އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގައި ކުރީގެ ރައީސް އަދި އެ އިންތިހާބުގެ ކެންޑިޑޭޓު މުހައްމަދު ނަޝީދު ވޯޓުލައްވަނީ. (ފޮޓޯ/ނައުޝަމް ވަހީދު)
ނަޝީދު ބޮޑު ތަފާތަކުން ޗެއާޕާސަން އިންތިހާބު ކާމިޔާބުކުރައްވައިފި
ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޮޑު ތަފާތަކުން ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމް ބަލިކުރައްވައި އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބު ކާމިޔާބުކުރައްވާފައިވާކަން މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކައިފި އެވެ.
ތަފްސީލް - މި އިންތިހާބުގައި ބަހައްޓާފައިވާ 241 ވޯޓު ފޮށީގެ ތެރެއިން 116 ފޮށީގެ ނަތީޖާ މިހާރު ވަނީ ލިބިފަ އެވެ. އެ ފޮށިތަކުން ކުރީގައި އުޅުއްވަނީ، އެ ޕާޓީގެ ކުރީގެ ރައީސްކަން ވެސް ކުރެއްވި، ނަޝީދެވެ. އެގޮތުން މިހާތަނަށް:
-
ނަޝީދަށް 6،600 އަށް ވުރެ ގިނަ ވޯޓު ލިބިފައިވޭ؛ އެއީ %69
-
މީކާއިލްއަށް މީހާތަނަށް ލިބުނީ، ގާތްގަނޑަކަށް 3،000 ވޯޓު؛ އެއީ %30
ފާހަގަކުރެވޭ - މިވަގުތު ނަޝީދު ގެންދަވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ގެންނަން ބޭނުންވާ ބަދަލުތަކަކާ އެކު، ބޮޑު ބަދަލުގެ ނަމުގައި، ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާ އެކު ކެމްޕޭންތަކެއް ކުރައްވަމުންނެވެ. ނަޝީދު ބޭނުންފުޅުވަނީ 2028ގައި މިހާރުގެ ސަރުކާރު ބަލިކުރުމަށް ފަހު އެމްޑީޕީގެ ސަރުކާރެއްގައި ދައުލަތުގެ އެންމެ މަތީ ވެރިޔެއްގެ ގޮތަށް ރައީސްއެއް ހުންނެވުމުގެ އިތުރަށް ސަރުކާރުގެ ވެރިޔަކު ވެސް ހުންނަގޮތަށް ވެރިކަމުގެ ނިޒާމު ބަދަލުކޮށްލާށެވެ.
ނަޝީދު ވިދާޅުވާގޮތުގައި އެމްޑީޕީގެ ޗެއާޕާސަންކަން ބޭނުންވަނީ އެކަމަށް މަގުފަހިކުރުމަށެވެ.
ފައްޔާޒު މީގެ ކުޑައިރުކޮޅެއް ކުރިން އެކްސް ޕޯސްޓެއްގައި ވިދާޅުވީ ނަޝީދު އިންތިހާބު ކާމިޔާބުކުރައްވާފައިވާ ކަމަށާއި "އެމްޑީޕީ މެންބަރުން ބޮޑު ބަދަލަކަށް ތައްޔާރުކަން ސާބިތުކޮށްދެއްވައިފި" ކަމަށެވެ.
"ރައީސް ނަޝީދަށް ތި ދެއްވި ވޯޓާއެކު 'ބޮޑު ބަދަލު' މި ރާއްޖެއަށް ގެނައުމުގެ މަސައްކަތް މިއަދު މިދިޔައީ ފެށިގެން. އެމްޑީޕީ ކުރިއަށް!" ފައްޔާޒު ލިޔުއްވި އެވެ.
މަރުހަބާ ރައީސް ނަޝީދު. މަރުހަބާ އެމްޑީޕީ މެންބަރުން. މާތް اللهގެ ވާގިފުޅާއެކު އަޅުގަނޑުމެންނަށް ކާމިޔާބަށް ވާސިލުވެވިއްޖެ. މި ލިބުނު ކުޑަ ދުވަސްކޮޅު ތެރޭ މުޅި ރާއްޖޭގައި ރީނދޫ ލަޝްކަރު ރުކުރުވާލެވިފައި އޮތް މަންޒަރު ފެނުމަކީ ބޮޑު އުފަލެއް. މި ކެމްޕޭނުގައި ވަރަށް ބުރަކޮށް… pic.twitter.com/t3upOYHCKE
— Fayyaz Ismail (@faya_i) June 12, 2026
އިތުރަށް ކިޔާލަން
ފަސްފަހަތް - މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް، އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުންތަކުގެ ތެރެއިން ނަޝީދު އެ ޕާޓީން ވަކިވެވަޑައިގެން އެހެން ސިޔާސީ ޕާޓީއެއް އުފެއްދެވި އެވެ.
އޭގެ ފަހުން، ސިޔާސީ ދާއިރާއާ ދުރަށް ޖެހިވަޑައިގަތްކަން 2023 ވަނަ އަހަރު އިއުލާންކުރެއްވުމަށް ފަހު، ޖެނުއަރީ 2024 ތެރޭ ކްލައިމެންޓް ވަލްނެރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވުމަށް ގާނާއަށް ދިރިއުޅުން ބަދަލުކުރެއްވި އެވެ.
ނަޝީދު މިދިޔަ އަހަރު އަލުން އެމްޑީޕީއާ ގުޅިވަޑައިގެން، ނިމިދިޔަ ކައުންސިލް އިންތިހާބުގައި ރާއްޖެ ވަޑައިގެން ސިޔާސީ ކަންކަމުގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ، އެތެރޭގެ ހަމަނުޖެހުންތަކާއި އެމްޑީޕީގެ ލީޑާޝިޕުގެ ބައެއް ބޭފުޅުންނާ ހެދި މަގާމުގައި ދެމިހުރުމަށް އުނދަގޫވެފައިވާ ކަމަށް ވިދާޅުވެ އެ މަގާމުން ފައްޔާޒު މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވުމުންނެވެ.
އެ މަގާމު ހުސްވެފައި އޮންނަތާ ހަ މަސް ދުވަސް ފަހުން، މިއަދު އެ މަގާމަށް ބޭފުޅަކު އިންތިހާބުކުރަން ވޯޓުލުން ކުރިއަށްގެންދިޔައީ މެންދުރު 2:30 އިން މިރޭ 9 ޖެހުމާ ހަމަޔަށެވެ.
ކޮމެންޓް