'ވާނުވާ ބަންދު'ގެ މައްސަލާގައި މަޝްވަރާކުރަން ރައީސް މުއިއްޒު(ކ2) މިއަދު ހޯމް މިނިސްޓަރު އަލީ އިހުސާން(ކ) އާއި ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް (ކ3) އަދި އެޓާނީ ޖެނެރަލް އަހްމަދު އުޝާމް (ވ) ބޭއްވި ބައްދަލުވުމެއްގެ ތެރެއިން \ (ފޮޓޯ/ މަޖިލިސް)

އޭސީސީ

ޮޕީޖީން ބަލަން އަންގާ މައްސަލަތައް އިސްކަންދީގެން އޭސީސީން އަވަހަށް ނިންމަންޖެހޭ ގޮތް ހަދައިފި

'އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ތަހުގީގުކުރުމުގެ އިޖުރާއަތުގެ ގަވާއިދު' އަލަށް ގެނައި އިސްލާހުގައި ޕީޖީގެ އަމުރަކުން ވަކި މައްސަލައެއްގައި ވަކި ކަންކަމެއް ކަށަވަރުކުރަން އަންގައިފިނަމަ ރަސްމީ ހަތް ދުވަސްތެރޭ އެޔަށް އޭސީސީން ޖަވާބުދާރީވާންޖެހޭނެ
1 ގަޑިއިރު ކުރިން

ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ އަމުރަކަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލާ މައްސަލަތައް ހާއްސަ އިސްކަމެއްދީގެން އަވަހަށް ނިންމަންޖެހޭ ގޮތަށް 'އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ތަހުގީގުކުރުމުގެ އިޖުރާއަތުގެ ގަވާއިދު' މިއަދު އިސްލާހުކޮށްފި އެވެ.

ވީ ކިހިނެއްް؟ - މި ގަވާއިދަށް ނުވަ އިސްލާހެއް ގެނެސްފައިވެ އެވެ. އޭ ގެތެރޭގައި ބައެއް މާއްދާތަކަށް އަކުރުތަކެއް އިތުރުކުރުމާއި ބައެއް ކުދިކުދި ބަދަލުތައް ގެނައުމުގެ އިތުރުން، މި ގަވާއިދުގެ ބާބުތަކަށް ވެސް ބައެއް ބަދަލުތައް ގެނެސްފައިވެ އެވެ. 

މި އިސްލާހުތަކަށް އަމަލުކުރަން ފަށާނީ ދެ މަސްދުވަސް ފަހުންނެވެ. މި އިސްލާހުތަކުގެ ދަށުން ހަދަންޖެހޭ ތަހުގީގުކުރުމުގެ އުސޫލުތައް އިސްލާހުތަކަށް އަމަލުކުރަން ފަށާތާ އެއް މަސްދުވަސް ތެރޭ ހެދުމަށް ވެސް ގަވާއިދުގައިވެ އެވެ.

ތަފްސީލް - އަލަށް ގެނައި އިސްލާހުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ، މި ގަވާއިދުގެ 16 ވަނަ ބާބުގެ ތެރެއަށް 'ކޮމިޝަނުގެ މައްޗަށް އަންގާ އެންގުންތަކަށް އަމަލުކުރުން' ނަމުގައި އާ ބާބެއް އިތުރުކޮށް މާއްދާތަކެއް އިތުރުކުރުކޮށްފައިވުމެވެ.

މި ބާބުގެ މާއްދާތަކުގައި އޮންނަނީ، ޕްރޮސެކިއުޓާ ޖަނަރަލް ވަކި މައްސަލައެއް ބަލަން އޭސީސީއަށް އަންގައިފި ނަމަ އެ މައްސަލައަކަށް ހާއްސަ އިސްކަމެއްދީގެން ނިންމަންވީ ގޮތުގެ އިޖުރާއަތުތަކެވެ.

އެގޮތުން ބުނެފައިވަނީ:

  • އޭސީސީގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ކުށެއް ޕީޖީން ތަހުގީގުކުރުމަށް އަމުރުކޮށްފި ނަމަ، އެ މައްސަލައަކަށް ހާއްސަ އިސްކަމެއް ދީގެން އެ މައްސަލައެއްގެ ތަހުގީގު އަވަހަށް ނިންމަންވާނެ

  • ޕްރޮސެކިއުޓާ ޖެނަރަލް ތަހުގީގު ކުރުމަށް އަމުރުކޮށްފައިވާ މައްސަލައަކީ ކޮމިޝަނުގައި ރަޖިސްޓަރީކޮށްފައިނުވާ މައްސަލައެއް ނަމަ، އެ މައްސަލައެއް ކޮމިޝަނުގައި ރަޖިސްޓަރީކުރަންވާނެ

  • ޖިނާއީ ކުށެއްގެ ޝަކުވާއަކަށް ނުވަތަ ލިބޭ މައުލާުމާތެއްގެ މައްޗަށް ގާނޫނުއަސާސީގެ ދަށުން ބާރުލިބިގެން އެ ކަމެއް ތަހުގީގުކުރުމުގެ އަމުރު ޕީޖީ ނެރޭ އަމުރެއްގެ ދަށުން ކަމެއް ކަށަވަރުކުރަން އޭސީސީއަށް އަންގައިފި ނަމަ އެކަމަށްޓަކައި ކުރާ ތަހުގީގަށް ވެސް އިސްކަމެއްދީ އަވަހަށް ނިންމަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވޭ

  • ޕްރޮސެކިއުޓާ ޖެނަރަލް، ކޮމިޝަނަށް އެންގުމެއް އަންގައިފި ނަމަ އަދި އެ އެންގުމަކާ ގުޅިގެން ޢަމަލުކުރާނެ ވަކި މުއްދަތެއް ޕްރޮސިކިއުޓާ ޖެނެރަލް ކަނޑައަޅައިފައިނުވާ ނަމަ، އެ އެންގުމެއް އަންގާތާ ރަސްމީ މަސައްކަތު ހަތް ދުވަހުގެ ތެރޭގައި ޕްރޮސިކިއުޓާ ޖެނެރަލަށް ކޮމިޝަނުން ޖަވާބުދާރީ ވާންވާނެ

  • އެ މުއްދަތުގެ ތެރޭގައި ކޮމިޝަނަށް ޖަވާބުދާރީނުވެވޭ ނަމަ، ރަސްމީ މަސައްކަތު އިތުރު ހަތް ދުވަސް ދިނުމަށް ކޮމިޝަނުން ލިޔުމުން ޕީޖީ އޮފީހުގައި އެދެންވާނެ

މިއަދު އާންމުކުރި އިސްލާހުގައި އޮތް ފާހަގަކޮށްލެވޭ އަނެއް ބަދަލަކީ، މައްސަލަ ހުށަހެޅޭނެ ފަރާތްތައް ބަޔާންކުރާ މާއްދާއަށް ގެނެސްފައިވާ އިސްލާހެވެ. އެގޮތުން ގެނެސްފައިވާ އިސްލާހަކީ:

  • ގަވާއިދުގެ 5 ވަނަ މާއްދާގެ (ނ) - މައްސަލަ ހުށަހެޅޭނެ ފަރާތްތަކުގެ ގޮތުގައި ދައުލަތުގެ އިދާރާތައް

  • ކުރިން މި ނަންބަރުގައި އޮންނަނީ ތަހުގީގުކުރަން އަންގާ އެންގުމެއްގެ ދަށުން ޕްރޮސެކިއުޓާ ޖެނެރަލް ކަމަށް

ފާހަގަކޮށްލެވޭ ކަމެއް - ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފައްދަވާފައިވާ މި ކޮމިޝަނަކީ މިނިވަން މުވައްސަސާއަކަށް ވިޔަސް، މި ކޮމިޝަނާ މެދު އާންމުންގެ އިތުބާރު ކުޑަ އެވެ. ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ނުބަލާ ދޫކޮށްލުމާއި އާދައިގެ މުވައްޒަފުންގެ މައްސަލަތައް ބަލާފައި، ބޮޑެތި ބޭފުޅުންގެ މައްސަލަތަކަށް އަޅާނުލާ ދޫކޮށްލުމުގެ އިތުރުން މައްސަލަތައް ލަސްވުމުގެ ޝަކުވާތައް ވެސް ބޮޑެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް