ރައީސް މުއިއްޒު. (ފޮޓޯ/ރައީސް އޮފީސް)

ނިޒާމު ބަދަލުކުރާކަށް ނުޖެހޭ؛ އެ އުޅެނީ އެމްޑީޕީގައި ވެރިކަން ބޭނުންވާ މީހުން ގިނަވެގެން: ރައީސް

ކުރީގެ ރައީސް ނަޝީދާއި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ފައްޔާޒު ގުޅިގެން ނެރުއްވި 'ބޮޑު ބަދަލު' އެޖެންޑާގައި އޮންނަނީ ދައުލަތުގެ ވެރިޔަކާއި ސަރުކާރުގެ ވެރިޔެއް ހުންނަން ޖެހޭ ގޮތަށް ނިޒާމު ބަދަލުކުރުމަށް
1 ގަޑިއިރު ކުރިން

ވެރިކަމުގެ ނިޒާމު ހިމެނޭ ގޮތަށް ގާނޫނުއަސާސީއަށް ބޮޑު ބަދަލުތަކެއް ގެންނަން ވެގެން އިދިކޮޅު އެމްޑީޕީގެ ތެރެއިން މަސައްކަތް ކުރަމުން ދަނީ އެ ޕާޓީގައި ވެރިކަންކުރަން ބޭނުންވާ މީހުން ގިނަވެގެން ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ވީކިިހިނެއް؟ - ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ފައްޔާޒު އިސްމާއީލް ގުޅިގެން ނެރުއްވި 'ބޮޑު ބަދަލު' އެޖެންޑާގައި އޮންނަނީ ދައުލަތުގެ ވެރިޔަކާއި ސަރުކާރުގެ ވެރިޔެއް ހުންނަން ޖެހޭ ގޮތަށް ނިޒާމު ބަދަލުކުރުމަށެވެ. އެ ގޮތުން ނިޒާމު ބަދަލުކުރުމަށް އޭގައި އޮންނަނީ:

  • ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ސަރުކާރުގެ ވެރިޔަކު ކަނޑައެޅުން؛ އެއީ ތަފާތު ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުން

  • ސަރުކާރު ހިންގާ ވެރިޔަކީ ރައްޔިތުންގެ ވޯޓުން ހޮވާ މީހަކަށް ހެދުން 

  • ސަރުކާރުގެ ވެރިޔާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީކުރެވޭނެ ނިޒާމެއް ގާއިމުކުރުން

  • ދައުލަތުގެ އެންމެ މަތީ ވެރިޔާއަކީ ރައްޔިތުންގެ މަޖިލީހާއި ކައުންސިލުތައް ފަދަ އިންތިހާބީ މަގާމުތަކުގައި ތިބި މީހުންގެ އަގުލަބިއްޔަތުން އިންތިހާބުކުރާ މީހެއް ކަމަށް ކަނޑައެޅުން؛ އެކަމަކު ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދޭ ގޮތަށް

މި މަހު ބޭއްވި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ނަޝީދު ކާމިޔާބުކުރައްވާފައިވާއިރު އޭގައި ހިމެނޭ ކަންކަމަށް ރައީސް މުއިއްޒު ރައްދު ދެއްވީ، ޕީއެސްއެމުން ރޭ ގެނެސްދިން 'ނޭޝަން ޗެޓު'ގައި ޕީއެސްއެމްގެ ނޫސްވެރިޔާ ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ތަފްސީލް - އެ ސުވާލުގެ ޖަވާބު ފައްޓަވަމުން ރައީސް މުއިއްޒު ފުރަތަަމަ ވެސް ވިދާޅުވީ "މިވާ ގޮތަކީ އެ މީހުންގެ ތެރޭގައި ވެރިކަންކުރާ ހިތްވާލެއް މީހުން ގިނައީ" ކަމަށެވެ. އެހެންވެގެން ދައުލަތުގެ ވެރިޔަކާއި ސަރުކާރުގެ ވެރިޔަކު ހުންނަން ޖެހޭ ގޮތަށް ނަމަވެސް ވެރިންގެ މަގާމުތައް ގިނަކުރަން ބޭނުންވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ރައީސް ކަމާއި ބޮޑުވަޒީރު ކަމާއި، މިހެން ގޮސް ކޮންމެ ވެސް އެހެން ނަމެއް ކިޔާފައި ވެސް ދީފާނެ ކަންނޭނގެ. ވެގެން އޮތިއްޔާގެ ރަސްގެފާނުގެ މަގާމު ވެސް ގެންނަން އެ މީހުން ބޭނުން ވާނެ. އެ ކަހަލަ ބައެއް އެއީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މީގެ ކުރިން 2007 ވަނަ އަހަރު ފެންނަ ނުފެންނަ ވޯޓަކުން ރިޔާސީ ނިޒާމަކަށް ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން ނިންމީ ރިޔާސީ ނިޒާމެއްގެ ހުރި ފައިދާތަކަށް ރައްޔިތުން ހޭލުންތެރިވެ ތިބެ ކަމަށް ރައީސް ވިދާޅުވި އެވެ. ރައްޔިތުންގެ ބަހެއް ނެތި، ސަރުކާރުގެ ވެރިޔާ އެހާ ފަސޭހައިން ބަދަލުކުރެވޭ ގޮތަށް ބަރުލަމާނީ ނިޒާމެއް ބޭނުން ނުވާތީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މި ނިޒާމު މި އޮތީ ރައްޔިތުން ބޭނުންވާ ގޮތަށް ނިންމާފައި އޮތީ،" ރައީސް ވިދާޅުވި އެވެ.

ރާއްޖެއަކީ އާބާދީ ކުޑަ ގައުމަކަށް ވާތީވެ، ޔުނިޓަރީ ދައުލަތުގެ ސިފަ އާއި 'އެއްބައިވަންތަކަން' ގެއްލޭނެ ގޮތަކަށް ނިޒާމަށް އިތުރު ބޮޑެތި ބަދަލުތަކެއް ގެންނަން ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތެއް ބޭނުން ނުވާނެ ކަމަށް ރައީސް މުއިއްޒު ގަބޫލުކުރައްވަ އެވެ.

"ނިޒާމު ބަދަލުކުރާކަށް ނުޖެހޭ. އަޅުގަނޑަށް ފެންނަނީ މި އޮތް ގޮތުގައި ރައްޔިތުން ކުރިއަށް ދާނެ ކަމަށް،" މިހާރު އަަމަލުކުރަމުންދާ ފެހި ގާާނޫނުއަސާސީގެ ދަށުން ވެރިކަން ކުރައްވާ ފަސްވަނަ ރައީސް މުއިއްޒު ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް