ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)
ސިނގިރޭޓް ޑިއުޓީ ކުޑަކުރުމަކީ ފަހަތަށް އެޅި ފިޔަވަޅެއް ނޫން: ރައީސް
މި ސަރުކާރުން ސިނގިރޭޓުގެ ޑިއުޓީ ދެގުނަ ބޮޑުކުރުމަށް ފަހު އަނެއްކާވެސް ގާތްގަނޑަކަށް ކުރިން ހުރި ވަރަށް ކުޑަކުރަން ނިންމަން ޖެހުނީ ސިނގިރޭޓުގެ ބަދަލުގައި އަގުހެޔޮކޮށް، މާ ނުރައްކާތެރި ދުންފަތުގެ ބާވަތް އާންމުވުމުން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - މީގެ ކުރިން 3.50ރ.އަށް ނަގަމުން ދިޔަ ސިނގިރޭޓު ޑިއުޓީ 8ރ.އަށް ބޮޑުކުރީ ޑިސެމްބަރު 2024ގަ އެވެ. މި ސަރުކާރުން އެ ބަދަލު އޭރު ގެނައީ ވޭޕް މަނާކުރުމާ އެކު އޭގެ ބަދަލުގައި ސިނގިރޭޓު ބުއިމަށް މަގުފަހިވެދާނެތީ ކަމަށް ބުނެ އެވެ. ނަމަވެސް:
-
ޑިއުޓީ ބޮޑުކުރިތާ ދޮޅު އަހަރެއް ފަހުން މިދިޔަ މަހު ފަހުކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ޑިއުޓީ 4ރ.އަށް ކުޑަކުރުމަށް ސަރުކާރުން މަޝްވަރާކުރާކަން ހާމަކުރައްވައިފައި
-
އޭގެ ދެ ހަފްތާއެއްހާ ދުވަސް ފަހުން، ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވި
ތަފްސީލް - ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރި ސަބަބާ ގުޅޭ ގޮތުން ނޫސްވެރިޔަކު ސުވާލުކުރުމުން ރައީސް ވިދާޅުވީ އަނެއްކާވެސް ޑިއުޓީ ކުޑަކުރަން ނިންމީ ކެބިނެޓްގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ކަމަށެވެ.
ސަރުކާރުން ސިނގިރޭޓުގެ ޑިއުޓީ ދެގުނަ ބޮޑުކުރުމަށް ފަހު އަނެއްކާވެސް ގާތްގަނޑަކަށް ކުރިން ހުރި ވަރަށް ކުޑަކުރަން ނިންމަން ޖެހުނީ ސިނގިރޭޓުގެ ބަދަލުގައި އަގުހެޔޮކޮށް، މާ ނުރައްކާތެރި ދުންފަތުގެ ބާވަތް އާންމުވުމުން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވި.
— Dhauru (@Dhaurunews) June 29, 2026
އިތުރަށް… pic.twitter.com/0gnuADUzin
ދުންފަތާ ދުރުކުރުވަން ވެގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ މަރުހަލާއެއްގެ ގޮތުގައި ވެސް ރައީސް ސިފަކުރެއްވި އެވެ.
"މަރުހަލާތަކެއް ދެއްތޯ ކުރިއަށް މި ދަނީ. އަޅުގަނޑުމެންގެ މުޖުތަމައަކީ ދުޅަހެޔޮ މުޖުތަމައަކަށް ހަދަން ވަށާޖެހޭ ސިއްހީ ސިޔާސަތެއްގެ ތެރެއިން،" ޑިއުޓީ ކުޑަކުރަން ޖެހުނު ހުއްޖަތްތައް ކިޔައިދެއްވަން ފައްޓަވަމުން ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުރިން ޑިއުޓީ ބޮޑުކުރަން ނިންމީ ސިނގިރޭޓު ބޭނުންކުރާ ވަރު އާދަޔާ ހިލާފަށް އިތުރުވެދާނެ ކަމަށް ބެލެވިގެން ކަމަށެވެ. ނަމަވެސް އަނެއްކާވެސް ޑިއުޓީ ކުޑަކުރަން ޖެހުނީ، ސިނގިރޭޓު އަގު ބޮޑުކުރުމުގެ ސަބަބުން އެެހެން ބާވަތްތައް އާންމުވުމުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އޭގެ ތެރޭގައި ސިނގިރޭޓަށް ވުރެ ސިއްހީ ގޮތުން ނުރައްކާތެރި ބާވަތްތައް ވެސް ފާހަގަކުރެވިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އާދަޔާ ހިލާފަށް ދުންފަތުގެ އެކި ބާވަތްތަައް ބޭނުންކުރާ ވަރު އާދަޔާ ހިލާފަށް އިތުރުވެދާނެތީވެ އަޅުގަނޑުމެން މި ވިސްނީ މި ބަދަލު [ސިނގިރޭޓު ޑިއުޓީ ކުޑަކުރަން] ގެންނަން، މި ބަދަލު ގެނެސްގެން މިއީ ފަހަތަށް އެޅޭ ފިޔަވަޅެއް ނޫން.
"ދުންފަތުގެ އިސްތިއުމާލުކުރުން އާދަވެފައި ތިބި މީހުން އެބަ ބޭނުންކުރޭ މާ ބޮޑަށް ސިއްހަތަށް ގެއްލުންވާ ތަކެތި. އެ ކަން ހުއްޓުވަން ވެގެން ވެސް މި ސްޓެޕް ނަގަން ޖެހޭ،" ރައީސް މުއިއްޒު އިތުރަށް ވިދާޅުވި އެވެ.
ދެހާސް ހަތްވަނަ އަަހަރުގެ ޖީލުން ފެށިގެން 'ޖެނެރޭޝަނަލް ބޭން' ތައާރަފުކުރުމާއި ވޭޕް މަނާކުރުމުގެ ފިޔަވަޅުތައް ވެސް އެޅީ ދުންފަތާ ދުރުކުރުމަށް ކަމަށާއި، މި ފަހަރު ގެނައި ބަދަލުގައި ދުންފަތާ ދުރުކުރަން ބޭނުންވާ ސާމާނުން ޑިއުޓީ ކަނޑާލަން ވެސް ހިމެނީ ދުންފަތާ ދުރުކުރުމަށް ފިޔަވަޅުތައް އަޅަން ވެގެން ކަމަށް ރައީސް ވިދާޅުވި އެވެ.
ކޮމެންޓް (3)
ތެފައާސާ.
ސެންސް
ސިކުނޑި