19 އޭޕްރީލް 2026: 'ބޮޑު ބަދަލު' ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ފައްޔާޒް އިސްމާއިލް (ދައުރު ފޮޓޯ/މުހައްމަދު އަޝްހަލް ސައީދު)
ބޮޑު ބަދަލުގެ ހުށަހެޅުން: ނަޝީދަށް ރައީސްކަން، ފައްޔާޒު ސަރުކާރު ހިންގަން
ދައުލަތުގެ އެންމެ މަތީ ވެރިޔެއްގެ ގޮތަށް ރައީސްއެއް ހުންނެވުމުގެ އިތުރަށް ސަރުކާރުގެ ވެރިޔަކު ވެސް ހުންނަގޮތަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއެކު ގާނޫނުއަސާސީއަށް އިސްލާހުތަކެއް ގެންނަން ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ގުޅިގެން މަސައްކަތްތަކެއް ކުރައްވާކަން ހާމަކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - 'ބޮޑު ބަދަލު'ގެ ނަމުގައި މި ބަދަލުތައް ގެނައުމުގެ މަސައްކަތް ފަށްޓަވާފައިވާކަން ހާމަކުރެއްވީ އެ ދެބޭފުޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. މި މަސައްކަތުގެ ތެރޭގައި ހިމެނެނީ:
-
ވެރިކަމުގެ ވަށްޓަފާޅިއަށް ގެންނަން ބޭނުންވާ ބަދަލުތައް ހިމެނޭހެން، ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުން އަދި އިގްތިސާދީ ފުއްދުންތެރިކަން އިތުރުކުރުމާ ގުޅޭ ބަދަލުތަކެއް
ތަފްސީލް - މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީގައި ހުރި ބައެއް އުނިކަންކަމުގެ ސަބަބުން ރާއްޖޭގައި ވެރިކަން ހިންގަމުންދަނީ ރައީސްގެ ބާރުތައް ބޮޑުވެ ރައްޔިތުންގެ އާންމު ހާލަތު ނިކަމެތިވާ މިސްރާބަކަށް ކަމަށެވެ.
އެހެންވެ، ވެރިކަމުގެ އޮނިގަނޑަށް ފަސް ބަދަލެއް ގެންނަން އެ ދެބޭފުޅުން ހުށަހެޅުއްވި އެވެ. އޭގެތެރޭގައި ހިމެނެނީ:
-
ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ސަރުކާރުގެ ވެރިޔަކު ކަނޑައެޅުން؛ އެއީ ތަފާތު ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުން
-
ސަރުކާރު ހިންގާ ވެރިޔަކީ ރައްޔިތުންގެ ވޯޓުން ހޮވާ މީހަކަށް ހެދުން
-
ސަރުކާރުގެ ވެރިޔާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީކުރެވޭނެ ނިޒާމެއް ގާއިމުކުރުން
-
ދައުލަތުގެ އެންމެ މަތީ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުންގެ މަޖިލީހާއި ކައުންސިލުތައް ފަދަ އިންތިހާބީ މަގާމުތަކުގައި ތިބި މީހުންގެ އަގުލަބިއްޔަތުން އައްޔަންކުރާ މީހެއް ކަމަށް ކަނޑައެޅުން
ދައުލަތުގެ އެންމެ މަތީ ވެރިޔެއްގެ ގޮތަށް ރައީސް ހުންނެވުމާއެކު، ސަރުކާރުގެ ވެރިޔަކު ވެސް ހުންނަގޮތަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއެކު ގާނޫނުއަސާސީއަށް އިސްލާހުތަކެއް ގެންނައުމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު… pic.twitter.com/HCh8YlDPLS
— Dhauru (@Dhaurunews) April 19, 2026
އެނގުން މުހިންމު - ކުރީގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި، ނަޝީދަކީ އަބަދުވެސް މިހާރު މިއޮތް ވެރިކަމުގެ ނިޒާމު ކަމުނުދާ ކަމަށް ވަކާލާތުކުރައްވާ ބޭފުޅެކެވެ. ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވެސް އެމަނިކުފާނު ބޭނުންފުޅުވީ ބަރުލަމާނީ ނިޒާމެއްގެ ދަށުން ރާއްޖޭގެ ވެރިކަން ހިންގަވާށެވެ.
ސޯލިހާއި ނަޝީދުގެ ދެމެދުގައި ފުރަތަމަ ހިތްހަމަނުޖެހުންތައް އުފެދުނީ ވެސް، ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކަމުގެ މަޝްވަރާތަކާއި އެ ބަދަލަށް އެއްބާރުލުން ނުދެއްވުމުންނެވެ.
ފައްޔާޒާއި ނަޝީދުގެ ގުޅިފައިވާ މި ހުށަހެޅުންތަކަކީ ބަރުލަމާނީ އަދި ރިޔާސީ ނިޒާމެއްގެ މަސްހުނި ހުށަހެޅުންތަކެކެވެ.
ބުނީ ކީކޭ؟ - ނަޝީދު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ބޭނުންވަނީ 2028ގެ ކުރިން އެ ހުށަހެޅުންތައް ހަގީގަތަކަށް ހެދުމަށް ކަމަށެވެ. އަދި އެކަން ކުރުމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާނެ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރަށް ވިދާޅުވީ:
-
ސަރުކާރުގެ ވެރިއެއްގެ ގޮތުގައި ފައްޔާޒު ހުންނަވަން އެމަނިކުފާނު ތާއީދު ކުރައްވާ ކަަމަށް
-
މީގެ އިތުރުން، ދައުލަތުގެ ވެރިޔާ އަދި ރައީސްއެއްގެ ގޮތުގައި ހިދުމަތް ކުރުމަކީ އެމަނިކުފާނު ބޭނުންވާ ގޮތް ކަމަށް ވެސް ވިދާޅުވި
ބޮޑު މަންޒަރު - އެހެންކަމުން ނަޝީދާއި ފައްޔާޒު ގުޅިގެން މި ހުށަހެޅުއްވީ ދެބޭފުޅުންގެ ދެމެދުފައި ދައުލަތުގެ ބާރުތައް ބަހާލުމަށް ސިޔާސީ ގޮތުން ދެބޭފުޅުން ވެފައިވާ އެއްބަސްވުމެވެ. އަދި އެ އެއްބަސްވުމުގެ ދަށުން އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ތާއީދު ކުރައްވަން ނިންމެވީ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި 'ބޮޑު ބަދަލު'ގެ ޕްރެޒެންޓޭޝަންގައި، ވެރިކަމުގެ ނިޒާމަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ އިތުރުން ދެން އެ ހުށަހެޅުމުގައި ހުރި ފާހަގަކޮށްލެވޭ ކަންކަމަކީ:
-
މަޖިލީހުގެ އަދަދު ވަކިވަރެއްގައި ހިފެހެއްޓުން
-
މަޖިލިސް އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުން
-
ދާއިރާގެ މަސްލަހަތުގެ ބަދަލުގައި ގައުމީ މަސްލަހަތަށް ވަކާލާތުކުރާނެ ގައުމީ މެމްބަރުންނަށް ފުުރުސަތު ދިނުން
-
މެމްބަރުންގެ ރިކޯލު ވޯޓެއްގެ ނިޒާމު ގާއިމުކުރުން
-
އަންހެނުންނަށް މަޖިލީހަށް އާދެވޭނެ އިތުރު ގޮތްތައް ހޯދުން
-
ގާނޫނުއަސާސީ ތަފްސީލުކުރުން
-
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަން ރައްޔިތުންގެ އާންމު ވޯޓެއް ނަގަން ޖެހޭގޮތަށް ބަދަލުކުރުން
-
މިނިވަން މުވައްސަސާތައް ޒިންމާދާރުކުރުވަން އޯވަސައިޓް ކޮމިޝަނެއް އުފެއްދުން
-
އޯވަސައިޓް ކޮމިޝަނުގެ މެމްބަރުން މަޖިލީހުން އައްޔަންކުރާގޮތް ހެދުން
-
އެ ކޮމިޝަނުގެ މެމްބަރުން ރައްޔިތުންގެ ވޯޓުން ވަކިކުރެވޭގޮތަށް ބަދަލުކުރުން
-
ކައުންސިލަރުންނާއި މަޖިލިސް މެމްބަރުން ހިމެނޭގޮތަށް ނޫނީ ގާނޫނުއަސާސީއަށް ބައެއް ބަދަލުތައް ނުގެނެވޭގޮތް ހެދުން
ދެން ގެންނަން ހުށަހަޅާފައިވާ ބަދަލުތަކަކީ، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ހުށަހަޅާ ބަދަލުތަކެކެވެ. އޭގެތެރޭގައި، ހިޔާލު ހޯދުމުގެ ވޯޓުތައް ގިނަކުރުމާއި، ދައުލަތުގެ އެންމެ މަތީވެރިޔާ ވަކިކުރެވޭނީ ރައްޔިތުންގެ ވޯޓުން ކަމަށް ހެދުމާއި މަޖިލިސް މެމްބަރުންގެ ވޯޓުން އެކަނި މިހާރު ނިންމޭ ބައެއް ކަންކަމުގައި ކައުންސިލަރުންގެ ހިއްސާބޮޑުކުރުން ވެސް ހިމެނެ އެވެ.
ކޮމެންޓް (14)
މުއްތު
ދޮނެއި
ކޮސް
ޖުހާ
ކަންޑަރު
މަބުނީ
ހުނިގުރާބު
ޕޮއް
ތެފައާސާ.
އަދަދު
ހޯގުޅާ
2222
ޝިޓް
ހިރިގާ