ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން (ފޮޓޯ/ މަޖިލިސް

ބޯހިޔާވަހިކަން ލިބޭ ރަށަކުން ރަށްވެހިކަން ބަދަލު ކުރެވޭ ގޮތަށް އެމްޑީޕީން ހުށަހެޅި ބިލު ބޭރުކޮށްފި

މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީގެ ތާއީދު އެ އިސްލާހަށް ނުލިބުމުން، ބިލު ބޭރުކޮށްލާފައި ވަނީ 59 މެންބަރުންގެ ވޯޓުން

ބޯހިޔާވަހިކަން ލިބޭ ރަށަކުން އިތުރު މުއްދަތެއް ނެތި، ވަގުތުން ރަށްވެހިކަން ބަދަލު ކުރެވޭ ގޮތަށް ގާނޫނު އިސްލާހުކުރުމަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލު ބަލައިނުގެނެ، މިއަދު ބޭރުކޮށްލައިފި އެވެ.

ވީ ކިހިނެއް؟ - 'ރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށްވުމާ ބެހޭ ގާނޫނު'އަށް މިދިޔަ އަންގާރަ ދުވަހުގެ މަޖިލިސް ޖަލްސާގައި އެމްޑީޕީގެ ފަރާތުން އެ އިސްލާހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. 

މިއަދުގެ މަޖިލިސް ޖަލްސާގައި އޮތީ އެ ބިލުގެ ބަހުސް ނިންމައި ބަލައިގަތުމަށް ފެނޭތޯ ވޯޓަށް އެހުމަށެވެ.

ތަފްސީލު -  އެެ އިސްލާހަށް ޕީއެންސީގެ ތާއީދު ނުލިބުމުން، ބިލު އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީއަށް ނުފޮނުވައި ތަޅުމުން ބޭރުކޮށްލީ 59 މެންބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަތުމަށް ވޯޓު ދިނީ 12 މެންބަރުންނެވެ.

އެމްޑީޕީގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވި މެންބަރު މުހައްމަދު އިބްރާހިމް (ފޮޓޯ/މަޖިލިސް)

ޖުމްލަ ހަތް މާއްދާއެއް އޮންނަ އެ ގާނޫނު މިހާރު އޮންނަ ގޮތުން އެހެން ރަށަކަށް ރަށްވެހިކަން ބަދަލު ކުރެވޭނީ އެ ރަށެއްގައި އެ މީހަކު މެދުނުކެނޑި ފަސް އަހަރަށް ވުރެ ގިނަ ދުވަހު ދިރިއުޅެފައިވާ ނަމަ އެވެ. އެ ރަށެއްްގައި ފަސް އަހަރު ހޭދަކޮށްފައި ނުވާ ނަމަ، ރަޖިސްޓްރީކުރެވެނީ އެ މީހެއްގެ މަންމަ ނުވަތަ ބައްޕަ ރަޖިސްޓްރީކޮށްފައިވާ ރަށަކަށެވެ.

މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި ގާނޫނުގެ ފަސް ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރު ކުރުމަށެވެ. އެއީ:

  • ވަކި ރަށެއްގައި ރަށްވެހިވެފައިވާ މީހަކަށް، ވާރުތައިން/ބިން ބެހުމުން/ގަތުމުން/ހިބައިން/ކޯޓު ހުކުމަކުން ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އެހެން ރަށަކުން ބޯހިޔާވަހިކަމެއް (ބިމެއް، ގެއެއް، ފްލެޓެއް) ނުވަތަ ދިރިއުޅުމަށް އެކަށީގެންވާ އެ ނޫން ވެސް ތަނެއްގެ ގާނޫނީ މިލްކުވެރިކަން ނުވަތަ އެފަދަ ތަނެއްގައި ދިއިރުޅުމުގެ ގާނޫނީ ހައްގު ލިބިފައިވާ ނަމަ، އެ ރަށެއްގެ ރަށްވެއްސަކަށް ވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބޭނެ 

  • އަދި އެ ތަނަކީ ދިރިއުޅުމަށް އެކަށިގެންވާ ތަނެއްކަން ކަމާ ބެހޭ އިދާރާއަށް ކަށަވަރުކުރުވުމުން، އެ މީހަަކަށް އެ ރަށެއްގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދޭންވާނެ ކަމަށް

ބިލުގައިވާ ގޮތުން، އެއްވެސް މީހަކަށް ދެ ރަށެއްގެ ރައްވެއްސަކަށް އެއްފަހަރާ ނުވެވޭނެ އެވެ. ރަޖިސްޓްރީ ބަދަލުވުމާ އެކު، އެ މީހަކު ކުރިން ރަށްވެހިފައިވާ ރަށުގެ ރަޖިސްޓްރީން އުނިކުރެވޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް