މޭރީ މަރުގެ ދައުވާ ލިބޭ ހަލީމަތު ލަމްހާ އަބްދުއްރަހްމާން، މީގެ ކުރިން ހައި ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި
ލަމްހާ އެދުނީ ގޭބަންދު ކޮށްދޭން؛ ލުއި ނުދީ 15 އަހަރަށް ޖަލަށް
އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ) މަރާލުމުގައި ބައިވެރިވި، އައިޖީއެމްއެޗުގެ ނަރުސް ހަލީމަތު ލަމްހާ އަބްދުއްރަހްމާނުގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފި އެވެ.
ވީ ކިހިނެއް؟ - މި މައްސަލާގައި ލަމްހާއަށް ދައުވާކުރީ، މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސްއާއެކު ދުރާލައި ރާވައިގެން، މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި ދިރިއުޅެމުން ދިޔަ މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްލައިގެން 19 އޮކްޓޫބަރު 2021 ދުވަހު މަރާލާފައިވާތީ އެވެ.
މި މައްސަލާގައި ލަމްހާގެ މައްޗަށް ކުރި ތިން ދައުވާވެސް ސާބިތުވާ ކަމަށް މިދިޔަ މަހު ވަނީ ނިންމާފަ އެވެ. އެއީ:
-
އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުން - މޭރީ މަރާލަން ދުރާލާ ރާވައި މޭރީ ބްރޭކަށް ގެއަށް އައި ވަގުތުގައި އޭނާއަށް މާވިން ހަމަލާދޭން މަގުފަހިކޮށްދޭން ދެމީހުން ދަރިފުޅު ލަމްހާގެ ގޭގައި އެވަގުތާ ހަމަޔަށް ގެންގުޅެ، މޭރީ މަރާލުމުން އަނބުރާ އެ ގެއަށް ގޮސް، އަމިއްލައަށް މަރުވީކަން ދައްކަން މާވިންއަށްް އެހީތެރިވެދީފައިވޭ
-
ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުން - މޭރީ މަރާލުމަށް ބޭނުންކުރި، އައިޖީއެމްއެޗުން ބޭރުކުރުން މަނާ ކޮންޓްރޯލް ބޭސްތަކެއް ލަމްހާ ގެއަށް ގެންގޮސް، އެ ތަކެތި މާވިންއަށްދީ، ބޭނުންކުރަންވީ ގޮތް ކިޔައިދީފައިވޭ؛ އެ ތަކެތި ލަމްހާގެ ކޮޓަރި ތެރެއިން ވެސް ފެނިފައިވޭ
-
އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ
ތަފްސީލް - މި މައްސަލާގައި އަދަބު ކަނޑައަޅަން ދެންމެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ލަމްހާގެ މައްޗަށް އިއްވީ ޖުމްލަ 15 އަހަރާއި 4 މަހާއި 15 ދުވަހުގެ ޖަލު އަދަބެކެވެ. އެއީ:
-
އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށަށް - 15 އަހަރުގެ ޖަލު އަދަބެއް
-
ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށަށް - 1 މަހާއި 15 ދުވަހުގެ ޖަލު އަދަބެއް
-
އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށަށް - 3 މަސް ދުވަހުގެ ޖަލު އަދަބެއް
-
ބަންދުގެ މުއްދަތު ކެނޑުމުން ތަންފީޒުކުރަންޖެހޭނީ ޖަލު އަދަބެއް 11 އަހަރާއި 10 މަހާއި 15 ދުވަހުގެ
ލަމްހާގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅީ ދައުލަތުން އެދުނު ގޮތަށް ކުށުގެ ދަރަޖަތައް މަތިކޮށްފަ އެވެ.
ޖަލު އަަދަބުގެ ބަދަލުގައި ގޭބަންދަށް ބަދަލުކުރުން ނުވަތަ މުޖުތަމައުއަށް ހިދުމަތްކުރުން ފަދަ އަދަބަކަށް ނުވަތަ ގާނޫނީ ޖޫރިމަނާއަކަށް ބަދަލުކޮށްދިނުމަށް ލަމްހާގެ ފަރާތުން މިއަދު ކޯޓުގައި އެދުނެވެ. އެގޮތަށް އެދޭ ސަބަބުތަކާ ބެހޭ ގޮތުން އޭނާގެ ވަކީލުން ވަރަށް ދިގުކޮށް މިއަދު ކޯޓުގައި ވާހަކަދެއްކެވި އެވެ.
އެގޮތުން ފާހަގަކުރި މައިގަނޑު ސަބަބަކީ:
-
ލަމްހާއަކީ އެކަނިވެރި މަންމައެއްގެ ހުރި ހަމައެކަނި ދަރިއަކަށްވެފައި، 2016 ވަނަ އަހަރު ބައްޕަ މަރުވެފައިވާތީ މަންމަ ބެލެހެއްޓުމުގެ ޒިންމާ ނަގަންހުރި ހަމައެކަނި މީހަކީ ލަމްހާ ކަމަށްވާތީ
-
ލަމްހާއަކީ، ތައުލީމީ މީހަކަށްވާތީ އާއި ފެހުމާއި ކުދިންނަށް ޓިއުޝަން ނަގައިދިނުން ފަދަ ކަންކަން ވެސް ކުރާ މީހަކަށްވާތީ ގޭބަންދަށް ބަދަލުކޮށްފި ނަމަ، ވަޒީފާއެއް އަދާކޮށް މަންމައަށް އެހީތެރިވުމުގެ ފުރުސަތު ލިބޭނެ
-
އޭނާ ކުރި ކުށަކީ މެދުމިނުގެ ބައިވެރިވުން އޮތް ކުށަކަށްވާތީ އާއި އިތުރު ކުށެއް މީގެ ކުރިން ކޮށްފައިނުވާތީ އާއި އޭނާގެ އުމުރަށް ބަލައި އިސްލާހުވުމަށް ފުރުސަތު ދިނުމުގެ ގޮތުން
އެކަމަކު، ޖަލު އަަދަބު ނޫން އަދަބަކަށް ބަދަލުކުރަން ދައުލަތުން ދެކޮޅު ހެދި އެވެ.
ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށް ފަހު މި މައްސަލަ ބެއްލެވި ގާޒީ މުޒަންމިލް ނާސިރު ވިދާޅުވީ، މޭރީ މަރާލުމުގެ އަމަލު ހިންގާފައިވާ ގޮތަށް ބަލާއިރު އަދަބު ލުއިކޮށްދޭންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެގޮތުން، އޭނާ ވިދާޅުވީ:
-
މޭރީ މަރުގެ ހަގީގަތް ފޮރުވުމަށް މަސައްކަތްކޮށްފައިވާތީ އާއި މޭރީ މަރާލުމުގެ އަމަލު ހިންގާފައިވަނީ އިންސާނެއްގެ ގަދަރާއި ކަރާމާތަށް އެއްވެސް އިހުތިރާމެއްނެތި ކަމަށްވާތީ އަދި މާރާލުމުގައި އެންމެ މަތީ މިންވަރަކަށް ބައިވެރިވެފައިވޭ
އެނގުން މުހިންމު - މި މައްސަލާގައި ގަސްތުގައި މީހަކު މެރުމުގެ ކުށް ސާބިތުވެ، މޭރީގެ ފިރިމީހާގެ މައްޗަށް ވެސް މިއަދު ވަނީ އުމުރުދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.
ކޮމެންޓް