ފުލުހުންގެ އޮޕަރޭޝަނަކަށް މާލޭގެ ސަރަހައްދެއް ކޯޑޮންކޮށްފައި. (ފައިލް ފޮޓޯ/އޭޕީ)
ރަހީނުކޮށް، އިނގިލި ބުރިކޮށްލުމުގައި ސިފައިން ވެސް ހިމެނޭ؛ މައްސަލަ ގުޅެނީ މަސްތުވާތަކެއްޗާ
މިދިޔަ މެއި މަހު މީހަކު ރަހީނުކޮށް، އިނގިލި ބުރިކޮށްލި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި އެމްއެންޑީއެފްގެ ދެ އޮފިސަރަކު ހިމޭނެ ކަމަށާއި އެ މައްސަލަ ގުޅެނީ މަސްތުވާތަކެތީގެ މުއާމަލާތްތަކަކާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - މާލޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށްގެން މަހެއްހާ ދުވަސް ވަންދެން ގެންގުޅުނު މައްސަލައެއް ފެންމަތިވީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. ފުލުހުންގެ ސަމާލުކަމަށް އެކަން އައީ ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާ ލިބިފައި ހުރި މީހަކު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމުން އެ ވަގުތު އެ ތަނުގައި ޑިއުޓީކުރަން ތިބި ފުލުހުންގެ ސަމާލުކަމަށް އެކަން އައުމުންނެވެ.
އެ މައްސަލައިގައި މީގެ ކުރިން ތިން މީހުން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.
ބުނީ ކީކޭ؟ - އެ މައްސަލައިގައި އަނިޔާ ލިބުނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކަމުގެ ތަފްސީލު ހިއްސާކުރައްވަމުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ އޭނާގެ ހަށިގަނޑު ބެލިބެލުމުން ޖިސްމާނީ ބޮޑެތި އަނިޔާތައް ދީފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.
"އޭނާގެ ވައަތު ލޯ މަތީގައި ޖަހައި މާރާމާރީ ހިންގުމުގެ ސަބަބުން އޭނާގެ ވައަތު ލޮލަށް ލޭ އަރައި، ވަރަށް ބޮޑަށް ދުޅަވެ، ނޫފައިގެންފައި ހުރިކަން ފާހަގަކުރެވުނު. އޭގެ އިތުރުން ހަށިގަނޑުގެ އެކި ތަންތަނުގައި އަލިފާން ޖެއްސުމުގެ ސަބަބުން ލިބިފައިވާ އަނިޔާތަކެއް ކަމަށް ބެލެވޭ ޒަހަމްތަކަކާއި އޭނާގެ ހަށިގަނޑުގެ އެކި ތަންތަނުގައި ތަޅައި މާރާމާރީ ހިންގުމުގެ ސަބަބުން ލިބިފައިވާ ޒަހަމްތަކެއް ކަމަށް ބެލެވޭ ޒަހަމްތަކެއް ވެސް ފެންނަން ހުރި،" ޝިފާއު ވިދާޅުވި އެވެ.
"އެ އަނިޔާތަކުގެ އިތުރުން ތޫނު ހަތިޔާރެއް ބޭނުންކޮށްގެން އޭނާގެ ވައަތު ކުޑަވާ އިނގިލީގެ ދެ ވަނަ ބަދައިން ފެށިގެން ބުރިކޮށްލާފައިވާކަން ފާހަގަކުރެވުނު."
ތަފްސީލު - އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ފަސް މީހުންގެ ވަނަވަރު ވެސް ފުލުހުން ވަނީ މިއަދު ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި ސިފައިންގެ ދެ މީހަކު ވެސް ހިމެނެ އެވެ.
ހައްޔަރުކުރި މީހުންނަކީ:
-
1-
އަލީ ސާމީ، 24، މިހުރާ/ރ. ކަނދޮޅުދޫ
-
2-
އަހްމަދު ސާއިފް ވަހީދު، 18، ހުދުވެލި/ގދ. ގައްދޫ
-
3-
މުހައްމަދު ނައުޝާން ހުސައިން، 21، އުތުރުގެއާގެ/ތ. ތިމަރަފުށި
-
4-
މުހައްމަދު ނަފާހު، 23، ފުލްމޫން/ކ. މާފުށި (އެމްއެންޑީއެފް)
-
5-
އަހްމަދު ޒަޔާން، 24، ލިންކު/ތުނޑި، ލ. ގަން (އެމްއެންޑީއެފް)
ހައްޔަރުގައި ތިބި ފަސް މީހުންގެ ތެރެއިން އެމްއެންޑީއެފް ދެ މީހުން ފިޔަވައި ބާކީ ތިބި ތިން މީހުން ވެސް ވަނީ މީގެ ކުރިން މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުންކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ. ދެ ސިފައިންގެ ކުށުގެ ރިކޯޑެއް ނެތް ނަމަވެސް، ތަހުގީގަށް ފާހަގަވެފައި ވަނީ އެއީ ކުށުގެ ވެށީގައި އުޅޭ މީހުންނާ ގުޅުން އޮންނަ އަދި އެފަދަ މީހުންނާ އެކު އުޅޭ ބައެއްގެ ގޮތުގަ އެވެ.
އެ ފަސް މީހުންގެ ތެެރެއިން ހަތަރު މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެ އެވެ. ނަފާހު ބަންދުކުރަން އަމުރުކުރީ މައްސަލައިގެ ތަހުގީގު މަރުހަލާ ނިމުމާ ހަމައަށެވެ. ތަހުގީގު މަރުހަލާ ކުރިއަށްދާތީ އެ ފަސް މީހުން ވެސް އަދި ތިބީ ބަންދުގަ އެވެ.
ފަސް މީހުންގެ އިތުރުން 18 އަހަރުން ދަށުގެ ތިން ކުއްޖަކު ވެސް އެ އަމަލްގައި ބައިވެރިވެފައިވާތީ އެކަމާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.
މައްސަލަ ގުޅެނީ މަސްތުވާތަކެތީގެ މުއާމަލާތްތަކަކާ
މި މައްސަލައިގައި އިތުރު ތަފްސީލު ހިއްސާކުރައްވަމުން ޝިފާއު ވިދާޅުވީ މި އަމަލު ހިންގަން މެދުވެރިވީ މަސްތުވާތަކެތީގެ މުއާމަލާތްތަކެއްކަން ވެސް ތަހުގީގަށް ފާހަގަވެފައިވާ ކަމަށެވެ.
"މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުން އަނިޔާ ލިބުނު ފަރާތް މެދުވެރިކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރުވާ ކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވޭ،" އޭނާ ވިދާޅުވި އެވެ.
އެކަމަށް ބާރު ލިބެނީ، ފުލުހުން ބުނި ގޮތުގައި، މައްސަލައިގައި އަނިޔާ ލިބުނު ފަރާތް ހުއްދަ ނޫން ގޮތަށް ހިފަހައްޓައިގެން ގެންގުޅެފައިވާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުން މާލެއިން ހިފައިގެން އުޅޭ ދެ އެޕާޓްމަންޓް ބަލައިފާސްކުރި ކުރުމުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ބެލެވޭ ބައެއް ތަކެތި އެ ތަންތަނުން ފެނިފައިވާތީ އެވެ. އޭގެ ތެރޭގައި މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ ކޮތަޅާއި ކިރަން ބޭނުންކުރާ ކައްޓާ ފަދަ ތަކެތި، ރަހީނުކޮށްގެން ގެންގުޅުނު މީހާ ހޯދި އެޕާޓްމަންޓުގެ ތެރެއިން ފުލުހުންނަށް ވަނީ ފެނިފަ އެވެ.
އެ ތަން ބަލައިފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވޭ ކުޑަ ރަބަރު ޕެކެޓަކާއި ބަނގުރާ ހުސްކޮށްފައިވާ ތިން ފުޅި ފެނުނުއިރު، މި މައްސަލައިގައި ހައްޔަރުކުރި ޒަޔާންގެ ހަށިގަނޑުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެއް ހުރި ސެލޯފިންކޮޅެއް ވެސް ވަނީ ފެނިފަ އެވެ.