އައިޖީއެމްއެޗްގައި ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ފިލިޕީންސްގެ މޭރީ އާއި އޭނާގެ ފިރިމީހާ މާވިން އަދި ދަރިފުޅާއެކު
މޭރީ މަރު: މާވިންއަށް އުމުރުދުވަހުގެ ޖަލު ހުކުމެއް
އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ) މަރާލުމުގެ ކުށުގައި އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އުމުރު ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ވީ ކިހިނެއް؟ - މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި ދިރިއުޅެމުން ދިޔަ މޭރީ މަރާލާފައިވަނީ 19 އޮކްޓޫބަރު 2021 އެވެ. މަވީން ބުނެފައިވަނީ މޭރީ އަމިއްލައަށް މަރުވީ ކަމަށެވެ. އެކަމަކު، ކްރިމިނަލް ކޯޓުން މިދިޔަ މަހު އިއްވި ހުކުމްގައި ބުނީ:
-
މޭރީގެ ހަށިގަނޑުން ދަންޖެހިފައިވާކަމުގެ އެއްވެސް ނިޝާނެއް ނުފެނޭ؛ ފެނުނީ ނޭވާ ހާސްކޮށްލަން އުޅެފައިވާ ކަމުގެ ނިޝާނާއި މަރާލުމުގެ ނިޔަތުގައި ގަސްތުގައި އެހެން މީހަކު ކަރާއި ބޮލަށް ދީފައިވާ އަނިޔާތަކެއް
-
މޭރީއަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން މަރާލީ މާވިން އާއި އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އައިޖީއެމްއެޗުގެ ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާ އަބްދުއްރަހްމާނުކަން ހެކިތަކުން ސާބިތުވޭ
-
ދުރާލާ ރާވައިގެން މޭރީ މަރާލީ، ލަމްހާ އާއި މާވިންގެ ދެމެދު އޮތް ލޯބީގެ ގުޅުމުގެ ތެރެއިން ކައިވެނިކުރަން ބޭނުންވެ، އެކަމުގެ ހުރަހަކަށް މޭރީ ވުމުން
އިތުރަށް ކިޔާލަން
ތަފްސީލް - މާވިންގެ މައްޗަށް އެނގި ހުރެ މީހަކު މެރުމުގެ ދައުވާ ސާބިތުވާ ކަމަށް މިދިޔަ މަހު ކަނޑައެޅި ނަމަވެސް، އަދަބު ކަނޑައެޅުން ފަސްކޮށްދިނީ އޭނާ އެދިގެންނެވެ.
މިއަދުގެ ޝަރީއަތުގައި ދައުލަތުން އެެދުނީ، މާވިންގެ ފަރާތުން މައުސޫމް ފުރާނައެއް ގެއްލިގެންދިޔަ އެ އަމަލު ހިންގީ އަމިއްލަ އެދުމެއްގައި އެއްވެސް ރަހުމެއްނެތި ކަމަށް ވުމުން، އަދަބު މަތިކޮށްދިނުމާ އެކު، މި ކުށަށް ދެވެން އޮތް އެންމެ ބޮޑު އަދަބު ކަމަށްވާ 25 އަހަރުގެ ޖަލު ހުކުމެއް އިއްވައިދިނުމަށެވެ.
އެގޮތުން، ވަކީލު އައިޝަތު އަޒްލީނާ ވިދާޅުވީ:
-
މާވިންއަކީ ދަރިފުޅުގެ ބައްޕަ އަދި މަރުވި މީހާގެ ފިރިމީހާ؛ ދަރިފުޅުގެ ބައްޕަ ކަމަށްވެ ހުރެ، ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަދަ މަގާމެއްގައި ހުރި މީހެއް
-
މީހެއްގެ ފުރާނަ ގެއްލުމުގެ އިތުރުން، މާވިންގެ އެ އަމަލުގެ ސަބަބުން އުފަން ނޫން ފަސްގަނޑުގައި ކުޑަކުއްޖެއްގެ މަންމަ ގެއްލި އެ ކުއްޖާއަށް އިއާދަނުކުރެވޭވަރުގެ ދާއިމީ ބޮޑު ގެއްލުމެއް ލިބިފައިވޭ
-
މާވިންއަކީ މީހުންގެ ފުރާނަ ސަލާމަތްކުރުމުގެ ޒިންމާ ވެސް އޮތް ހޮސްޕިޓަލެއްގައި މަސައްކަތްކުރަމުންދިޔަ މީހަކަށްވެފައި، އެ އަމަލަކީ ސިއްހީ ދާއިރާއަށް ކުރާ އިތުބާރާ މެދު ވެސް ރައްޔިތުންގެ މެދުގައި ސުވާލު އުފެދޭނެ އަމަލެއް
-
މާވިންއަކީ މީހެއްގެ ފުރާނަަ ދާވަރުގެ އަމަލެއް ހިންގާއިރު، އެ އަމަލުގެ ސަބަބުން ނުކުމެދާނެ ނަތީޖާއާ މެދު ވިސްނާނުލެވޭވަރުގެ ބުއްދި ނެތް މީހެއް ވެސް ނޫން
-
މާވިން އެ އަމަލު ހިންގުމުގެ މަގުސަދުގެ ތެރޭގައި އޮތީ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހަކާއި ދެ މީހުންގެ ގުޅުން ކުރިއަށް ގެންދިއުމުގެ އަމިއްލަ އެދުން
މާވިންގެ ވަކީލު އިސްމާއިލް މުހައްމަދު ވިދާޅުވީ، މާވިންއަކީ ރާއްޖޭގައި ޒިންމާދާރު ވަޒީފާއެއް އަދާކުރަމުން، ޒިންމާދާރުކަމާ އެކު އާއިލާއެއް ބިނާކުރަމުން އައި "ގުޑް ކެރެކްޓާއެއް" ކަމަށެވެ. އަދި އޭނާގެ އެއްވެސް ކުށުގެ ރެކޯޑެއް ނެތުމާއި މިހާރު އިސްލާމްދީން ގަބޫލުކޮށް، ޔޫސުފްގެ ނަމަށް ނަން ވެސް ބަދަލުކޮށްފައިވާތީ އޭނާއާ މެދު އަދުލުވެރިވާންޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.
އެހެންވެ، ވަކީލު އިސްމާއިލް އެދިވަޑައިގަތީ ދެވެން އޮތް އެންމެ ލުއި އަދަބެއް ދެއްވުމަށެވެ.
ދެ ފަރާތުގެ ވާހަކަތަކަށް ފަހު، މި މައްސަލަ ބެއްލެވި ގާޒީ މުޒަންމިލް ނަސީރު ކަނޑައެޅުއްވި އަދަބަކީ:
-
ޖުމްލަ 25 އަހަރުގެ ޖަލު ހުކުމެއް
-
ބަންދުގައި ހޭދަކުރި މުއްދަތު ކެނޑުމުން ތަންފީޒުކުރަންޖެހޭނީ 20 އަހަރާއި 3 މަހާއި 26 ދުވަހުގެ ޖަލު އަދަބެއް
އަދަބު މަތިކުރި ސަބަބުތަކުގެ ތެރޭގައި ގާޒީ މުޒަންމިލް ފާހަގަކުރެއްވީ، މޭރީ މަރާލުމަށް ފަހު، އެ އަމަލު ފޮރުވުމަށް މަސައްކަތްކޮށްފައިވާތީ އާއި މޭރީ މަރާލުމުގެ އަމަލު ހިންގާފައިވަނީ އިންސާނެއްގެ ގަދަރާއި ކަރާމާތަށް އެއްވެސް އިހުތިރާމެއްނެތި ކަމަށްވާތީ ކަމަށެވެ.
އެނގުން މުހިންމު - މި މައްސަލާގައި ލަމްހާގެ މައްޗަށް ކުށް ސާބިތުވެފައިވާތީ، އަދަބު ކަނޑައެޅުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް ވެސް މިއަދު އޮންނާނެ އެވެ. ލަމްހާއަށް އަދަބު ކަނޑައެޅުން އޮތީ 2 ޖަހާއިރެވެ.
ކޮމެންޓް (1)
ސުނާރު