ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް މަސްތުވާތަކެތި؛ މީހެއްގެ އިނގިލި ބުރިކޮށްލީ މަސްތުވާތަކެތީގެ މައްސަލައެއްގައި

ކިޑްނެޕްކޮށް އިނގިލި ބުުރިކޮށްލުމުން ވެސް ދެކޮޅަށް ހެކި ބަހެއް ނުދިން؛ އެކަމަކު ކުށް ސާބިތުވެ ހަތަރު މީހަކު ޖަލަށް

މަސް ދުވަސް ވަންދެން ކިޑްނެޕްކޮށްގެން ގެންގުޅެ އިނގިލި ބުރިކޮށްލީ މަސްތުވާތަކެތީގެ މައްސަލައެއްގައި؛ އަނިޔާ ލިބުނު މީހާ ތަހުގީގުގައި އެ ވާހަކަތައް ކިޔައިދިނަސް ކޯޓުގައި ހެދީ ދޮގު
1 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ މައްސަލައެއްގައި، މީހަކު ރަހީނުކޮށްގެން ގެންގުޅުމަށް ފަހު އިނގިލި ބުރިކޮށްލި މައްސަލާގައި، އެކަން ކުރި މީހުންނާ ދެކޮޅަށް އަނިޔާ ލިބުނު މީހާ ހިމެނޭހެން އެއްވެސް މީހަކު ކޯޓު މަރުހަލާގައި ހެކިބަސް ނުދިނަސް، ތަހުގީގަށް ފުރަތަމަ ދިން ބަޔާނާއި ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ބަލައި ހަތަރު މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.

ވީ ކިހިނެއް؟ - މިއީ، އަބްދުﷲ ރަޖީހު، މިންވަރު/ ނ. ހޮޅުދޫ، 24 މެއި 2024 އިން ފެށިގެން 23 ޖޫން 2024އާ ހަމަޔަށް މއ. ބަގުފަޑިއާގެ އެޕާޓުމަންޓެއްގެ ތެރޭގައި ކިޑްނެޕްކޮށް ބަހައްޓައިގެން ތަޅައި އަނިޔާކޮށް، ގޮނޑިއެއްގައި ބަނދެ ޕައިޕް ކަޓަރަކުން އޭނާގެ ވައަތު ކުޑަވައި އިނގިލި ބުރިކޮށްލި މައްސަލަ އެވެ.

އެއް މަސް ދުވަހު ކިޑްނެޕްކޮށްގެން މި އަނިޔާތައް ދެމުން ދަނިކޮށް އެ މައްސަލަ ފެންމަތިވީ، ލިބުނު ފުރުސަތެއްގައި ރަޖީހު އެގެއިން ފިލައިގެން ގޮސް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން ފުލުހުންގެ އެހީތެރިކަމަށް އެދުމުންނެވެ.

މި މައްސަލާގައި އެމްއެންޑީއެފްގެ ދެ މީހުންނާ އެކު ފަސް މީހަކު ހައްޔަރުކޮށް ދައުވާކުރި އެވެ. އެ މީހުންނަކީ:

  • އަލީ ސާމީ، 24، މިހުރާ/ރ. ކަނދޮޅުދޫ

  • އަހްމަދު ސާއިފް ވަހީދު، 18، ހުދުވެލި/ގދ. ގައްދޫ

  • މުހައްމަދު ނައުޝާން ހުސައިން، 21، އުތުރުގެއާގެ/ތ. ތިމަރަފުށި

  • މުހައްމަދު ނަފާހު، 23، ފުލްމޫން/ކ. މާފުށި (އެމްއެންޑީއެފް)

  • އަހްމަދު ޒަޔާން، 24، ލިންކު/ތުނޑި، ލ. ގަން (އެމްއެންޑީއެފް)

ތަފްސީލް - މި މައްސަލާގައި އިއްޔެ ކްރިމިނަލް ކޯޓުން ހުކުމްކުރީ ،ނަފާހު ފިޔަވައި ދެން ތިބި އެންމެންގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.

ދައުލަތުން ކުރި ދައުވާގައި ވާ ގޮތުން އޭރު އެމްއެންޑީއެފް ވަޒީފާގައި އުޅުނު ނަފާހުއަކީ، ރަޖީހުގެ އިނގިލި ބުރިކޮށްލަން ވަޅިއެއް ހޫނުކޮށްދިން މީހާ އެވެ. އޭނާގެ މައްޗަށް ކުރީ، މީހެއްގެ ގުނަވަނެއް ނެތިދާނެ ފަަދަ ގޮތަކަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. ހުކުމްގައި ބުނީ:

  • ބުރިކޮށްލި އިނގިލީގައި ހޫނު ވަޅިއެއް ޖައްސަން އެ ވަޅި ހޫނުކޮށްދީ، އަލީ ސާމީގެ އަތަށް އެ ވަޅި ނަފާހު ދިންކަން ޝައްކެތް ނެތް މިންވަރަށް ސާބިތުވޭ

  • އެކަމަކު އެ ދައުވާއަށް ނަފާހު އިންކާރުކުރާތީ އާއި އެކަން އޭނާ ކުރީ ކުށް ކުރުމުގެ ނިޔަތުގައި ކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވޭ

މި މައްސަލާގައި ދެން ހިމެނޭ ސިފައިންގެ މީހާ ކަަމަށްވާ ޒަޔާން މައްޗަށް ކުށް ސާބިތުވެ ތިން މަހުގެ ޖަލު ހުކުމެއް އިއްވި އެވެ. އެކަމަކު ބަންދުގައި ހޭދަކުރި މުއްދަތު ކެނޑުމުން، އެ ހުކުމުގައި ތަންފީޒުކުރާނެ އިތުރު ދުވަހެއް ނެތެވެ.

ޒަޔާންގެ މައްޗަށް ދައުވާކުރީ:

  • އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްދީފައި ނުވާތީ

  • ރަޖީހު ކިޑްނެޕްކޮށްފައިވާކަމާއި އަނިޔާ ލިބެމުންދާކަން އެނގި ހުރެ އެއްވެސް އެހީތެރިކަމެއް ފޯރުކޮށް ނުދިނުމުގެ އިތުރަށް އޭނާގެ އިނގިލި ބުރިކޮށްލި ފަހުން ވެސް އޭނާގެ ގައިގައި ތަޅައި އަނިޔާތައް ދިނުމުގައި ޒަޔާން ބައިވެރިވި

މި މައްސަލާގައި ދެން ދައުވާ ސާބިތުވި ސާމީ އާއި ނައުޝާން އަދި ސާއިފްއަކީ އަނިޔާކޮށް، އިނގިލި ބުރިކޮށްލަން އަމަލީ ގޮތުން ބައިވެރިވި މީހުންނެވެ. މިއަދު އިއްވި ހުކުމްގައި ވާ ގޮތުން:

  • އިނގިލި ބުރިކޮށްލަން އެންގީ ސާމީ. އަދި އިނގިލި ބުރިކޮށްލި ތަން ބަލައި، އިނގިލި ބުރިކޮށްލުމުން ހޫނުކޮށްފައިވާ ވަޅިއެއް އިނގިލީގައި ޖައްސައި އަނިޔާދީފައިވޭ

  • ސާމީގެ މައްޗަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވި

  • ބަންދު މުއްދަތު ކެނޑުމުން ތަންފީޒުކުރަންޖެހޭނީ ހަތް އަހަރާއި 11 މަހާއި 24 ދުވަސް

  • ކަޓަރެއް ބޭނުންކޮށްގެން އިނގިލި ބުރިކޮށްލީ ސާއިފް؛ އޭނާގެ މައްޗަށް އިއްވީ 15 އަހަރުގެ ޖަލު ހުކުމެއް، ބަންދުގެ މުއްދަތު ކެނޑުމުން ތަންފީޒުކުރަން ޖެހެނީ 12 އަހަރާއި 11 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް

  • އިނގިލި ބުރިކޮށްލި ވަގުތު އަތުގައި ހިފަހައްޓައި އެކަމުގައި އެހީތެރިވެދިނީ ނައުޝާން؛ އޭނާގެ މައްޗަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވި، ބަންދު މުއްދަތު ކެނޑުމުން އިތުރަށް އޮތީ ހަތް އަހަރާއި 11 މަހާއި 24 ދުވަސް

މި ކުށް ސާބިތުކުރަން ދައުލަތުން ހުށަހެޅި އެއްވެސް ހެއްކިވެރިއެއްގެ ފަރާތުން އެއްބާރުލުންދީފައެއް ނުވެ އެވެ. އެހެންވެ އެއިން އެއްވެސް މީހެއްގެ ހެކިބަސް ކޯޓު މަރުހަލާގައި ނެގިފައެއްނުވެ އެވެ. 

މި މައްސަލާގައި ރަޖީހު ވަނީ ތަހުގީގުގައި ދިން ހެކިބަސް ދޮގުކޮށް ޝަރީއަތުގައި ދޮގު ހަދައިފަ އެވެ. ކޯޓުގައި އޭނާ ބުނީ އަނިޔާދިނީ ކޮން ބައެއް ކަން ތަހުގީގުގައި ބުނި ނަމަވެސް އެއިން އެއްވެސް މީހަކު ނުދަންނަ ކަމަށެވެ. އަދި އެމީހުން އެއްވެސް އަނިޔާއެއް ދީފައިނުވާ ކަމަށް ވެސް ބުންޏެވެ،

އެކަަމަކު މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ނިންމެވީ ދައުލަތުން ހުށަހެޅި ސީސީޓީވީ ފުޓޭޖުތަކާއި މޯބައިލް ފޮރެންސިކް ހެކިތަކުގެ އިތުރުން ތަހުގީގަށް އޭނާ ދިން ބަޔާނަށް ބުރަވެގެންނެވެ. ހުކުމްގައި ބުނީ:

  • ތަހުގީގަށް ބަޔާން ދިނީ މަސްތުގެ ހާލަތުގައި ހުރެގެން ކަމާއި، އެފަދަ އެއްވެސް ބަޔާނެއް ދެވުނުކަން ނޭނގޭ ކަމަށް ރަޖީހު ބުނި ނަމަވެސް ތަހުގީގަށް އެކަން ހިނގާފައިވާ ގޮތް ކިޔައިދީފައިވާލެއް ތަފްސީލުކަމުން ކޯޓުގައި އޭނާ ހަދަނީ ދޮގެއްކަން އެނގޭ

  • ކަން ހިނގާފައިވާ ގޮތް ކަމަށް ތަހުގީގަށް ރަޖީހު ދިން ބަޔާނުގައި ހުރި ވާހަކަތަކާއި ސީސީޓީވީ ފުޓޭޖުންނާއި ފޮރެންސިކް އެހެނިހެން ހެކިތަކުން ކަންކަން ދިމާވޭ 

  • ރަޖީހުގެ ތަހުގީގު ބަޔާނުގައި ހުރި ކުދިކުދި ތަފްސީލުތަކަށް ބަލާއިރު އެއީ މަސްތުގެ ހާލަތުގައި ހުރެގެން ކިޔައިދިން ވާހަކަތަކެއް ނޫން

  • އެހެންވެ ކޯޓަށް ދިން ހެކިބަހަކީ ދޮގެއްކަމަށް ނިންމައި، އެ ބަޔާން އެއްފަރާތްކޮށް، ކުށް ސާބިތުކުރުމުގައި ތަހުގީގަށް ދިން ބަޔާނުގައި ހުރި ކަންކަމަށް ބުރަވި

ތަހުގީގަށް ދިން ބަޔާނުގައި އޮތީ ކީކޭ؟

ކިޑްނެޕްކޮށްގެން ގެންގުޅުނު ގެއިން ސަލާމަތްވެގެން އައިސް، ރަޖީހު ތަހުގީގަށް ފުރަތަމަ ދިން 15 ސޮފުހާގެ ބަޔާނުގައި އެކަން ހިނގި ގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދީފައިވެ އެވެ. އެ ބަޔާނުގައި ވާ ގޮތުން:

  • ކިޑްނެޕްކޮށްގެން މަސްދުވަހު ގެންގުޅުނީ އަލީ ސާމީ އޭނާއަށް ދިން މަސްތުވާ އެއްޗެހި ގެއްލިގެން 24 މެއި 2024އިން ފެށިގެން. ގެއްލުނު މަސްތުވާތަކެއްޗަށް ވާ ފައިސާ ނުދެވޭ ނަމަ ކިޑްނީ ވިއްކާލައިގެން ނުވަތަ ރާއްޖެއިން ބޭރަށް ގޮސް މަސްތުވާތަކެތި ގެންނަން އެންގި 

  • ފުރަަތަމަ ކިޑްނެޕްކޮށްގެން ގެންގުޅުނީ މއ. ތާލިން ކިޔާ ގެއެއްގައި؛ އެ ގޭގައި ކަންވާރުން މަޅިއެއް ހަދައި ރަޖީހުގެ ކަރުގައި އަޅުވައިގެން ގެންގުޅުނު ކަމަށާއި ސާމީ އާއި ނައުޝާންގެ އިތުރުން ދެންވެސް އެގެއަށް އަންނަ ކޮންމެ މީހަކު އޭނާއަށް އެކިވަރުގެ އަނިޔާކުރި ކަމަށް ބުނެފައިވޭ

  • ދެ ހަފްތާ ފަހުން ބަގުފަޑިއްގެ ކިޔާ ގެއެއްގެ އެޕާޓްމަންޓެއް ރަޖީހުގެ ފައިސާއިން އޭނާގެ ނަމުގައި ކުއްޔަށް ނަގައި ދެން ގެންގުޅުނީ އެތަނުގައި

  • އިނގިލި ބުރިކޮށްލި ރޭ އެކަން ފެށުނީ، އޭނާ ކިޑްނެޕްކޮށްގެން އުޅޭ ވާހަކަ އެއްވެސް މީހެއްގެ ގާތުގައި ދެއްކިތޯ އަހައި އުފެދުނު ހަމަނުޖެހުމެއްގައި؛ އެރޭ ނައުޝާން އާއި ސާއިފް އޭނާއަށް އަނިޔާކޮށް ޓޭޒާ ގަން ވެސް ޖެއްސި

  • އެއަށް ފަހު އިނގިލި ބުރިކުރަން އެންގީ ސާމީ ކަމަށާއި ކުޑަވައި އިނގިލި ބުރިކުރަން ފަސޭހަވާނެ ކަމަށް ބުނެ އެ އިނގިލި ބުރިކުރަން ބުނި

  • އޭގެ އަނެއް ދުވަހު ހޭލެވުނުއިރު ކޮޓަރީގައި އޮތީ އެންމެ މީހެއް. ސޯފާގައި އޮތް އޭނާގެ ފޯނު ނަގައިގެން އެގެއިން ނުކުމެގެން ދިޔައީ

  • އެއަށް ފަހު ކާރެއްގައި މަންމައާ އެކު ހުޅުމާލެ ހޮސްޕިޓަލަށް ގޮސް ފަރުވާ ހޯދި

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް