ރާއްޖޭގެ ރަށެއްގެ މަގުމަތީގައި އަންހެނަކު އުޅަނދެއް ދުވައްނަި (ދައުރު ފައިލް ފޮޓޯ/އައިމިނަތު ޝިފްލީން)
ބޯހިޔާވަހިކަން ލިބޭ ރަށަކުން ރަށްވެހިކަން ބަދަލު ކުރެވޭ އިސްލާހެއް
ބޯހިޔާވަހިކަން ލިބޭ ރަށަކުން އިތުރު މުއްދަތެއް ނެތި، ވަގުތުން ރަށްވެހިކަން ބަދަލު ކުރެވޭ ގޮތަށް ގާނޫނު އިސްލާހުކުރުމަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން މަޖިލީހަށް އިސްލާހެއް މިއަދު ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - 'ރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށްވުމާ ބެހޭ ގާނޫނު'އަށް މިއަދުގެ މަޖިލިސް ޖަލްސާގައި އެމްޑީޕީގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
ތަފްސީލު - ޖުމްލަ ހަތް މާއްދާއެއް އޮންނަ އެ ގާނޫނު މިހާރު އޮންނަ ގޮތުން އެހެން ރަށަކަށް ރަށްވެހިކަން ބަދަލު ކުރެވޭނީ އެ ރަށެއްގައި އެ މީހަކު މެދުނުކެނޑި ފަސް އަހަރަށް ވުރެ ގިނަ ދުވަހު ދިރިއުޅެފައިވާ ނަމަ އެވެ. އެ ރަށެއްްގައި ފަސް އަހަރު ހޭދަކޮށްފައި ނުވާ ނަމަ، ރަޖިސްޓްރީކުރެވެނީ އެ މީހެއްގެ މަންމަ ނުވަތަ ބައްޕަ ރަޖިސްޓްރީކޮށްފައިވާ ރަށަކަށެވެ.
މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި ގާނޫނުގެ ފަސް ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރު ކުރުމަށެވެ. އެއީ:
-
ވަކި ރަށެއްގައި ރަށްވެހިވެފައިވާ މީހަކަށް، ވާރުތައިން/ބިން ބެހުމުން/ގަތުމުން/ހިބައިން/ކޯޓު ހުކުމަކުން ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އެހެން ރަށަކުން ބޯހިޔާވަހިކަމެއް (ބިމެއް، ގެއެއް، ފްލެޓެއް) ނުވަތަ ދިރިއުޅުމަށް އެކަށީގެންވާ އެ ނޫން ވެސް ތަނެއްގެ ގާނޫނީ މިލްކުވެރިކަން ނުވަތަ އެފަދަ ތަނެއްގައި ދިއިރުޅުމުގެ ގާނޫނީ ހައްގު ލިބިފައިވާ ނަމަ، އެ ރަށެއްގެ ރަށްވެއްސަކަށް ވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބޭނެ
-
އަދި އެ ތަނަކީ ދިރިއުޅުމަށް އެކަށިގެންވާ ތަނެއްކަން ކަމާ ބެހޭ އިދާރާއަށް ކަށަވަރުކުރުވުމުން، އެ މީހަަކަށް އެ ރަށެއްގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދޭންވާނެ ކަމަށް
ބިލުގައިވާ ގޮތުން، އެއްވެސް މީހަކަށް ދެ ރަށެއްގެ ރައްވެއްސަކަށް އެއްފަހަރާ ނުވެވޭނެ އެވެ. ރަޖިސްޓްރީ ބަދަލުވުމާ އެކު، އެ މީހަކު ކުރިން ރަށްވެހިފައިވާ ރަށުގެ ރަޖިސްޓްރީން އުނިކުރެވޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ރަޖިސްޓްރީ ބަދަލު ކުރުމަށް ހުށަހަޅަން ޖެެހޭ ލިޔުންތަކާއި މިކަން ކުރާނެ ގޮތާއި ގޮތް ނިންމާނެ މަސްއޫލުވާ އިދާރާތަކާއި އެ ނޫން ވެސް ހުށެޅުމާ ގުޅޭ އިތުރު ތަފްސީލުތައް މި އިސްލާހާ އެކު ގަވައިދަށް ގެންނަ ބަދަލުތަކުގައި ބަޔާން ކުރަން ޖެހެ އެވެ. އަދި އެ ގަވައިދަށް އެ ބަދަލުތައް މި އިސްލާހު ފާސްވާތާ ތިން މަސް ތެރޭ ނިންމައި ގެޒެޓްގައި ޝާއިއުކުރަން ޖެހޭނެ ކަމަށް ވެސް ބިލުގައި ބުނެ އެވެ.
މި ބިލުގައި ހުރި ކަންކަމަށް އަމަލު ކުރާނީ މަޖިލީހުން ބިލު ފާސްކޮށް، ތަސްދީގު ކުރާ ތާރީހުން ފެށިގެންނެވެ.
ކޮމެންޓް (3)
ޖލޖލޖލ
76767
އާސާފަތެ.