'ވޭކްއަޕް'ނަމުގައި އާޓިފިޝަލް ބީޗްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފްއިން މިދިޔަ އަހަރު ބޭއްވި ޖަލްސާގައި ޔާމީން ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ސުޕްރީމް ކޯޓަށް ފަހުގެ ބާރުދީފައި އޮތް އޮތުން އުވާލުން ހިމެނޭހެން ނިޒާމަށް ބަދަލުތަކެއް އަންނަންޖެހޭ: ޔާމީން
އެންމެ ފަހުގެ ނިންމުން ނިންމުމުގެ ބާރު ސުޕްރީމް ކޯޓަށް ދީފައި އޮންނަ އޮތުން އުވާލުން ހިމެނޭހެން، ރާއްޖޭގެ ނިޒާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރޭ ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވަނީ ރާއްޖޭގެ ނިޒާމުތަކަށް ބަދަލު ގެންނަން ޖެހޭކަން ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި އަދުލުއިންސާފުގެ ދާއިރާ މިހާރު އޮންނަގޮތުން، ސިޔާސީ މީހުންނާ މެދު ނާއިންސާފުން ކަންކަންވާކަމުގެ ކަންބޮޑުވުންތައް ވެސް ޔާމީން ފާޅުކުރެއްވި އެެވެ.
ބުނީ ކީކޭ؟ - ޔާމީން ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެބައެއްގެ ކަންކަމާއި ގާނޫނުތައް ހަދާފައި ހުންނަނީ އެބައެއްގެ ތަޖުރިބާއަށް ބަލައިގެން ކަމަށާއި ހުރިހާ ގައުމުތަކެއްގައި ގާނޫނު އެއްގޮތް ވާން ނުޖެހޭ ކަމަށެވެ. ރާއްޖެއިން ވެސް މިތަނަށް ފެތޭ ގާނޫނުތަކާއި ނިޒާމުތައް ހަދައި އެކަމަށް އަވަސް ހައްލުތަކެއް ގެންނަންޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑަށް މިހާރު މިވެސްނެނީ، މި ގާނޫނުތަކާއި މީހުންގެ ތަރުބިއްޔަތާއި އަހުލިއްޔަތު ނެތުމާއި މިހުރިހާ ކަމަކާއެކީ އަޅުގަނޑުމެންނަށް ނިޒާމަށް ބަދަލުތަކެއް އަންނަން [ޖެހޭ ކަމަށް]. ނިޒާމަށް ބަދަލުތަކެއް އަންނަންޖެހެނީ،" ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ދުނިޔޭގެ އެހެން ތަންތަނުގައި ގަބޫލުކުރާގޮތަށް، ސުޕްރީމް ކޯޓަށް އެންމެ ފަހުގެ ބާރުދީގެން ތިބޭ ތިބުމަށް ބަދަލެއް އަންނަންޖެހެނީ. އެއަށް ބަދަލު އަންނަންޖެހެނީ. ފުލުހުންގެ ތަހުގީގުތައް ކުރެވޭ ގޮތަށް ބަދަލެއް އަންނަންޖެހެނީ. އެކަހަލަ ކަންތައްތަކެއް ނިޒާމުތަކެއް އެކުލަވާލަން އެބަޖެހޭ،"
ޔާމީން ވިދާޅުވި ގޮތުން:
-
2008ގެ ގާނޫނުއަސާސީ މިހާތަނަށް ހިންގިއިރު ތަޖުރިބާ ވަރަށް ހިތި؛ އެފަހަރަކު ބޭނުންގޮތަކަށް ގާނޫނުތައް މާނަކުރޭ، ގާނޫނުތައް ބަދަލުކުރޭ
-
ރައީސުލްޖުމްހޫރިއްޔާއަށް އައްޔަންވެފައި ހުންނަ މީހާއަކީ ރައްޔިތުންގެ 150،000 ވޯޓުން އިންތިހާބުވާ މީހެއް ނަމަވެސް އޭނާއާ ދޭތެރޭގަައި ސިޔާސީ ހުކުމެއް އިއްވަން ހޮވާފަތިބޭ ކޯޓުތަކުގެ ފަނޑިޔާރުންނަކީ އިންތިހާބުވެގެން ތިބޭ ބައެއް ވެސް ނޫން؛ އެމީހުންނަކީ އެދާއިރާގެ އެންމެ ފުންނާބު އުސް ތައުލީމާއި ތަޖުރިބާ ހާސިލުކޮށްފައި ތިބި މީހުނެއް ވެސް ނޫން
-
ރާއްޖޭގައި ސިޔާސީ މީހުންނަށް އިތުބާރު ނެތިގެން އުޅެނީ ވެސް އަދުލުއިންސާފު ދާއިރާގެ ޓްރާންސްޕެރެންސީ ނެތީމަ؛ ހާއްސަކޮށް ސިޔާސީ މީހުންނާމެދު ކުރާ ތަހުގީގުތައް ފާހަގަކުރައްވޭ
-
ޖިނާއީ މައްސަލަތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދިއުމަކީ ވެސް ރަނގަޅު ކަމެއް ކަމަށް ނުދެކެން؛ އޭރުން ތުހުމަތުކުރެވޭ މީހާ ހުންނަނީ މުޅި ކޯޓު މަރުހަލާގައި ރަހީނުވެފައި
"އެހެންވީމާ ނިޒާމުތަކަށް ބަދަލު އަންނަން އެބަޖެހޭ. އަނެއްކާ ސުޕްރީމް ކޯޓުން ނިންމާ ނިންމުންތަކަށް އޭގެ ފަހުން ވެސް ބަސް ބުނެވޭގޮތަށް އެބަ އޮންނަންޖެހޭ. އެހެންނޫނީ ހަތް މީހުންގެ އަތްމަތީގައި މުޅި ރާއްޖެ ހިސޯރުވެފައި މިތިބެނީ. އެކަމަކު މިތާކު ނެތޭ އިންތިހާބުވެފައި ހުރި އެކަކު ވެސް،" ކޯޓުތަކުގައި މިހާރު ވެސް ޝަރީއަތްތަކެއް ހިނގަމުން އަންނަ ޔާމީން ވިދާޅުވި އެވެ.
"އެހެންވީމާ ރާއްޖޭގެ މި ނިޒާމުތައް ވަރަށް ކޮރު، ތަފާތު އެއްޗެހިތަކެއް އެބަ ހަދަންޖެހޭ،" ޔާމީން ވިދާޅުވި އެވެ.
މީގެ އިތުރުން، ކޯޓުގެ ތިން މަރުހަލާއިން ހުކުމް ހިފަހައްޓާފައި ހުރި މީހުން ސަރުކާރު ބަދަލުވުމާ އެކު މިނިވަވުން ގަބޫލުނުކުރެވޭ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ދައުލަތަށް ހިދުމަތް ކުރަން ފުރުސަތު ލިބުމުން އިހުލާސްތެރި މަަސައްކަތްތަކެއް ކުރަން ބޭނުންވާ ވެރިންނަށް އެކަން ނުކުރެވެނީ ވެސް ގޮތް ނޭނގޭ އަދުލު އިންސާފުގެ ދާއިރާއެއް ރާއްޖޭގައި އޮތުމުން ކަމަށެވެ.
"ގޮތް ނޭނގެއޭ މިބުނަނީ އެއްފަަހަރު ގޯސްކަންތައް އަނެއްފަހަރު ރަނގަޅުވެދާނެ. އަޅުގަނޑު ގަބޫލެއް ނުކުރަން ތިން މަރުހަލާގައި އެމީހުންގެ މައްޗަށް ހުކުމް ދަމަހައްޓާފައި ތިބި މީހުން ހަމަ ރައީސް ބަދަލުވީމާ އެމީހުން މިނިވަންވެގެން ދާންވާނެ ކަމަކަށް،" ޔާމީން ވިދާޅުވި އެވެ.
"ހަމަ ފަނޑިޔާރުން އޭނާ ހައްޔަރުކުރަން ފުލުހުންނާއި ގުޅިގެން ވަގު އަމުރެއް ނެރެފައި އޭނާގެ މައްޗަށް ހުކުމް އައިސް އިސްތިއުނާފް މަރުހަލާ ނިމިފަހުރި މީހަކު ހަމަ ސަރުކާރު ބަދަލުވީމާ އަނެއްކާ ވެސް އޭނާއަކީ އެކަން ނުކުރާ މީހަކަށް ވެގެން، ފާފަތަށް ފުހެވިގެން ގޮސް މުޅިން މައުސޫމް މީހެއް. މިއީ އަޅުގަނޑުމެން ގަބޫލުކުރާ އުސޫލެއް ނޫން،"
ޔާމީން ވިދާޅުވީ ކޮރަޕްޓު މީހުންނާ މެދު މި ސަރުކާރަށް ވެސް އަދި ސޯލިހުގެ ސަރުކާރަށް ވެސް ފިޔަވަޅެއް އެޅިފައިނުވާ ކަމަށެވެ. ރައްޔިތުންގެ އިތުބާރު ނުލިބި، އެމީހުން ނުފޫޒެއްގެ ތެެރޭގައި ތިބެންޖެހޭ ބަޔަކަށް ވަނީ ވެސް އެހެންވެގެން ކަމަށް ޔާމީން ވިދާޅުވި އެވެ.
މިފަދަ ބަދަލުތައް ހިމެނޭހެން ރާއްޖޭގެ ނިޒާމުތަކަށް ބޮޑެތި ބަދަލުތަކެއް އަންނަންޖެހޭ ކަމަށް ޔާމީން ރޭ ތަކުރާރުކޮށް ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ގާނޫނުއަސާސީ ހިމެނޭހެން، ރާއްޖޭގެ ނިޒާމުތަކަށް ބޮޑެތި ބަދަލުތަކެއް އަންނަންޖެހޭ ކަމަށް ޔާމީން ރޭ ވިދާޅުވިއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ބޮޑެތި ބަދަލުތަކެއް ނިޒާުމުތަކަށް ގެނަންޖެހޭކަމަށް ވިދާޅެވެ، ކެމްޕޭންތަކެއް ކުރައްވަމުންނެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލާ އެކު 'ބޮޑު ބަދަލު'ގެ ނަމުގައި ނަޝީދު ކުރައްވަމުން ގެންދަވާ އެ މަސައްކަތުގައި ވަކާލަތު ކުރައްވަމުން ގެންދަވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ހިމެނޭހެން ދައުލަތުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށެވެ.
މި ބަދަލުތަކަށް އެމްޑީޕީގެ މެމްބަރުން ހިމެނޭހެން، ވާދަވެރި ސިޔާސީ ލީޑަރުންގެ ތާއީދު ހޯއްދެވުމަށް ވެސް ނަޝީދު ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ. މިހާރުގެ ސަރުކާރު ބަދަލުކުރުމަށް ނަޝީދު ހިމެނޭހެން ޔާމީން އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްތިހާދުވެފައި ވީނަމަވެސް، ނަޝީދުގެ މި ބަދަލުތަކަށް އެއްބަސްވެވަޑައިގަންނަވާ ކަމަށް އެ ދެބޭފުޅުން އަދި ސީދާ ވިދާޅެއްނުވެ އެވެ.
ކޮމެންޓް