ހިޔާ ޓަވަރު 9ގައި މީހަކު ރަހީނުކުރި އެޕާޓްމަންޓްގެ ދޮރު ހަލާކުކޮށްލާފައި: މިތަނަށް ފުލުހުން ވަދެ އޭނާ ވަނީ ސަލާމަތްކޮށްފައި (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)
ޒުވާނެއްގެ އިނގިލި މަދުތަ؟ އެ އަނިޔާ ގުޅިފައި އޮތުން ކައިރީ މަސްތުވާތަކެއްޗާ
ގޭންގްގެ އުނދަގޫ ބޮޑު ހިސާބުގަނޑެއްގައި އުޅޭ މީހަކު ބުންޏެވެ:
"އިނގިލި މަދު ޒުވާނުން މިހާރު އުޅޭނެ. ބަލާނެ ކަމެއް ވެސް ނެތް، އެވާނީ ގޭންގް ބަޔަކު ބުރިކޮށްލީ ކަމަށް."
މި ވާހަކަ އެގޮތަށް އިވުމުން ފުލުހުންގެ އިސް ވެރިއެއް ކައިރީގައި ސުވާލުކޮށްލީމެވެ. އޭނާ ވިދާޅުވީ އިނގިލި ބުރިކޮށްލުން އާންމުވެފައި އޮތްކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. ނަމަވެސް މަސްތުވާތަކެތީގެ ވިޔަފާރީގައި ކުނިޖެހިގެން އިނގިލި ބުރިކޮށްލުން ފަދަ ނުރައްކާ މިހާރު ފެންނަން ފަށައިފި ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
މި އަހަރުގެ މޭމަހު އުމުރުން 30 އަހަރުގެ ޒުވާނަކު ރަހީނުކޮށްގެން މަހެއްހާ ދުވަހު ގެންގުޅުނެވެ. އޭނާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިއުމުން ޝައްކުކުރެވޭ ކަންކަން ފުލުހުންނަށް ފާހަގަކުރެވިގެން ތަހުގީގު ފެށި އެވެ. ވާތުގެ ކުޑަވާ އިނގި ބުރިކޮށްލުމުގެ އިތުރުން ލޯމަތީގައި ތަޅާ ހެދުމުން ހުރީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ. ގައިގެ އެކި ތަންތަނުގައި އަލިފާން ޖެއްސުމުން ފިހިފައި ވެސް ހުއްޓެވެ.
މި އަނިޔާވެރިކަން ގޮސް ގުޅެނީ މަސްތުވާތަކެތީގެ ވިޔަފާރިއާ އެވެ. ޒަހަމްވި ޒުވާނާ ވެސް ވަނީ އޭނާ ރަހީނުކުރި މީހުންގެ މަސްތުވާތަކެތީގެ ވިޔަފާރީގައި ބައިވެރިވެފަ އެވެ. އަނިޔާކުރަނީ މަސްތުވާތަކެތި ވިއްކައިގެން ލިބެން ޖެހޭ ފައިސާގެ މައްސަލައިގަ އެވެ.
"ފިލްމުތަކާއި ސިލްސިލާތަކުން ބަލައިގެން މިހާރު ފެށިގެން އުޅޭ ކަމެއް މިއީ. ރަހީނުކުރުމާއި އިނގިލި ބުރިކުރުމާއި އަނިޔާކުރުން،" ނަން ނުޖަހާ ގޮތަށް ވާހަކަދެއްކެވި ކަމާ ގުޅޭ ބޭފުޅަކު ވިދާޅުވި އެވެ.
މިދިއަ ހުކުރު ވިލޭރޭ ހިޔާ ޓަވަރު-9ގެ އެޕާޓްމަންޓަކަށް ފުލުހުން ވަދެ، މީހަކު ސަލާމަތްކުރީ ވެސް އޭނާގެ އިނގިލި ބުރިކޮށްލަން ތައްޔާރުވެފައި ވަނިކޮށް ކަމަށް، ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން އެ އޮޕަރޭޝަން ހިންގި އިރު އެތަނަށް ފުލުހުންގެ މަސްއޫލިއްޔަތު ބައްލަވާ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ އިތުރުން ޕޮލިސް ކޮމިޝަަރު އަލީ ޝުޖާއު ވެސް ވަޑައިގަތެވެ.
ރަހީނުކޮށްފައި ހުރި މީހާ ސަލާމަތްކޮށް 12 މީހަކު ހައްޔަރުކުރި އެވެ. އެކަމަކު އެމީހުންގެ ބަންދުގެ މުއްދަތަށް ކްރިމިނިޓް ކޯޓުން ދިނީ ފަސް ދުވަހާއި ހަތް ދުވަހުގެ މުއްދަތެވެ. ފަސް މީހަކު ހަތް ދުވަހަށް، ހަތް މީހަކު ފަސް ދުވަހަށެވެ.
އެހާ ސީރިއަސް މައްސަލައެއްގައި، އަދި ފުލުހުން ސީދާ ސީނަށް ގޮސް ހައްޔަރުކުރުމުން ވެސް ކޯޓުން އެހާ ކުރު މުއްދަތެއް ދިނުމަކީ ކުށްކުރާ މީހުންނަށް އޮތް އެޑްވާންޓޭޖެއް ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ.
އެކަމަކު މޭމަހު އިނގިލި ބުރިކޮށްލި މައްސަލާގައި ތުުހުމަތުކުރެވޭ ފަސް މީހުންގެ ތެރެއިން ހަތަރު މީހަކު ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ނިންމައިފަ އެވެ. އެހެންކަމުން ނުރައްކާތެރި ކުށްވެރިންނަށް ހުރިހާ ފަހަރަކު ޝަރުއީ ނިޒާމުގެ ތެރެއިން ފަސޭހައަކުން ސަލާމަތެއް ވެސް ނުވެވެ އެވެ.
'ދައުރު'އާ ވާހަކަދެއްކެވި ބޭފުޅާ ވިދާޅުވި ގޮތުގައި އިނގިލި ބުރިކޮށްލުން ފަދަ ނުރައްކާތެރި އަނިޔާވެރިކަން ބޮޑުވާ އިރު، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަން ޖެހޭ މަސައްކަތް ގިނަ އެވެ. ގާނޫނީ އޮނިގަނޑު މިހާރަށް ވުރެ ވަރުގަދަކުރުމަކީ އޭގެ ތެރެއިން އެއް ބަ އެވެ. މި ސަރުކާރުން އެ މަސައްކަތަށް އިސްކަން ދޭނެކަމަށް އޮތީ ބުނެފަ އެވެ. އާ ބިލެއް މަޖިލިހަށް ހުށައަޅަން ވެސް އޮތީ ނިންމައިފަ އެވެ. އެކަމަކު އެ ބިލް އަދި ހުށައެއް ނާޅަ އެވެ.
"ގާނޫނު ވެސް އަވަސްކުރަންވީ. ލަސްވާ ވަަރަކަށް އެކަން ދާނީ ހިނދެމުން. ނޫނީ އަޑިން ކޮންމެވެސް ބަޔަކު އެކަން ނުވާނެ ގޮތަށް އުޅޭނެ،" ކުރީގެ ތަޖުރިބާތަކަށް ބައްލަވާފައި އޭނާ ވިދާޅުވި އެވެ.
އިނގިލި ބުރިކޮށްލުމާއި ބުރިކޮށްލަން އުޅުން ފަދަ ހަބަރުތަކާ އެކު އިނގިލި މަދު ޒުވާނުން ފެނޭތޯ ބައެއް މީހުންގެ ނަޒަރު ހިންގުން އެކަށީގެންވެ އެވެ. މަސްތުވާތަކެތީގެ ވިޔަފާރީގައި އުފެދޭ ދެބަސްވުންތަކުން އިނގިލި ބުރިކޮށްލުމުން ވެސް ހަގީގަތް ކިޔައިނުދީ ތިބެދާނެ އެވެ.
ޔާގީނުން ވެސް މިހާރު އެނގޭ ކަމަކީ މަސްތުވާތަކެތީގެ ވިޔަފާރީގައި ޖެހޭ ކުންޏާ އެކު އިނގިއްޔެއް މަދުކޮށްލުމުގެ ނިޔަތް، އޭގެ ބައިވެރިންގެ މެދުގައި ބޮޑުވެފައި އޮތް ކަމެވެ.