އައިޖީއެމްއެޗްގައި ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ފިލިޕީންސްގެ ދެމަފިރިން ކަމަށްވާ މާވިން އާއި މޭރީ: މޭރީ ދަންޖެހިގެން މަރުވި ކަމަށް މާވިން ބުންޏަސް ދައުލަތުން ތުހުމަތު ކުރަނީ މާވިން މޭރީ ކަމަށް

މޭރީގެ މަރު

މޭރީ މަރާލިކަން މާވިންގެ މައްޗަށް ސާބިތުވެއްޖެ؛ މަރާލީ ލަމްހާ އާއި މާވިންގެ ކައިވެންޏަށް ހުރަކަށްވާތީ

މިއަދު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނީ، މި މައްސަލާގައި މިއަދު ހުކުމްކުރީ، ކުށުގެ މާއްދީ އަދި މައުނަވީ ރުކުން އެއްވެސް ޝައްކެއް ނެތް މިންވަރަށް މާވިންގެ މައްޗަށް ސާބިތުވާ ކަމަށް
1 ގަޑިއިރު ކުރިން

އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ) މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ މައްޗަށް މިއަދު ކުށް ސާބިތުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މި މައްސަލާގައި މާވިންގެ އިތުރުން، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނާ އައިޖީއެމްއެޗުގެ ނަރުސް ހަލީމަތު ލަމްހާ އަބްދުއްރަހްމާނުގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ.

ތުހުމަތުކުރެވެނީ، މި ދެ މީހުން ދުރާލައި ރާވައިގެން، މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި ދިރިއުޅެމުން އައި މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްލައިގެން 19 އޮކްޓޫބަރު 2021 ވަނަ ދުވަހު މަރާލާފައިވާ ކަމަށެވެ. އެގޮތުން:

  • މާވިންގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާ

  • ލަމްހާގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ 

  • މި ދެ މީހުން ވެސް ދައުވާތަކަށް އިންކާރުކުރޭ

ތަފްސީލް - ދައުވާއަށް އިންކާރުކުރުމުން މާވިންއާ ދެކޮޅަށް ދައުލަތުން 74 ޝަފަހީ ހެކި ހުށަހެޅި އެވެ. މާވިންގެ ފަރާތުން ދިފާއުގައި ހުށަހެޅީ 5 ހެއްކެކެވެ.

އެކުއެކީގައި ކުރިއަށް ގެންދިޔަ މި މައްސަލައިގެ އަޑުއެހުންތައް ނިމިފައި އޮންނަތާ ދެ މަސް ފަހުން މިއަދު ކްރިމިނަލް ކޯޓުން ހުކުމް ކުރަން ބޭއްވި އަޑުއެހުމުގައި ފުރަތަމަ ގޮތް ނިންމީ މާވިންގެ ބައިގަ އެވެ. މި މައްސަލާގައި މިއަދު ހުކުމްކުރީ، ކުށުގެ މާއްދީ އަދި މައުނަވީ ރުކުން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.

އެގޮތުން، ހުކުމުގައި ބުނީ:

  • އެ މައްސަލައިގެ ހަދިސާ ރިޕޯޓު އަދި މެޑިކަލް ރިޕޯޓުތަކުން މޭރީ މަރާލާފައިވާކަން ސާބިތުވޭ

  • އެހެންކަމުން، އޭނާ މަރުވީ އަމިއްލައަށް ކަމަށް މާވިން ދައްކާފައިވާ ވާހަކަތަކަކީ އެ އަމަލު ފޮރުވަން ދައްކާފައިވާ ރޯބުހުތާނު ދޮގެއްކަން ސާބިތުވޭ

  • ޕޯސްޓްޕޯޓަމް ރިޕޯޓުން މޭރީގެ ކަރުގެ އެތެރޭގެ ކަށިކޮޅެއް ބިންދައިގެން ގޮސްފައިވާކަން ފެނޭ؛ އެއީ ކަރަށް ފިތިގެން ލިބޭނެ އަނިޔާއެއް ކަމަށް ޕޯސްޓްމޯޓަމް ހެދި ޑޮކްޓަރު ބުނެފައިވޭ

