އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ރާއްޖޭގެ ރަށަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު (ކ) އަދި ފައްޔާޒު އިސްމާއިލް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން (ފޮޓޯ/ ހުސައިން ޝާފިއު)

އެމްޑީޕީ މެންބަރުން ބޮޑު ބަދަލަކަށް ތައްޔާރުކަން ސާބިތުކޮށްދީފި: ފައްޔާޒު

ފައްޔާޒު ވިދާޅުވީ، ހިތަށް ވީ ތަދުގެ ބަދަލު ހޯދުމަށް ވުރެ ބޮޑަށް ރާއްޖެ އިސްކޮށް އެމްޑީޕީގެ މެމްބަރުން ދިނީ މުހިންމު ވޯޓެއް ކަމަށް؛ ދެން އޮތީ ބަދަހި ސަފުތަކަކާ އެކު ނުކުމެ މި ސަރުކާރު ބަދަލުކުރުން ކަމަށް ފައްޔާޒު ވިދާޅުވި

މިއަދު ކުރިއަށްދިޔަ އެމްޑީޕީ ޗެއާޕާސަންކަމުގެ އިންތިހާބުގައި، އެ ޕާޓީގެ މެންބަރުން "ބޮޑު ބަދަލަކަށް" ތައްޔާރުކަން ސާބިތުކޮށްދީފައިވާ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިއަދު 2:30 އިން ފެށިގެން މިރޭ 9 ޖެހުމާ ހަމަޔަށް ކުރިއަށްދިޔަ މި އިންތިހާބުގެ ވޯޓުލުން ނިމި މިހާރު ދަނީ ވޯޓު ގުނަމުންނެވެ. 

މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި، ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމްއާ ވާދަކުރައްވައި، ކުރީގައި އުއްޅުވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

އެއާއެކު، ނަޝީދަށް ތާއީދުކުރާ އެމްޑީޕީ މެމްބަރުން މިހާރު އަންނަނީ އެމަނިކުފާނަށް މަރުހަބާ ކިޔަމުންނެވެ.

އެނގުން މުހިންމު - ނަޝީދާއި، ފައްޔާޒާ އެކުވެ، މިހާރު ގެންދަވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ ކެމްޕޭނެއް ކުރައްވަމުންނެވެ. ނަޝީދު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ޗެއާޕާސަންކަން ބޭނުންވަނީ އެ 'ބޮޑު ބަދަލު' ގެނައުމަށް އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުންނެވެ.

ތަފްސީލް - ފައްޔާޒު ދެންމެ އެކްސް ޕޯސްޓެއްގައި ވިދާޅުވީ މާތް اللهގެ ވާގިފުޅާ އެކު މި އިންތިހާބުގައި ކާމިޔާބަށް ވާސިލުވެވިފައިވާ ކަމަށާއި ކެމްޕޭނަށް ލިބުނު ކުޑަ ދުވަސްކޮޅު ތެރޭ މުޅި ރާއްޖޭގައި ރީނދޫ ލަޝްކަރު ރުކުރުވާލެވިފައި އޮތް މަންޒަރު ފެނުމަކީ ބޮޑު އުފަލެއް ކަމަށެވެ.

‏"އެމްޑީޕީ މެންބަރުން ބޮޑު ބަދަލަކަށް ތައްޔާރުކަން ސާބިތުކޮށްދެއްވައިފި. ރައީސް ނަޝީދަށް ތި ދެއްވި ވޯޓާއެކު 'ބޮޑު ބަދަލު' މި ރާއްޖެއަށް ގެނައުމުގެ މަސައްކަތް މިއަދު މިދިޔައީ ފެށިގެން. އެމްޑީޕީ ކުރިއަށް!" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު އިތުރަށް ވިދާޅުވިގޮތުގައި:

  • މިއަދު އެމްޑީޕީ މެމްބަރުން ސާބިތުކޮށްދިނީ އެ ޕާޓީގެ މިސްރާބު ކަނޑައަޅައިދޭ،  ޕާޓީގެ ވިންދަކީ އެ މީހުންކަން

  • ހިތަށް ވީ ތަދުގެ ބަދަލު ހޯދުމަށް ވުރެ ބޮޑަށް ރާއްޖެ އިސްކޮށް، އެ މީހުން ދިނީ މުހިންމު ވޯޓެއް

  • މީކާއިލާއި ކެމްޕޭން ޓީމުގެ ހިތްވަރަށް ސާބަސް ފައްޔާޒު ދެއްވި

  • ފައްޔާޒު ވިދާޅުވީ ދެން އޮތީ އެކުގައި ގޮސް މި ސަރުކާރު ބަލިކުރުން ކަމަށާއި އެމްޑީޕީން ބަދަހި ސަފުތަކަކާ އެކު ނުކުމެ އެ މަސައްކަތް ކާމިޔާބުކުރާނެ ކަމަށް

ކޮމެންޓް (1)

profile-image-placeholder

ފާތިމަތު

23 މިނިޓު ކުރިން
ދިހަ ހާހެއްހާ ވޯޓުން ހުރިހާ ރައްޔިތުން ތިބި ގޮތެއް ނޭނގޭނެ، އޯވަރ ކޮންފިޑެންޓް ނުވޭ، ހިސާބު ޖަހާނީ މުޅި ޖުމްލަ އެއްކޮށް. އަންނިއަށް ދޭވޯޓު އެހެން މީހަކަށް ނުލިބިދާނެ، ކާމިޔާބީއަށް މަރުހަބާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް