ޑީޖޭއޭ--
ސަލާމަތަށް ޓަކައި ކަމަށް ބުނެ ފަނޑިޔާރުންގެ ޗުއްޓީ އާއި ހާޒިރީ ޑީޖޭއޭން ސިއްރުކޮށްފި
ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ކަމަށް ބުނެ، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ފަނޑިޔާރުންގެ ޗުއްޓީއާއި ހާޒިރީ ހާމަކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިިނިސްޓްރޭޝަން (ޑީޖޭއޭ)ން ދެކޮޅު ހަދައިފި އެވެ.
ވީކިިހިނެއް؟ - މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން މި މައުލޫމާތުތައް ދޫކުރުމަށް ޑީޖޭއޭގައި އެދުނީ، މައުލޫމާތު ހޯދުމަށް މަސައްކަތްކުރާ ހަރަކާތްތެރިއެއް ކަމަށްވާ އަހުމަދު އަފްރާހް އިސްމާއީލެވެ. އޭނާ އެދިފައި އޮންނަނީ ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ހާޒިރީގެ މައުލޫމާތު ދިނުމަށެވެ.
ތަފްސީލް - އަފުރާހުގެ ހުށަހެޅުމަށް ޑީޖޭއޭން ފޮނުވި ޖަވާބުގައި ބުނެފައި ވަނީ، ފަނޑިޔާރުންގެ ހާޒިރީއާ ގުޅޭ މައުލޫމާތަކީ ސީދާ އެ ޑިޕާޓްމަންޓްގެ މިލްކަކަށް ނުވާތީ އާއި ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ މައުލޫމާތުތަކެއް ކަމަށް ދެކޭތީ، އެ މައުލޫމާތު ދޫކުރެވެން ނެތް ކަމަށެވެ.
ޑީޖޭއޭން އެ ގޮތަށް ނިންމާފައިވަނީ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ 26 ވަނަ މާއްދާ އާއި 27 ވަނަ މާއްދާގެ (ހ)ގެ ހަތަރު ވަނަ ނަންބަރާ ހަވާލާދިނުމަށް ފަހުގަ އެވެ. އެ ގޮތުން އެ ދެ މާއްދާގައި ބުނެފައި އޮންނަނީ:
-
26ވަނަ މާއްދާ - ހޯދުމަށް އެދޭ މައުލޫމާތަކީ، އެ މައުލޫމާތެއް ހާމަކޮށްފި ނަމަ، މީހެއްގެ ސިއްހަތަށް ނުވަތަ ފުރާނައަށް ނުވަތަ ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވާނެ މައުލޫމާތެއް ކަމުގައިވާ ނަމަ، އެ މައުލޫމާތެއް ދޫނުކުރުމުގެ އިހްތިޔާރު ދައުލަތުގެ އެ އިދާރާއަކަށް ލިބިގެންވޭ
-
27 ވަަނަ މާއްދާ - އެ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ އެ ގާނޫނުގެ ދަށުން ދޫކުރުން އިސްތިސްނާކުރެވިފައިވާ މައުލޫމާތު؛ އެ ގޮތުން އެ މާއްދާގެ (ހ)ގެ ހަތަރުވަނަ ނަންބަރުގައި އޮންނަނީ މީހެއްގެ ފުރާނައަށް ނުވަތަ ރައްކާތެރިކަމަށް ގެއްލުން ލިބިދާނެ މައުލޫމާތު
ފަނޑިޔާރުންގެ ހާޒިރީ މައުލޫމާތު ހޯދުމަށް އޭނާ ސިވިލް ކޯޓަށް ވެސް ހުށަހެޅި އެވެ. ސިވިލް ކޯޓުން ފޮނުވި ޖަވާބުގައި ބުނެފައިވަނީ އެއީ ތިން ވަނަ ފަރާތެއްގެ މަސްލަހަތު އޮތް މައުލޫމާތަކަށް ވާތީވެ ދޫކުރެވެން ނެތް ކަމަށެވެ.
ފާހަގަކޮށްލެވޭ - ފަނޑިޔާރުންގެ ހާޒިރީ މައުލޫމާތު ދޫކުރުމަށް ޑީޖޭއޭން ސިއްރުކުރިއިރު، ފަނޑިޔާރަކު އައްޔަންކުރުމަށް ހިނގި މަރުހަލާގައި ކުރިމަތިލި މީހުންނަށް ދިން މާކްސްއާއި ފަނޑިޔާރުންގެ މަސައްކަތާ ގުޅުން ހުރި މިފަދަ މައުލޫމާތުތައް މީގެ ކުރިން ވެސް ޑީޖޭއޭ އާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސިއްރުކޮށްފައިވެ އެވެ.
އެހެން ނަމަވެސް ޗުއްޓީއާއި އެކި ސަބަބުތަކާ ގުޅިގެން ސުޕްރީމް ކޯޓުގެ މުޅި ބެންޗު ހަމަވެގެން މަސައްކަތް ކުރަން މިދިޔަ އަހަރު ލިބުނު ދުވަހުގެ މައުލޫމާތަށް އެދުމުން ސުޕްރީމް ކޯޓުން އެ މައުލޫމާތު ހާމަކޮށްފައިވެ އެވެ.
ކޮމެންޓް