  • މޭރީގެ ނިތްކުރި މަތިން އަދި ވައަތް ފަރާތުންނާއި ބޮލުގަޔާއި ކަންފަތުން ވެސް އަނިޔާތަކެއް ފެނިފައިވޭ؛ މާވިންގެ ހަށިގަނޑުން ވަކީގެ ނިޝާންތައް ފެނިފައިވޭ

  • އެހެންކަމުން، ޕޯސްޕޯޓަމް ރިޕޯޓުންނާއި ދެން ހުރި ހެކިތަކުން މޭރީ މަރުވެފައިވަނީ އަމިއްލައަށް ދަންޖެހިގެން ނޫންކަން ސާބިތުވޭ؛ ހެކިތަކަށް ބަލާއިރު މޭރީ މަރުވީ މާވިންގެ އަމަލުތަކުން ކަން ސާބިތުވޭ

  • ލަމްހާ އަދި މާވިންގެ ދެެމެދުގައި ކައިވެނީގެ ބޭރުން ގުޅުމެއް އޮތް ކަމާއި އެ ދެ މީހުން ކައިވެނިކުރަން ބޭނުންވާ ކަމާއި އެކަމަށް އޮތް ހުރަހަކީ މާވިންކަން އެނގޭ؛ ޕިލިޕީސްގައި ކައިވެނިކޮށްގެން ހުރެ އިތުުރު ކައިވެންޏެއް ނުކުރެވޭތީ އެ ވާހަކަ ދައްކާފައިވާކަން އެ ދެ މީހުންގެ ޗެޓުތަކުން އެނގޭ

  • މާވިން ވަނީ ޗޮކްހޯލްޑް ޕޮޒިޝަންގައި ބަހައްޓާނެ ގޮތުގެ ފޮޓޯތަކެއް ސާޗުކޮށްފައި؛ މޭރީގެ ކަރުން ފެނުނު ޒަހަމުތައް ވައްތަރުވަނީ ނޭވާ ހާސްކޮށްލަން މީހަކު އުޅުމުން ލިބޭނެ ފަދަ ޒަހަމުތަކަކާ

ކުށް ސާބިތުވުމުން އަދަބާ ބެހޭ ގޮތުން ވާހަކަދައްކަން މިއަދު މަސައްކަތްކުރި ނަމަވެސް، އަދަބު ކަނޑައެޅުން އެހެން ދުވަހަކަށް ފަސް ކޮށްދިނުމަށް މާވިންގެ ފަރާތުން އެދުމުން އަދަބު ކަނޑައެޅުން އަންނަ މަހުގެ 1 ވަނީ ފަސްކޮށްފަ އެވެ. މިހާރު ކުރިއަށްދަނީ ލަމްހާގެ މައްޗަށް ހުކުމް ކުރުމެވެ.

އެނގުން މުހިންމު - މާވިން މިފަހުން ވަނީ އިސްލާމްދީން ގަބޫލުކޮށް އޭނާގެ ނަން ޔޫސުފަށް ބަދަލުކޮށްފަ އެވެ.

ދައުލަތުގެ ދައުވާތަކުގައި ބުނެފައިވާ ގޮތުން:

  • 19 އޮކްޓޫބަރު 2021 ވަނަ ދުވަހުގެ މެންދުރު 12 އާއި 12:49އާ ދެމެދުގެ ވަގުތެއްގައި، އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީ މަރާލުމުގައި ލަމްހާ އެހީތެރިވެދީފައިވޭ 

  • މޭރީ މަރާލުމަށް ރޭވި ރޭވުމުގައި ބައިވެރިވެ، މޭރީ މަރާލުމުގެ އަމަލު ހިންގުމަށް މާވިންއަށް މަގުފަހިކޮށްދީފައިވޭ 

  • ދައުވާތައް ސާބިތުވެއްޖެ ނަމަ ދެ މީހުންނަށް ވެސް މަދުވެގެން 10 އަަހަރުގެ ޖަލު ހުކުމެއް އަންނާނެ

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް