުތައް ކުރެވޭ އެންމެ ބޮޑެތި މަތިންދާބޯޓު ޖެއްސޭ ފެންވަރަކަށް ނޫން ކަމަށް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އިންޑިއާގެ އެގްޒިމް ބޭންކުގެ ކްރެޑިޓް ލައިންގެ ދަށުން 136 މިލިއަން ޑޮލަރު (2 ބިލިއަން ރުފިޔާ)އަށް ހަނިމާދޫ އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ޖެނުއަރީ 2023ގަަ އެވެ. އެ މަސައްކަތް ނިންމައި އެއާޕޯޓު އަލުުން ހުޅުވީ ނޮވެމްބަރު 2025ގަ އެވެ.

އެ އެއާޕޯޓުގެ ކެޕޭސިޓީއާ ގުޅޭ ގޮތުން އަމީން ވާހަކަ ދެއްކެވީ، މިއަދުގެ މަޖިލިސް ޖަލްސާގައި ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްގަފޫރު މޫސާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން، ގަފޫރު ވިދާޅުވީ:

  • ހަނިމާދޫ އެއާޕޯޓު އަލުން ހުޅުވުމަށް ފަހު، އެތަން ރަނގަޅަށް އޮޕަރޭޓްވާ ތަން ފެނުމަކީ ތިލަދުންމަތީ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއް ކަމަށް

  • އެއާ އެކު އޭނާ އެއްސެވީ އެ އެއާޕޯޓަށް ބޮޑެތި ބޯޓުތައް ނުޖައްސާ ސަބަބާ ގުޅޭ ގޮތުން

  • މިސާލަކަށް، ބޭރު ގައުމުތަކުގެ ތެރެއިން ޗައިނާ ނުވަތަ ކޮލަމްބޯ ދަތުރުތައް ހަނިމާދޫ-މާލޭގައި ޖައްސާ ގޮތަށް ހެދިދާނެ ނޫންތޯ އެއްސެވި

މިއަދުގެ މަޖިލިސް ޖަލްސާގައި ގަފޫރު، މިނިސްޓަރު އަމީންއާ ސުވާލު ކުރައްވަނީ (ފޮޓޯ/ މަޖިލިސް)

ތަފްސީލު - ގަފޫރުގެ އެ ވާހަކަތަކަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ، ހަނިމާދޫ އެއާޕޯޓު ތަރައްގީކޮށްފައި އޮތީ އެފަދަ ދަތުރުތައް ކުރެވޭ ގޮތަަކަށް ނޫން ކަމަށެވެ. އަދި އެ އެއާޕޯޓު އޭރު ޑިޒައިންކޮށްފައި އޮތީ ވެސް ބޮޑެތި ބޯޓުތައް ޖެއްސޭ ގޮަތަކަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކޮށްގެން ހުރީ އެެ ހިސާބުގެ ތިއްބެވި އިއްޒަތްތެރި މެންބަރުންނަށް ވަރަށް ބޮޑަށް އެ އެއާޕޯޓުގެ ކެޕޭސިޓީ އެނގިވަޑައިގަންނަވާނެ ކަމަށް،" ހަނިމާދޫ ދާއިރާގެ މެންބަރު ގަފޫރުގެ ވާހަކަތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

"ހަނިމާދޫ އެއާޕޯޓު ޑިވަލޮޕްކޮށްގެން މި ހިސާބަށް ހުޅުވިފައި އޮތީ ވައިޑް ބޮޑީ މަތިންދާބޯޓު އޮޕަރޭޓް ކުރާ ކެޕޭސިޓީއަކު ނޫން."

މިއަދުގެ މަޖިލިސް ޖަލްސާގައި މިނިސްޓަރު ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

އެހެންކަމުން ޗައިނާ ފަދަ ދިގު ދަތުރުތައ،ް އެ އެއާޕޯޓު މިހާރު ތަރައްގީކޮށްފައި އޮތް ގޮތުން ބޭނުން ނުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޗައިނާއަށް ވެސް އަދި ލޯންގް ޑިސްޓެންސް [ދިގު ދަތުރުތަކަށް] ހަނިމާދޫ އެއާޕޯޓު މިހާރު ތަރައްގީކޮށްގެން އެ ހުޅުވިފައި އޮތް ގޮތަކުން ބޯޓު ޖެއްސުމަށް ނޫނީ ހިދުމަތެއް ނުލިބޭނެ. އެ އެއާޕޯޓަކީ، ޑިޒަން ކުރެވިފައި ވެސް އަދި މިހާތަނަށް ހުޅިވިފައި އެ ހުރީ ނެރޯ ބޮޑީ ކުދި މަތިންދާބޯޓަށް،" ކުރީގެ ޕައިލެޓް އަމީން ވިދާޅުވި އެވެ.

"އެހެންވީމަ ތި ދެއްވި ސަޖެސްޝަން ވޯކެއް ނުކުރާނެ."

އެ އެއާޕޯޓު މިހާރު ތަރައްގީކޮށްފައި އޮތް ގޮތުން އެއާބަސް އޭ330، އޭ340 ނުވަތަ 777ގެ ކެޓަގަރީގެ ބޯޓެއް އެ އެއާޕޯޓަށް ނުޖެއްސޭނެ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"އެ ލިމިޓޭޝަން އެބަހުރި. އެހެންވީމަ، ތަފާތު ގޮތަކަށް ވިސްނަން ޖެހެނީ. ނޫނީ ރީޑިވަލޮޕްމަންޓަކަށް [އަލުން ތަރައްގީކުރަން] ދާން ޖެހެނީ، އެ އާޕޯޓުން ވައިޑް ބޮޑީ އެއާކްރާފްޓް އޮޕަރޭޓް ކުރަން ބޭނުން ވަންޏާ،" މިނިސްޓަރު އިތުރަށް ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއޫ:

  • އަލަށް ހެދި ރަންވޭގެ ދިގުމިނަކީ 2.46 ކިލޯމީޓަރު

  • އޭ320 އަދި ބޮއިން 737 މަރުކާގެ ބޯޓުތަކަށް ބޭނުންކުރެވޭނެ

  • ދެ ފަންގިފިލާއަށް ހުންނަ އާ ޓާމިނަލްގެ އެންމެ ތިރީ ބުރީގައި ހުންނަނީ ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ޗެކިން ކައުންޓަރު؛ ދެވަނަ ފަންގިފިލާގައި ޑިއުޓީ ފްރީ ފިހާރަތައް

  • އާ ޓާމިނަލުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ

  • ކާގޯ ޓާމިނަލެއް ހިމެނޭ

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް