ހަނިމާދޫ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްުޔާތުގެ ތެރެއިން (ފޮޓޯ/ ރައީސް އޮފީސް)

ހަނިމާދޫ އެއާޕޯޓަކީ ބޮޑުތިލަދުންމަތީގެ ތަރައްގީގެ ކުރިއެރުމުގެ ދޮރާށި: ރައީސް

މި މަޝްރޫއަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އިންޑިއާގެ ކްރެޑިޓް ލައިންގެ ދަށުން ސެޕްޓެމްބަރު 2022ގައި ސޮއިކޮށް، ޖެނުއަރީީ 2023ގައި އަމަލީ މަސައްކަތް ފެށި މަޝްރޫއެއް

ޒަމާނީ ފެންވަރަށް ތަރައްގީކޮށް މިރޭ ހުޅުވި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ބޮޑުތިލަދުންމަތީގެ ތަރައްގީގެ ކުރިއެރުމާ ގުޅިފައިވާ ދޮރާށި ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ -  ރައީސް މުއިއްޒު މިގޮތަށް ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ސެޕްޓެމްބަރު 2022ގައި އިންޑިއާގެ ޖީއެމްސީ ޕޮރެޖްކްޓްސްއާ އެކު 136 މިލިއަން ޑޮލަރު (2 ބިލިއަން ރުފިޔާ)އަށް ހަވާލު ކުރި އެ މަޝްރޫއު ނިންމައި އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް އެ ތަނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.  

ހަނިމާދޫ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ގާއިމް ކުރި ޓާމިނަލް (ފޮޓޯ/ ރައީސް އޮފީސް)
އެއާޕޯޓުގެ ހުޅުވުމުގެ އުފުލުގައި ހަވާ އަރުވަނީ (ފޮޓޯ/ ރައީސް އޮފީސް)

ތަފްސީލު - ރިޔާސީ ކެމްޕެއިނަށް އޭރު އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް މުއިއްޒު ހަނިމާދުއަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން އެ މަނިކުފާނާ ކުރިމަތިކުރި އެއް ސުވާލަކީ އޭރު ސޯލިހްގެ ސަރުކާރުގައި ފެށިތާ ގާތްގަނޑަކަށް ހަތް މަސްވެފައިވާ އެ މަޝްރޫއަށް އެ މަނިކުފާނުގެ ވެރިކަމެއްގައި ވާނެ ގޮތަކާ ގުޅޭ ގޮތުންނެވެ. މިރޭގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ ވާހަކަފުޅު ފެއްޓެވީ އެ ހިސާބުންނެވެ.

"އަޅުގަނޑު ވަގުތުން ޖަވާބު ދިނިން... މި އެއާޕޯޓު އޭރު [ސޯލިހްގެ ސަރުކާރުގައި] ދިޔަ ދުވެއްޔަށް ވުރެ ބާރުމިނުގައި ގެންގޮސްދީ ނިންމައިދޭނަމޭ. އެ ވައުދު އިރާދަކުރެއްވިއްޔާ މިރޭ މި ފުއްދިގެން ދިޔައީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އެކަމަށްޓަކައި ހަނިމާދޫ ރައްޔިތުންނަށް އަދި ޖުމްލަކޮށް ބޮޑުތިލަދުންމަތި ރައްޔިތުންނަށް މަރުހަބާ ދަންނަވަން. އަދި މިކަމުގައި އެހީތެރިކަން ދެއްވި ހުރިހާ ފަރާތްތަކަށް ޖުމްލަކޮށް ހަމަ ފަށްފަށުން ޝުކުރު ދަންނަވަން،" ވަކި ސަރުކާރެއްގެ ވަކި ބޭފުޅެއްގެ ނަން ނުގެންނަވައި ޖުމްލަ ޝުކުރެއް ދަންނަވަމުން ރައީސް ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

ރައީސް ވިދާޅުވި ގޮތުގައި، މިރޭ މި ހުޅުވިގެން ދިޔައީ ހަމައެކަނި އެއާޕޯޓެއްގެ އިންފްރާސްޓްރަކްޗާއެއް ނޫނެވެ. އެއީ، މުޅި "ބޮޑުތިލަދުންމަތީގެ ހުރިހާ ރައްޔިތުންގެ ދޮރާށީ"ގެ ގޮތުގައި އެ މަނިކުފާނު ސިފަ ކުރެއްވި އެވެ. އަދި އެ އެއާޕޯޓަކީ އެ ސަރަހައްދުގެ ތަރައްގީގެ އެންމެ މުހިންމު އެއް ވަސީލަތުގެ ގޮތުގައި އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.

"މިއަދު މި ހުޅުވޭ ދޮރާށިން މި އަތޮޅާއި މި ސަރަހައްދުގެ ޓޫރިޒަމް އާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ޖުމްލަކޮށް އިގްތިސާދީ ކުރިއެރުމާއި އިޖުތިމާއީ ކުރިއެރުމާއި ޖުމްލަކޮށް ތަރައްގީގެ ކުރިއެރުމަށް ވަރަށް ބޮޑު މަސައްކަތްތަކެއް ކުރުމުގެ މަގުފަހިވެގެން މިދަނީ،" ރައީސް ވިދާޅުވި އެވެ.

"މިއަދު މި ހާސިލުވެގެން މިދަނީ ރާއްޖޭގެ ތަރައްގީގެ [އަދި] ހާއްސަކޮށް އެންމެ އުތުރުގެ ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމުގެ އެންމެ މުހިންމު އެއް ކާމިޔާބީ."

ހަނިމާދޫ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްުޔާތުގެ ތެރެއިން (ފޮޓޯ/ ރައީސް އޮފީސް)
ހަނިމާދޫ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްުޔާތުގެ ތެރެއިން (ފޮޓޯ/ ރައީސް އޮފީސް)

އެއާ އެކު، ބޮޑުތިލަދުންމަތީ ރައްޔިތުންގެ ކިބައިން ރައީސް އެދިވައިގެންނެވީ ކުރިއެރުމަށް ލިބުނު ހެޔޮ ފުރުސަތުގެ ބޭނުން ހިފައި މިކަމުން އިގްތިސާދީ ނަފާ ހޯދުމަށް މަސައްކަތް ފެށުމަށެވެ. އަދި ބޭރުގެ އިންވެސްޓަރުންނާއި ދިވެހި ވިޔަފާރިވެރިން ވެސް އެ ސަރަހައްދުގައި އިންވެސްޓް ކުރުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވި އެވެ. އަދި މިކަމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއިން ކުރިއަށް ގެންދިޔަ މި މަޝްރޫއަކީ އެ ގައުމުގެ އެގްޒިމް ބޭންކުން އޭރު ސަރުކާރަށް ދީފައި އޮތް 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ފެށި މަޝްރޫއެކެވެ. 

އެހެންވެ އެކަން ރައީސްގެ ވާހަކަފުޅުގައި އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ. މިއީ ދެ ގައުމުގެ ގުޅުމުގެ ރަމްޒެއްގެ ގޮތުގައި ވެސް އެ މަނިކުފާނު ސިފަ ކުރެއްވި އެވެ.

ކޮމެންޓް (2)

ތެފައާސާ.

10 ނޮވެމްބަރު 2025
އެހެންވީމާ، ކުރީގެ ރައީސް ސޯލިހުގެ ވެރިކަމުގައި އިންޑިއާގެ އެހީގައި ހަނިމާދޫ އެއާރޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ފެށުމުން އޭރުގެ އިދިކޮޅުގައި ތިބި، އަދި މިހާރުގެ ޕީއެންސީގެ އިސް ފަރާތްތަކުން، ހަނިމާދޫގައި ތަރައްގީކުރަނީ އިންޑިއާގެ މިލިޓަރީ ބޭހެކެ، ބޭނުންވާވަރަށްވުރެ ދިގުކޮށް ރަންވޭ ހަދަނީ އަސްކަރީ ބޯޓު ޖައްސަންވެގެންނޭ، ހަނިމާދޫގައި ދިވެހި ސިފައިން ތިބިބަރަށްވުރެ 3 ގުނަ ގިނައިން އިންޑިއާ ސިފައިން އެބަތިއްބޭ ކިޔައިގެން މި ދެއްކި ވާހަކަތަކަކީ ދޮގެއްތާ؟
0 0

ކޮޅުކެހި

10 ނޮވެމްބަރު 2025
ނިތްކުރީގަ ހިންދޫރު ތިކިޖެހިއަސް އޯކޭދޯ .ރަނގަޅު .ހަކުރުދެންޏާ ބޮޑުބޭބެ ވާނީ ހަމަ ބޮޑުބޭބެއަށް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް