އޭސީސީގެ ރައީސް އާދަމް ޝާމިލް، ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި: ފަނޑިޔާރުންނާ ބެހޭ މައްސަލައެއް ބަލަމުން ދާކަމަށް ޖޭއެސްސީއަށް ކުއްލި ސިޓީއެއް ފޮނުއްވި (ދައުރު ފޮޓޯ/މުހައްމަދު އަމާން)

އޭސީސީ

އޭސީސީއަށް އެނގޭތަ؟ ރާއްޖެ އޮންނަން ޖެހޭނީ ލިސްޓުގެ އެންމެ ފުލުގެ މަގާމެއްގައި

މިދިއަ އަހަރުގެ 25 ފެބްރުއަރީ ދުވަހުގެ ރޭ ދަންވަރު އޭސީސީއަށް ހުށައެޅި މައްސަލައެކޭ ކިޔައިގެން ދެން ކުރި ކަންކަމުގެ ނަތީޖާއަކީ ރާއްޖޭގެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރުން. އެ ހަލާކުގެ ޒިންމާ ނަގަން ޖެހޭ އެއް ބަޔަކީ އޭސީސީ
12 ފެބްރުއަރީ 2026
8

ދުނިޔޭގެ ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެއަށް ކޮންމެ މަގާމެއް ލިބުނަސް އެކަމާ އުފާކޮށް ނުވަތަ ކަންބޮޑުވާ މީހުންގެ ތެރޭގައި އަޅުގަނޑު ނުހިމެނޭނެ އެވެ. އެއަށް ވުރެ ބޮޑަށް އަމިއްލަ ގައުމުގެ ހާލަތު އެނގެ އެވެ. އެ ހާލަތު އެނގޭތީ ރޭންކިން މުހިންމު ނުވަނީ އެވެ.

ކޮރަޕްޝަންގެ އިންޑެކްސްއެއް އަޅުގަނޑު އަމިއްލައަށް ހަދާ ނަމަ އަޅުގަނޑުގެ އަމިއްލަ ގައުމު ލާނީ އެންމެ ފުލުގެ ޖާގައަކަށެވެ. އެހާ ވެސް މި ގައުމުގެ ހާލަތު ދަށެވެ. ސަރުކާރާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި މިނިވަން މުއައްސަސާތަކާއި ޝަރުއީ ނިޒާމު އޮތީ ނުފޫޒާއި ހިޔާނާތުގެ ތެރޭގަ އެވެ. މި އެންމެން ގުޅިގެން، ގާނޫނުތަކަށް ފޫޅުކަނޑާލާފައި ބޭނުން ގޮތަކަށް ކަންކަން ކުރަމުން ދާކަން ނޭނގޭނީ، ސަރުކާރަށް ތާއީދުކުރާ މީހުންނަށް އެކަންޏެވެ.

އެ މީހުން އަބަދު ތިބޭނީ ފަސް އަހަރުން ފަސް އަހަރުން ނިދާފަ އެވެ. ހޭލާ ވަގުތެއްގައި ނަމަ ހުވަފެނުގަ އެވެ. ކޮންމެ ފަސް އަހަރަކުން އެ ނިދީގެ ތެރެއަށް ވަންނާނީ ސިޔާސީ ބޮޑު ދެ ޕާޓީގެ ތެރެއިން ކޮންމެވެސް އެއް ޕާޓީއެއްގެ މީހުންނެވެ. މިހާރު މި އޮތީ، އެމްޑީޕީއަށް ފަހު ޕީއެންސީގެ ނިންޖާއި ހުވަފެނުގެ ފަސް އަހަރުގެ ދަތުރެވެ.

ދުނިޔޭގެ ކޮރޮޕްޝަން އިންޑެކްސްގައި ރާއްޖެއަށް މި ފަހަރު ލިބުނީ 91 ވަނަ އެވެ. ކުރީގައި އޮތީ 92ގަ އެވެ. އެކަމަކު އެ ކުޑަކުޑަ ކުރިއެރުމާ މެދު ވެސް އޭސީސީ، ނުވަތަ ހިޔާނާތާ ދެކޮޅަށް މަސައްކަތްކުރުމުގެ ގާނޫނީ ޒިންމާ އެޅިފައި އޮތް މިނިވަން މުއައްސަސާ، ހިތްހަމައެއް ނުޖެހެ އެވެ. އޭސީސީން ދެކޭ ގޮތުގައި ރާއްޖެ އުޅެން ޖެހޭނީ އެއަށް ވުރެ ވެސް މަތީގަ އެވެ.

މިހާ ހިސާބުން ބުނެލަން ޖެހެނީ އޭސީސީގެ މެމްބަރުން އަމިއްލަ ނަފުސަށް ވެސް ލަދު ނުގަންނަނީ ހެއްޔޭ އެވެ. މިހާރު އޭސީސީގައި ތިއްބެވި މެމްބަރުންނަކީ، އަޅުގަނޑުގެ ނަޒަރުގައި، އޭސީސީ އުފެއްދި ފަހުން މިހާތަނަށް ނުކުރާ ވަރުގެ ނުބައި އަމަލެއްގެ ޒިންމާ ނަންގަވަން ޖެހޭނެ ބައެކެވެ. މިއަދަ ނޫނިއްޔާ ކޮންމެވެސް އެހެން ދުވަހަކުންނެވެ.

އޭސީސީން ފޮނުވި ސިޓިީއަކާ ގުޅިގެން ސުޕްރީމް ކޯޓުން ބޭރުކުރި ތިން ފަނޑިޔާރުން، ސުއޫދު، މަހާޒު އަދި އަޒްމިރަލްދާ (ފޮޓޯ/ ރައީސް އޮފީސް)

ރާއްޖެއަށް މިހާތަނަށް ލިބުނު އެންމެ އިތުބާރު ބޮޑު، އެންމެ އިލްމީ، އެންމެ މިނިވަން ސުޕްރީމް ކޯޓު ފުނޑާލުމުގެ މައިގަނޑު ހިއްސާދާރުންނަކީ އޭސީސީ އެވެ. މިދިއަ އަހަރުގެ 25 ފެބްރުއަރީ ދުވަހުގެ ރޭ ދަންވަރު 1ގެ ފަހުން އޭސީސީއަށް އާންމު މީހަކު ފޮނުވި މައްސަލައެކޭ ކިޔާފައި، ދެން ކުރި ހުރިހާ ކަމަކީ، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ބޭރުކުރުމުގެ ރޭވުންތެރި ކުޅިގަނޑެވެ.

ތިން ފަނޑިޔާރުންނާ ބެހޭ މައްސަލައެއް އޭސީސީއަށް ހުށައެޅުމާ އެކު އެކަން ބަލާކަމަށް ބުނެ އޭސީސީން 26 ފެބްރުއަރީ 2025ގެ ހެނދުނު 10 ޖަހާކަންހާ އިރު ޖޭއެސްސީއަށް އަންގަ އެވެ. ޖޭއެސްސީން ވަގުތުން ބައްދަލުވުމެއް ބާއްވާ އެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރެ އެވެ. އޭރު އެދުވަހުގެ ހެނދުނު 11 ޖަހާއިރަށް ސުޕްރީމް ކޯޓުގައި އޮތީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަށް އަމަލްކުރުން ހުއްޓުވުމާ ބެހޭ ވަގުތީ އަމުރަކާ ބެހޭ އަޑުއެހުމެއް ތާވަލްކޮށްފަ އެވެ.

އެކަމަކު އެ އަޑުއެހުމުގެ ކުރިން ތިން ފަނޑިޔާރުން ސަސްޕެންޑްކުރުމާ އެކު އެ މައްސަލަ ހުއްޓުނީ އެވެ.

މިހާ ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް، ކޮރަޕްޝަނާ ދެކޮޅު ދައުލަތުގެ މުއައްސަސާ މި ވަނީ ކީއްކުރަން ހެއްޔެވެ؟ ޖަވާބަކީ އޭސީސީއަކީ ސަރުކާރުގެ ސިޔާސީ ގޮތްޕަކަށް ވުމެވެ. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ނިސްބަތްވާ ސިޔާސީ ޕާޓީން ވަކިކޮށްފި ނަމަ ގޮނޑި ވެސް ގެއްލޭ އިސްލާހު ގާނޫނުއަސާސީއަށް ގެނައީ ސަރުކާރުން، ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިސް ބޭނުންކޮށްގެންނެވެ. ސަރުކާރު ބިރުގަންނަނީ ޕީއެންސީގެ މަޖިލިސް މެމްބަރުން އެ ޕާޓީން ވަކިވެ، އިދިކޮޅާ ގުޅިދާނެތީ އެވެ. އެހެންވެ ގާނޫނީ ގޮތުން މެމްބަރުން ބަނދެލީ އެވެ.

އެކަމަކު އެއީ ރާއްޖޭގެ ގާނޫނުއަސާސީގެ މައިގަނޑު ބިންގަލަށް އަސަރުކުރާ އެއްޗެއް ކަމަށް ބުނެ އެ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް އޮތީ މައްސަލައެއް ހުށައަޅައިފަ އެވެ. ސުޕްރީމް ކޯޓުން ނިންމީ އެ މައްސަލަ ކުރިއަށް ގެންދާށެވެ. އަދި 26 ފެބްރުއަރީ 2025ގައި އަޑުއެހުމެއް ބާއްވަން އުޅުނީ ސުޕްރިމް ކޯޓުން އެ މައްސަލާގައި ހުކުމެއް ކުރުމުގެ ކުރިން އެ އިސްލާހަށް އަމަލްކުރުން މަޑުޖައްސާލަން އަމުރެއް ނެރޭނެތޯ ނުުވަތަ ނޫންތޯ ކަނޑައެޅުމަށެވެ.

އޭގެ ކުރިން ސަރުކާރުން ސުޕްރީމް ކޯޓު ހުއްޓުވީ އެވެ. އެ ހުއްޓުވުމުގެ މައިގަނޑު ކުޅިގަނޑު ފެށީ އޭސީސީ މެދުވެރިކޮށެވެ.

މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަށް ފަހު ވަކީލުން ސުޕްރީމް ކޯޓުން ނުކުންނަނީ: އެ މައްސަލަ ނިންމުމުގެ ކުރިން ކޯޓުގެ ބެންޗު ވަނީ ބަދަލުކޮށްފައި (ދައުރު ފޮޓޮ)

ތިން ފަނޑިޔާރުންގެ މައްސަލައެއް ބަލާކަމަށް ބުނެ އޭސީސީން އެ ސިޓީ ފޮނުވިތާ މި މަހު 24 އަށް އަހަރެއް ވާނެ އެވެ. މިހާރު އެ ތަހުގީގު އޮތީ ކިހާ ހިސާބެއްގައި ހެއްޔެވެ؟ ދިވެހި ރައްޔިތުންނޭވެ! އަޅުގަނޑަށް އެނގިފައިވާ ގޮތުން އޭގެ ބައެއް ފަނޑިޔާރުންނާ އަދި ސުވާލު ވެސް ނުކުރެ އެވެ. އެހެންކަމުން އޭސީސީ ކިހާ މިނިވަން ހެއްޔެވެ؟ އޭސީސީ ކިހާ ހަރަކާތްތެރި ހެއްޔެވެ؟ އޭސީސީ ކިހާ އިންސާފުވެރި ހެއްޔެވެ؟

ދުނިޔޭގެ ކޮރަޕްޝަން އިންޑެކްސްއާ މެދު ހިތްހަމަނުޖެހިގެން ބަޔާން މި ނެރެނީ މި ވަރުގެ ބައެކެވެ. 

އޭސީސީ މަސައްކަތްކުރާ ގޮތް ދިވެހިންނަށް ކިޔައިދޭކަށް ނުޖެހޭނެ އެވެ. ރާއްޖޭގައި ސިޔާސީ މީހުން ހިންގާ ހިޔާނާތުގެ ބޮޑެތި މައްސަލަތައް ދިވެހި ރައްޔިތުންނަށް އެނގެ އެވެ. ފެނެ އެވެ. ސަރުކާރު ދެކެ ބިރުން އެއިން ކަމަކާ ފިޔަވަޅު އަޅަން ނުކެރެނީ އޭސީސީއަށެވެ. ގާނޫނީ ޒިންމާ ނަގަން ބިރުގަންނަ ބަޔަކަށް އޭސީސީ ވުމުން މި ގައުމުގައި ކޮރަޕްޝަންގެ މޫ އެހެރަ ދަނީ ފެތުރި، ވަރުގަދަވަމުންނެވެ.

ކިރިޔާ ވެސް ލަދެއް ހުރި ނަމަ އޭސީސީން އެ ބަޔާނެއް ނުނެރޭނެ އެވެ. ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްއިން އެ އިންޑެކްސް ހަދާ ގޮތާ މެދު އެއްޗެކޭ ބުނަން ޖެހިލުންވީހެވެ. ތިބޭނީ މަޑުންނެވެ. 

އަޅުގަނޑު އަބަދުވެސް ބުނަމުން އަންނަ ވާހަކައެކެވެ. ދައުލަތުގެ ބައެއް މަގާމުތަކަށް ތިމާ ދާން ޖެހޭނީ ހަމައެކަނި މުސާރައެއް ހޯދާކަށެއް ނޫނެވެ. ނުވަތަ އެ މަގާމުގެ ބޮޑުކަމުން ތިމާގެ ޕްރޮފައިލް މަތިކުރާކަށް ވެސް ނޫންމެ އެވެ. ދައުލަތުގެ ބައެއް މަގާމުތަކުގެ ގާނޫނީ ޒިންމާ ނެގޭނީ ވަރަށް ކެރިގެންނެވެ. ވަރަށް އިންސާފުވެރިވެގެންނެވެ. މަގާމު ގެއްލުނަސް ގާނޫނީ ޒިންމާއިން ދުރުނުވާނެކަމުގެ ޔަގީންކަން އަމިއްލަ ނަފުސަށް އޮވެގެންނެވެ. ސިޔާސީ ނުފޫޒެއް ނުވަތަ އެހެން ވެސް ނުފޫޒެއް އަންނަ ނަމަ އެއިން ދިފާއުވެވޭ ފަދަ ގަޓު ހުރެގެންނެވެ.

މިހާރުގެ އޭސީސީގެ މެމްބަރުންގެ ކިބާގައި އޭގެ އެއްވެސް ސިފައެއް ނެތެވެ. އެހެންކަމުން ދުނިޔޭގެ ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެއަށް ލިބުނު ރޭންކިންއާ މެދު ހިތްހަމަނުޖެހިގެން ދިވެހި ރައްޔިތުންނަށް ވަކި ކަމެއް ސާފުކޮށްދޭކަށް ނުޖެހޭނެ އެވެ. ސިޔާސީ ނިދީގައި ނެތް ދިވެހިންނަށް އޭސީސީއަކީ ކޮން ކަހަލަ ތަނެއްކަން ވަރަށް ރަނގަޅަށް އެނގެ އެވެ.

އަދިވެސް ބުނަމެވެ. މިހާތަނަށް ރާއްޖެއަށް ލިބުނު އެންމެ ރަނގަޅު ސުޕްރީމް ކޯޓު ފުނޑާލުމުގެ ޒިންމާ ނަގަން ޖެހޭނެ އެއް ބަޔަކީ މިހާރުގެ އޭސީސީ އެވެ. އެ ދުވަސް ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ އެވެ. ހަމައެކަނި އެ ދުވަހު އޭސީސީގެ އަމަލްތައް ހުރި ގޮތަށް ބަލާފައި ނަމަވެސް ކޮރަޕްޝަންގެ އިންޑެކްސްގައި ރާއްޖެއަށް ހައްގީ އެންމެ ފުލުން ވަނައެކެވެ.

ކޮމެންޓް (8)

ޢާޠިފް

12 ފެބްރުއަރީ 2026
ވަރަށް ރަނގަޅު ލިޔުމެއް. ނިދާފާތިބި މީހުން ހޭލަބަލަ. މި ލިޔުމުން އަހަންނަށް ފެނުނީ މޫސަ ގައުމުދެކެވާ ލޯބި. ޚިޔާނާތްތެރިންނަށް ނަފްރަތު ކުރާ މިންވަރު.
11 1

ތެފައާސާ.

12 ފެބްރުއަރީ 2026
ލަދުހަޔާތް ނެތުނީމާ ދެން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ކޮންމެފަދަ ބަޔާނެއްވެސް ނެރެފާނެ. ގައުމިއްޔަތު މާއްދާގެ ކުރިން ކިޔަވައިދޭންވީ ނަޒާހާތްތެރިކަމާއި ތެދުވެރިކަމާއި ލަދުހަޔާތް.
12 1

އަޙައްމަދު

12 ފެބްރުއަރީ 2026
މޫސަޔަށް ސާބަސް ދޭން ލިޔާނެ އެއްޗެއްވެސް ނޭނގޭ. ކަންބޮޑުވަނީ ގަލަމުގެ ދޯރި ޖަހާފާނެތީ.
10 1

ކަލޯ

12 ފެބްރުއަރީ 2026
މިލިޔުމަށް ޖުމްލަކޮށް ތާއީދުކުރަން. އެހެން ނަމަވެސް މިހާތަނަށް ލިބުނު އެންމެ ރަނގަޅު ސުޕްރީމް ކޯޓެކޭ ނުބުނެވޭނެ. އެމީހުންގެ ޤާބިލުކަމާ މެދު ސުވާލު ކުޑަނަމަވެސް އެމީހުންނަކީވެސް ވަކި އަތަކަށް ބުރަވެފައިވާ ބައެއް. އޭގެ ތެރެއިން ބައެއް. އެހެނެކޭ ކިޔާފައި އަލުން އައްޔަނުކުރި މީހުންނަކީވެސް ވަކިއަތަކަށް ބުރަވެފައިވާ ބައެއް. އެހެންވީމާ އެމްޑީޕީ އެކޭ ޕީއެންސީއެކޭ ތަފާތެއް ނެތް
4 9

ތެފައާސާ.

12 ފެބްރުއަރީ 2026
@ކަލޯ އެހެންވީމާ ތިޔަބުނިގޮތުން ވަކި އަތަކަށް ބުރަވެފައިތިބި އެކަމަކު ގާބިލް ބަޔަކު ނެރެފައި މި ލީ ވަކި އަތަކަށް ބުރަވެފައިތިބި ނާގާބިލް ބައެއްތާ؟
8 1

ދޮންކަލޯ

12 ފެބްރުއަރީ 2026
@ކަލޯ އެމީހުން ވަކި އަތަކީ ބުރަވީ ކިހިނެތް؟ ކޮން ހުކުމަކުން ޤާނޫނީ ހުއްޖަތް ނުދައްކާ ވަކި އަތަކަށް ބުރަވީ؟ ބަޔަކާ މެދު ގަޔާނުވިޔަސް ދޮގު ވާހަކަ ފަތުރާ އެއްޗެއް ނޫން ކަލޯ!
2 2

ނުހާ ހަސަން

12 ފެބްރުއަރީ 2026
ވަރަށް ފައްކާ ލިޔުމެއް.
9 1

ހަސާނާހާ

12 ފެބްރުއަރީ 2026
އެއް ވަނައިގެ ލިޔުމެއް
11 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް