މޭރީ މަރުގެ ދައުވާ ލިބޭ ހަލީމަތު ލަމްހާ އަބްދުއްރަހްމާން، މީގެ ކުރިން ހައި ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި

މޭރީގެ މަރު

މޭރީ މަރު: ލަމްހާގެ މައްޗަށް ވެސް ކުށް ސާބިތުވެއްޖެ

މިއަދު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނީ، މޭރީ މަރުވީ އަމިއްލައަށް ކަމަށް އޭނާގެ ފިރިމީހާ މާވިން ބުނެފައިވިޔަސް، އެއީ ދޮގެއް ކަމަށް. ލަމްހާ އާއި މާވިން ދުރާލައި ރާވައިގެން މޭރީ މަރާލީކަން ހެކިތަކުން ސާބިތުވާ ކަމަށް
1 ގަޑިއިރު ކުރިން

އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ) މަރާލި މައްސަލާގައި އައިޖީއެމްއެޗުގެ ނަރުސް ހަލީމަތު ލަމްހާ އަބްދުއްރަހްމާނުގެ މައްޗަށް މިއަދު ކުށް ސާބިތުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މި މައްސަލާގައި ތުހުމަތުކުރެވެނީ، މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި ލަމްހާއާ ދުރާލައި ރާވައިގެން، މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި ދިރިއުޅެމުން ދިޔަ މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްލައިގެން 19 އޮކްޓޫބަރު 2021 ދުވަހު މަރާލާފައިވާ ކަމަށެވެ. އެގޮތުން:

  • ލަމްހާގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ 

  • ދައުވާތަކަށް އޭނާ އިންކާރުކުރި

ތަފްސީލް - މި މައްސަލާގައި ހުކުމްކުރަން މިއަދު ބޭއްވި އަޑުއެހުމުގައި ކްރިމިނަލް ކޯޓުން އިއްވި ހުކުމްގައި ބުނީ، މޭރީ މަރުވެފައިވަނީ އަމިއްލައަށް ކަމަށް އޭނާގެ ފިރިމީހާ މާވިން ބުނެފައިވިޔަސް، އެއީ ދޮގެއް ކަމަށާއި ލަމްހާ އާއި މާވިން ދުރާލައި ރާވައިގެން މޭރީ މަރާލީކަން ހެކިތަކުން ސާބިތުވާ ކަމަށެވެ.

ހުކުމްގައި ބުނީ މޭރީ މަރާލާފައިވަނީ، ލަމްހާ އާއި މާވިންގެ ދެމެދު އޮތް ލޯބީގެ ގުޅުމުގެ ތެރެއިން ކައިވެނިކުރަން ބޭނުންވެ، އެކަމުގެ ހުރަހަކަށް މޭރީ ވުމުންކަން ވެސް ހެކިތަކުން ސާބިތުވާ ކަމަށެވެ. އަދި، މޭރީ މަރާލަން ރާވައި، އެކަން ކުރާނެ ގޮތް ކިޔައިދީ، އެކަމުގައި ލަމްހާ މާވިންއަށް އެހީތެރިވެފައިވާކަން ޝައްކެތް ނެތް މިންވަރަށް ސާބިތުވާ ކަމަށް ހުކްމްކުރި އެވެ. 

މީގެ އިތުރުން، ލަމްހާ ދިރިއުޅޭ ކޮޓަރި ތެރެއިން މީހަކު މަރާލެވޭ ނުވަތަ ފެރަލައިޒްކޮށްލެވިދާނެ ފަދަ އައިޖީއެމްއެޗްގެ ބޭރުން ބޭނުންނުކުރެވޭނެ ނުރައްކާތެރި އިންޖެކްޝަންތަކެއް ފެނިފައިވާއިރު، އޭނާގެ މައްޗަށް  ކުރި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ ވެސް މިއަދު ވަނީ ސާބިތުވެފަ އެވެ.

ހުކުމްގައި ބުނީ ލަމްހާގެ ގެއިން އެތަކެތި ފެންނަންވީ ސަބަބެއް ބުނެދެވިފައިނުވާ ކަމަށާއި އެ އިންޖެކްޝަންތައް މޭރީގެ ގަޔަށް ޖަހަންވީ ގޮތް މާވިންއަށް ކިޔައިދީފައިވާކަން ހެކިތަކުން ސާބިތުވާ ކަމަށެވެ. އެކަން ސާބިތުވެފައިވަނީ، ލަމްހާގެ ފޯނުން ރިކަވާކުރި ޑިލީޓުކޮށްފައިވާ މެސެޖުތަކުންނެވެ. އެ މެސެޖުތަކުގައި ލަމްހާ ވަނީ އެ އިންޖެކްޝަން މޭރީގެ ގަޔަށް ޖަހަން ޖެހޭ ގޮތް ތަފްސީލުކޮށް މާވިންއަށް ކިޔައިދީފަ އެވެ.

އެނގުން މުހިންމު -  މީގެ ކުޑައިރުކޮޅެއް ކުރިން މާވިންގެ މައްޗަށް ވެސް ގަސްތުގައި މޭރީ މަރާލިކަން ވަނީ ސާބިތުވެފަ އެވެ. އެކަމަކު އަދަބު ކަނޑައެޅުން އަންނަ މަހުގެ 1 ވަނަ ދުވަހަށް މާވިންގެ އެދުމުގެ މަތިން ވަނީ ފަސްކޮށްފަ އެވެ.

ހެކިތަކަށް ބަލައި ހުކުމްގައި ބުނީ:

  • މޭރީ މަރުވި ވަގުތު އެ ގޭތެރޭގައި ތިބީ މާވިން އާއި އޭނާގެ ފަސް އަހަރުގެ ދަރިފުޅު އަދި ލަމްހާކަން އެނގޭ؛ އެގޭގައި ލަމްހާ އެވަގުތު ހުންނަންޖެހޭ އެކަށީގެންވާ ސަބަބެއް ބުނެއެއްނުދެވޭ

  • ލަމްހާއާ އެގެއަށް ދިޔައީ ދަރިފުޅު ހަވާލުކުރަން ކަމަށް ބުނި ނަމަވެސް، މާވިން ބުނެފައިވަނީ އެގެއަށް އައީ ކާކުކަން ނޭނގޭ ކަމަށާއި ދަރިފުޅު ސިޑިކައިރީގައި ބަހައްޓާފައި އެމީހަކު ދިޔައީ ކަމަށް

  • އެކަމަކު ލަމްހާ އެގެއަށް އެވަގުތު ދިޔަކަމާއި ދަރިފުޅު އެގެއަށް ލުމަށް ފަހު ވަގުތުން ނުދާކަން ވެސް ސީސީޓީވީ ފުޓޫޖުން އެނގޭ

  • ލަމްހާ ދިރިއުޅޭ ގެއަށް ދަރިފުޅު ގެންދިއުމުން އޭނާ ބަލަން އެދުވަހު ހަވާލުވެފައިވަނީ، މޭރީ މަރާލަން އެހީތެރިވުމުގެ ގޮތުން ކަމާއި 12 ޖަހާކަށްހާއިރު މޭރީ ބްރޭކަށް ގެއަށް ދިިޔަ ވަގުތު ހަމަލާދިނުމާ ހަމަޔަށް ލަމްހާގެ ގޭގައި ކުއްޖާ ގެންގުޅެފައިވޭ

  • އެއަށް ފަހު، 12:23ގައި މޭރީގެ ގެއަށް ގޮސް އެގޭގައި ގާތްގަނޑަކަށް 20 މިިނެޓު ހޭދަކޮށްފައިވޭ؛ މޭރީ އަމިއްލައަށް މަރުވިކަމުގެ ސީންއެއް ދައްކަން އެގޭ ތެރޭގައި މާވިންއަށް ލަމްހާ އެދޭތެރޭގައި އެހީތެރިވެދީފައިވޭ

  • މޭރީ ދަންޖެހުނު ކަމަށް ބުނެ އައިޖީއެމްއެޗަށް ގެންދަން އެމްބިއުލާންސަށް މާވިން އެދިފައިވަނީ ލަމްހާ އެގެއިން ނުކުތްތާ އެއް މިނެޓު ފަހުން

  • މޭރީ މަރުވީ ދަންޖެހިގެން ނޫން ކަމާއި އޭނާ މަރުވީ ލިބުނު އަނިޔާތަކުގެ ސަބަބުންނާއި ނޭވާ ހާސްކޮށްލުމުގެ ސަބަބުންކަން މޭރީގެ ޕޯސްޓްމޯޓަމް ރިޕޯޓުންވެސް އެނގޭ

  • މާވިން އާއި ލަމްހާ ކައިވެނިކުރަން ބޭނުންވެ، އެކަމަށް އޮތް ހުރަހަކީ މޭރީ ކަމާއި އެކަމުގެ ސަބަބުން މޭރީ އާއި ލަމްހާއާ ދެމެދު ދެބަސްވުން ހިނގާފައިވާކަން ހެކިތަކުން އެނގޭ

  • މާވިން އާއި ލަމްހާގެ ފޯނުން ހޯދިފައިވާ މެސެޖުތަކުން ރާއްޖޭގައި ކައިވެނިކުރަން ބޭނުންވާ ލިޔެކިއުންތަކާ މެދު ވާހަކަ ދައްކާފައިވޭ؛ އޭގެތެރެއިން އެއް މެސެޖުގައި 'އިފް ވިޑޯ ދެން ޑެތު ސެޓްފިކެޓް' މިހެން ލިޔެފައިވޭ

  • ކައިވެންޏެއްގެ މަތީގައި ހުރެ އަދި އަނބިމީހާ ދުނިޔޭގައި ހުއްޓައި މިފަދަ ލިޔުމެއް ހޯދަންޖެހޭނެ ކަމަށް ބުނެ މެސެޖުކުރާނީ އެދެމީހުންގެ ހިތުގައި މޭރީ މަރާލުމުގެ ނިޔަތް އޮވެގެން ކަމަށް ގަބޫލުކުރެވޭ

  • އެހެންކަމުން، ހާދިސާ ރިޕޯޓާއި ހެކިންގެ ހެކިބަހާއި މެޑިކަލް ރިޕޯޓުތަކަށް ބެލުމުން، ލަމްހާ އާއި މާވިން ދުރާލައި ރާވައިގެން މޭރީ ގަސްތުގައި މަރާލީކަން ޝައްކެއްނެތް މިންވަރަށް ސާބިތުވޭ

"މޭރީ މަރާލުމުގެ މޯޓިވްއަކީ، މި ދެމީހުންގެ ލޯބީގެ ހުރަކީ އޭނާކަމަށްވާތީކަން އެއްވެސް ޝައްކެތް ނެތް. މަރާލުމުގެ ކުރިންނާއި އޭގެ ކުރިން ލަމްހާ އާއި މާވިން މެސެޖުކޮށް ވާހަކަދައްކާފައިވާކަން އެނގޭ. މޭރީ މަރާލި ދުވަހު ދަރިފުޅު ލަމްހާ އާ ހަވާލުކުރުމަށް ފަހު ވެސް އެ ދެމީހުންގެ ދެމެދުގައި ވާހަކަދައްކާފައިވޭ،" ހުކުމްގައިވެ އެވެ.

"މޭރީ މަރާލުމަށް ފަހު ހަލީމަތު ލަމްހާ އެކަމުގައި ވާގިވެރިވެ އެހީތެރިވެދީފައިވާތީ، ލަމްހާގެ ނިޔަތަކީ ވެސް ކޮންމެފަދަ ގުރުބާނީއެއް ވެގެންވެސް މިދެމީހުން އެކުގައި އުޅުންކަން ހުށަހެޅި މޯބައިލް ފޯންގެ ޗެޓް ލޮގުތަކުންނާއި މޭރީ މަރުވުމުން [ލަމްހާގެ] އަމަލުތައް ހުރިގޮތުން ލަމްހާގެ ނިޔަތަަކީވެސް ލަމްހާ މަރާލުންކަން ސާބިތުވޭ،"

ކުށް ސާބިތުވުމުން އަދަބާ ބެހޭ ގޮތުން ވާހަކަދައްކަން މިއަދު މަސައްކަތްކުރި ނަމަވެސް، އަދަބު ކަނޑައެޅުން އެހެން ދުވަހަކަށް ފަސް ކޮށްދިނުމަށް ލަމްހާގެ ފަރާތުން އެދުމުން އަދަބު ކަނޑައެޅުން އަންނަ މަހުގެ 1 ވަނަ ދުވަހަށް ވަނީ ފަސްކޮށްފަ އެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް