ވިލިމާލެ ކައުންސިލަރު އިބްރާހިމް ސަމާހު ކައުންސިލް ބައްދަލުވުމެއްގައި(ފޮޓޯ/މާލެ ކައުންސިލް)
ފުނަވަލުގައި ފްލެޓު އަޅާކަށް ރައްޔިތުން ދެކޮޅެއްނޫން؛ ދެކޮޅު ހަދަނީ ވިލިމާލޭން ފައްސާލާފައިވާ ބައެއް: ވިލިމާލެ ކައުންސިލަރު
ވިލިމާލެ ފުނަވަލުގައި ފްލެޓު އެޅުމާއި އެރަށު ރައްޔިތުން ދެކޮޅު ނޫން ކަމަށާއި އެކަމާ ދެކޮޅު ހަދަމުންދާ ޖަމިއްޔާއަކީ ވިލިމާލޭން ފައްސާލާފައިވާ ބައެއް ކަމަށް ވިލިމާލެ ކައުންސިލަރު އިބްރާހިމް ސަމާހު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މާލެ ސިޓީ ކައުންސިލުގެ ރަސްމީ އާންމު ޖަލްސާގައި ސަމާހު މިހެން ވިދާޅުވީ، ފުނަވަލުގެ ގަސްތައް ކަނޑައި އެތަނުގައި އަޅަން ސަރުކާރުން މަސައްކަތްކުރާ ހައުސިން މަޝްރޫއާ މެދު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލާގައި މާލެ ކައުންސިލް ރަސްމީ އާންމު ޖަލްސާގައި މިއަދު ކުރި މަޝްވަރާގެ ތެރެއިންނެވެ.
މި ބައްދަލުވުމަށް ހުށަހެޅި މަޝްވަރާކުރެވުނީ، ފުނަވަލަށް ގެއްލުން ނުވާނެފަދައިން އެ މަޝްރޫއު ކުރިއަށް ގެންދަން މަޝްވަރާކުރަން ހައުސިން މިނިސްޓްރީގައި އެދެން އެ މިނިސްޓްރީއަށް ސިޓީއެއް ފޮނުވުމަށެވެ. އެކަން ހުށަހެޅުއްވީ، މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ ކައުންސިލަރު ހުސެއިން ފުރުޝާން އެވެ.
ބުނީ ކީކޭ؟ - ފުނަވަލުގެ ހިމަޔާތުގައި އަޑުއުފުލައި ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ސަމާހު ވިދާޅުވީ:
-
ފުނަވަލަކީ ދުނިޔޭގެ ހަތްވަނަ އަޖައިބޭ ވެސް ބައެއްފަހަރު ހީވޭ؛ މިއީ ހަތްވަނަ އައިޖަބަށް ހަދާފައި އެތަނުގައި ފްލެޓު އެޅުން ވެސް ހުއްޓުވާލައި
-
އަޅުގަނޑު މިއީ ވިލިމާލެ ކައުންސިލަރު؛ އެކަމަކު އަޅުގަނޑަކަށް އަދި ނެތް ވިލިމާލެ ރައްޔިތުން ޝަކުވާއެއް ހުށަހަޅާފައެއް ފްލެޓު އަޅާތީ ނުވަތަ ގަސް ކަނޑާތީ
-
މިކަމާ ދެކޮޅަށް މިއުޅެނީ ވިލިމާލެ ރައްޔިތުންނެއް ނޫން؛ މިކަމާ ދެކޮޅަށް އުޅެނީ ޖަމިއްޔާތަކަކުން
-
ޖަމިއްޔާތަކުން ކުރާ މަސައްކަތްތައް ޒިންމާދާރުތޯ ގާތުން ބަލަން ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތް ޔޫތު މިނިސްޓްރީއަށް ގޮވާލަން
"މި އެންޖީއޯތަކެއްގެ އުނދަގޫތަކެއް މިއުޅެނީ. އެޖީއޯގައި އުޅޭ ދެތިން ހަަތަރު މީހަކު އައިސް މުޒާހަރާކޮށްލާއިރަށް އަޅުގަނޑުމެން އެބަޖެހޭތޯ މަޝްރޫއުތައް ހުއްޓާލަން؟ އަޅުގަނޑު ގަބޫލެއް ނުކުރަން އެއްގޮތަކަށް ވެސް. މިއަދު ސަރުކާރުން ކުރާ ކަމަކަށް އަތް އަޅަންވެގެން ހަގީގަތުގައި އެ ބޭނުމުގައި މިތަނުގައި މިއަދު މި އަތް އަޅަނީ. މިތަނުގައި ފުނަވަލޭ، އެހެން ވަލެކޭ، ޗަކަވަލޭ ކިޔާފައި،" ސަމާހު ވިދާޅުވި އެވެ.
"ރައްޔިތުންގެ ނަމުގައި. ވިލިމާލޭގައި އުޅޭ ބައެއް ވެސް ނޫން. ވިލިމާލޭގެ ރައްޔިތުން އަޑު އުފުލީކީ ވެސް ނޫން. ވިލިމާލެ ރައްޔިތުން ނުކުމެ ފައްސާލީމާ އަނެއްކާ ނުކުމެ މާލޭގެ އެހެން ދިމާލަކަށް ގޮސް މިކިޔަނީ ބޯޑު ހިފައިގެން އަޅުގަނޑުުމެންގެ ފުނަވަލޭ."
ފުނަވަލުގެ ހިމާޔަތުގައި އަޑުއުފުލައި މީހުންނާއި ދެކޮޅަށް މި ބައްދަލުވުމުގައި ދެން ފާޑުވިދާޅުވީ، ހުޅުމާލެމެދު ދާއިރާގެ ޕީއެންސީ ކައުންސިލަރު އަހުމަދު ސަނީހު ހަނީފް އެވެ. އޭނާ ވެސް ވިދާޅުވީ، އެ ޖަމިއްޔާތަކުގައި ހަރަކާތްތެރިވާ ބަޔަކީ ވިލިމާލެއާ ގުޅޭ ބައެއް ނޫން ކަމަށެވެ.
"ވިލިމާލެ ކައުންސިލަރު [އިބްރާހިމް ސަމާހު] ވެސް ފާހަގަކުރެއްވި ފަދައިން އެ ބޭފުޅުންނަކީ ކުޑަކޮށް ވިލިމާލޭން ވެސް ފައްސާލާފައި ތިބި ބައެއް،" ސަނީހު ވިދާޅުވި އެވެ.
އެ އެންޖީއޯތަކުގެ މައްސަލަ ޔޫތު މިނިސްޓްރީއަށް ހުށަހެޅުމަށް ވެސް އޭނާ ހުށަހެޅުއްވި އެވެ. އެކަމަކު އެއީ މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތް ކަމަކަށް ނުވާތީ، އެ މައްސަލަ ވަކިން ހުށަހެޅައިގެން ކުރިއަށް ގެންދިއުމަށް މިއަދު ޖަލްސާގެ ރިޔާސަތު ބެއްލެވި ޑެޕިއުޓީ މޭޔަރު މީކާއިލް މުހައްމަދު ރިޔާޒް އެދިވަޑައިގަތެވެ.
އެހެންވެ، އެކާމާ ބެހޭ ގޮތުން މިއަދު ގޮތެއް ނުނިންމަ އެވެ. އެކަމަކު ފުނަވަލަށް ގެއްލުން ނުވާނެހެން އެ މަޝްރޫއު ކުރިއަށް ގެންދަން އެދި ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވަން ފާސްވި އެވެ.
ޖަމިއްޔާތަކާ ދެކޮޅަށް ވާހަކަދެއެްކެވި ޕީއެންސީ ކައުންސިލަރުންގެ ވާހަކަތަކަށް ރައްދުދީ، މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ ކައުންސިލަރު ހުސެއިން ފުރުޝާން މި ބައްދަލުވުމުގައި ވިދާޅުވީ، ހައުސިން މިނިސްޓްރީއާ މަޝްވަރާކުރަން ބޭނުންވަނީ އެ މަޝްރޫއު ހުއްޓުވަން ނޫން ކަމަށާއި މަގުސަދަކީ ގަސްތަކަށް ގެއްލުން ނުވާނެހެން މަޝްރޫއު ކުރިއަށްދޭތޯ ކަށަވަރުކުރުން ކަމަށެވެ.
"ދެން ވިލިމާލެއާ ބެހޭ ބައެއް ނޫނޭ. މިވެނި ތާކާއި ބެހޭ ބައެއް ނޫނޭ. ނޫން މުޅި މާލެއަކީ މާލޭގެ ރައްޔިތުން އަދި މާލޭގައި އުޅޭ އެންމެންނާއި ވެސް ގުޅޭ ތަނެއް،" ފުރުޝާން ވިދާޅުވި އެވެ.
އެކަމަކު މާފަންނު ދެކުނު ދާްއިރާގެ އެމްޑީޕީ ކައުންސިލަރު އިބްރާހިމް ލަބާން ޝަރީފް ވިދާޅުވީ، އެކަންބޮޑުުވުންތައް ފާޅުކޮށް އަޑުއުފަލަމުންދިޔަ ދުވަހެއްގައި ވެގެން އުޅޭ ގޮތް ބަލައި މަޝްވަރާކޮށްލަން އެ މީހުންގެ ގާތުގައި އޭނާ އެދިލެއްވި ކަމަށެވެ. އެކަމަކު ކައުންސިލާއި ދައްކާނެ ވާހަކައެއް ނެތް ކަމަށް އެ މީހުން ބުނެފައިވާ ކަމަށާއި އެހެންކަމުން އެކަމުގައި ކައުންސިލުން ކަންބޮޑުވެގެން އުޅެންޖެހޭ ސަބަބެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް ލަބާން ޝަރީފް ވިދާޅުވީ، މަޝްރޫއަކަށް ގަސްކަނޑަނީ އަލަށް ނޫން ކަމަށާއި ބައެއް ފަހަރު އިސްކަންދޭންވާނީ އިންސާނުންނަށް ކަމަށް ދެކޭ ކަމަށެވެ. މި ވާހަކަތަކަށް ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ ކައުންސިލަރު އަހުމަދު ގާލިބުގެ އިތުރުން ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ ކައުންސިލަރު ފާތިމަތު ސަހުލާ ވެސް ތާއީދުކުރެއްވި އެވެ.
އެނގުން މުހިންމު - ވިލިމާލޭގެ ފުނަވާ ސަރަހައްދުގައި 17 ބުރީގެ ތިން އިމާރާތް އެޅުމަށް ސަރުކާރުން ނިންމައި އެ މަސައްކަތް ފަށަން ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަންނާއި މިދިޔަ ޖެނުއަރީ މަހު ވަނީ ހަވާލުކޮށްފަ އެވެ.
މިކަމާ ދެކޮޅު ހަދައި ވިލިމާލޭގެ ފުނަވަލާއި ދުވަސްވީ ގުދުރަތީ ތަރިކައިގެ ދިފާއުގައި މަސައްކަތްކުރާ މީހުން އަންނަނީ އެ މަޝްރޫއު އެހެން ސަރަހައްދަކަށް ބަދަލުކުރަން ގޮވާލަމުނެވެ. އެ މީހުންގެ ކަންބޮޑުވުމަކީ:
-
ޒަމާންވީ މި ފުނަވަލަކީ މާލެ ސަރަހައްދުގައި ސަލާމަތުން ހުރި ހަމައެކަނި ދުވަސްވީ ގުދުރަތީ ގަސްގަހާގެހީގެ ތަރިކަ ކަމަށްވެފައި އެ ތަނުގައި ހިމާޔަތްކޮށްފައިވާ 50 އަހަރުން މަތީގެ ގިނަ ގަސްތަކެއް ހުރުން
-
މިފަދަ ގަސްތައް ހިމާޔަތްކޮށް، އަންނާން އޮތް ޖީލުތަކުގެ މަންފާއަށްޓަކައި ހިމާޔަތްކޮށް ބެލެހެއްޓުމުގެ ގާނޫނީ ވާޖިބު ސަރުކާރަށް އޮތްއިރު، އެ މަޝްރޫއު ހިންގަނީ ގާނޫނާއި ގަވައިދުތަކާއި އެއްގޮތަށްތޯ ސަރުކާރުން ކަށަވަރު ކޮށްފައިނުވުން
އިތުރަށް ކިޔާލަަން
ފުނަވަލު ހިމާޔަތްކުރަން ހުށަހެޅި މައްސަލަ ބަލައެެއްނުގަތް
21 މޭ 2026
ފުނަވަލުގައި އަޅަން އުޅުނު 1 ޓަވަރު އެެހެން ތަނަކަށް ބަދަލުކޮށްފި
26 އޭޕްރީލު 2026
'ބޮޑެތި ގަސް ކަނޑާ، ހޯލި ކޮޅެއް އިންދިޔަސް ގެއްލުން ފޫނުބެއްދޭނެ'
2 އޭޕްރީލު 2026
ވިލިމާލޭގެ ރުއްގަސް ކަނޑައި ހިންގާ މަޝްރޫއުތައް ޒިންމާދާރެއް ނޫން
1 އޭޕްރީލު 2026
ކޮމެންޓް