އީސީގެ ރައީސްއަކަށް އައްޔަން ކުރަން ރައީސް މުއިއްޒު އިހްތިޔާރު ކުރެއްވި ޕީއެންސީގެ ފަހުގެ ރަޖިސްޓްރާ ޝަކީލް އެމަނިކުފާނާއެކު ނަންގަވާފައިވާ ސްލްފީއެއް

ޕީއެންސީގެ ފަހުގެ ރަޖިސްޓްރާ ޝަކީލް އީސީގެ ރައީސަކަށް އައްޔަން ކުރަން ރުހުން ދީފި

އީސީގެ މެންބަރުކަމަށް މިދިޔަ ހަފްތާގައި އައްޔަން ކުރުމުގެ ކުރިން ޕީއެންސީގެ ސެނެޓް އަދި ހައްޖު ކޯޕަރޭޝަންގެ އެމްޑީގެ މަގާމުގައި ވެސް ހުންނެވި ޝަކީލް، އީސީގެ ރައީސްއަށް އައްޔަން ކުރަން ރުހުން ލިބުނީ 51 މެންބަރުންގެ ތާއީދާ އެކު

ސަރުކާރު ހިންގާ ޕީއެންސީގެ ރަޖިސްޓްރާގެ މަގާމު އެންމެ ފަހުން ފުރުއްވި މުހައްމަދު ޝަކީލް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސަކަށް އައްޔަން ކުރަން މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ވީހިނެއް؟ - މިދިޔަ ހަފްތާގެ ބުދަ ދުވަހު އީސީގެ މެންބަރުކަމަށް އައްޔަން ކުރެއްވި ޝަކީލް، އީސީގެ ރައީސަކަށް އައްޔަން ކުރަން ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ އިއްޔެ އެވެ. އަދި ރައީސް އެދިވަޑައިގެންނެވި ގޮތަށް އެ މަގާމަށް އޭނާއަށް ރުހުން ދޭން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ ވަނީ ނިންމާފަ އެވެ.

ތަފްސީލު - މިއަދުގެ މަޖިލިސް ޖަލްސާގައި އެ ރިޕޯޓަށް ވޯޓަށް އެހުމުން، ޝަކީލް އެ މަގާމަށް އައްޔަން ކުރަން ރުހުން ދީފައިވަނީ 51 މެންބަރުންގެ ތާއީދާ އެކު އެވެ. ދެކޮޅަށް ވޯޓު ދެއްވީ އަށް މެންބަރުންނެވެ.

މީގެ ކުރިން އީސީ އާއި އޭސީސީއަށް ރައީސް ނުވަތަ ނައިބު ރައީސުން ހޮވަނީ ކޮމިޝަންގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. ނަމަވެސް މި ދެ ކޮމިޝަންގެ ގާނޫނަށް މަޖިލީހުން 2024ގައި ގެނައި އިސްލާހަކާ އެކު، އެ މަގާމުތަކަށް މީހުން އިހްތިޔާރު ކުރުމުގެ ބާރު ދީފައިވަނީ ރައީސަށެވެ. އަދި ރައީސް އެ މަގާމަށް މީހުން އައްޔަން ކުރައްވަނީ މަޖިލީހުގެ ރުހުމާ އެކު އެވެ. 

އެގޮތުގެ މަތިން މިފަހަރު އީސީގެ ރައީސަކަށް އައްޔަންކުރެއްވުމަށް ރައީސް މުހައްމަދު މުއިއްޒު އިހްތިޔާރު ކުރެއްވީ، މިދިޔަ ހަފްތާގައި އެ ކޮމިޝަންގެ މެންބަރު ކަމަށް އެ މަނިކުފާނު އައްޔަން ކުރެއްވި، ޕީއެންސީގެ ސެނެޓް މެންބަރުކަން ވެސް ކުރެއްވި ޝަކީލެވެ.

އީސީގެ މެންބަރުކަމަށް ޝަކީލް އައްޔަން ކުރުމަށްފަހު، ރައީސް މުއިއްޒު މަގާމުގެ ލިޔުން އޭނާއާއާ ހަވާލުކޮށްދެއްވަނީ ކުރެއްވުން (ފޮޓޯ/ރައީސް އޮފީސް)

ޖުމްލަ ފަސް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އީސީގައި ޝަކީލްއާ އެކު މިހާރު ތިއްބަވަނީ:

  • ކޮމިޝަންގެ ނައިބު ރައީސް އަބްދުއްރަހްމާން ސޮލާހް ރަޝީދު

  • ހަސަން ޒަކަރިއްޔާ

  • އަބްދުލްހަސީބު އިސްމާއިލް

  • މެންބަރު ރިފްއަތު އަބްދުﷲ

ފާހަގަކޮށްލެވޭ ކަމެއް - ޝަކީލް ފަދަ ސިޔާސީ ބޭފުޅެއް އީސީ ފަދަ މިނިވަން މުއައްްސަސާއަކަށް އައްޔަން ކުރަން ރައީސް ފޮނުއްވުމުން ވެސް ބައެއް އާންމުން އެކަމަށް އޭރު ފާޑުކިޔުން އަމާޒުކޮށްފައިވެ އެވެ.

ޕީއެންސީގެ ސެނެޓް މެންބަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ޝަކީލް އެ ޕާޓީގެ ރަޖިސްޓްރާގެ މަގާމަށް އައްޔަންކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހު އެވެ. ޝަކީލް އީސީއަށް އައްޔަން ކުރުމާ އެކު މިހާރު އެ މަގާމު ވަގުތީ ގޮތުން އަދާ ކުރައްވަމުން ގެންދަވަނީ ޑެޕިއުޓީ ރަޖިސްޓްރާ އަހުމަދު ހަމްދާން ނާސިރެވެ.

ޕީއެންސީގެ އިންތިހާބާ ބެހޭ ކޮމިޓީގައި ވެސް އިސްކޮށް އުޅުއްވި ޝަކީލް އިސީއަށް އައްޔަން ކުރުމުގެ ކުރިން އޭނާއަކީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރެވެ. އީސީގެ މެންބަރުކަމަށް އައްޔަން ކުރުމުގެ ކުރިން މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އޭނާ ވަނީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދެއްވާފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް އީސީގެ މެންބަރުކަން ޝަކީލް ކުރެއްވި އެވެ.

އެނގުން މުހިއްމު - އީސީއަށް އާ މެމްބަރަކު އައްޔަން ކުރެއްވީ އެ ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މެއި މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް