ވިލިމާލޭގައި ހުރި ބޮޑު ނިކަގަހެއް؛ ވިލިމާލޭގައި ހިމާޔަތްކޮށްފައިވާ ދުވަސްވީ ގިނަ ގަސްތަކެއް އެބަހުރި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ވިލިމާލެ

ފުނަވަލުގައި އިމާރާތްކުރުން ހުއްޓުވަން ހުށަހެޅި މައްސަލަ ބަލައެއްނުގަތް

އެ މައްސަލަ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ބޭރުކޮށްލީ އެއީ އެ ކޯޓަށް ހުށައެޅޭނެ ބާވަތުގެ މައްސަލައެއް ނޫން ކަމަށް ބުނެ؛ އެ ނިންމުން މުރާޖައާކުރަން މިހާރު ވަނީ ހުށަހަޅާފައި

ދުވަސްވީ ބޮޑެތި ގަސްތަކެއް ހުރި ވިލިމާލޭގެ ފުނަވަލު ސަރަހައްދުގައި އިމާރާތްކުރުން ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފި އެވެ. 

ވީ ކިހިނެއް ؟ - މި މައްސަލަ ހުށަހެޅީ، ފުނަވަލު ސަރަހައްދުގައި، 17 ބުރީގެ ތިން އިމާރާތް އެޅުމަށް ސަރުކާރުން ނިންމައި އެ މަސައްކަތް ފަށަން ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަންނާއި މިދިޔަ ޖެނުއަރީ މަހު ހަވާލުކޮށްފައިވާތީ އެވެ.

މިކަމާ ދެކޮޅު ހަދައި ވިލިމާލޭގެ ފުނަވަލާއި ދުވަސްވީ ގުދުރަތީ ތަރިކައިގެ ދިފާއުގައި މަސައްކަތްކުރާ މީހުން އަންނަނީ އެ މަޝްރޫއު އެހެން ސަރަހައްދަކަށް ބަދަލުކުރަން ގޮވާލަމުނެވެ. އެ މީހުންގެ ކަންބޮޑުވުމަކީ:

  • ޒަމާންވީ މި ފުނަވަލަކީ މާލެ ސަރަހައްދުގައި ސަލާމަތުން ހުރި ހަމައެކަނި ދުވަސްވީ ގުދުރަތީ ގަސްގަހާގެހީގެ ތަރިކަ ކަމަށްވެފައި އެ ތަނުގައި ހިމާޔަތްކޮށްފައިވާ 50 އަހަރުން މަތީގެ ގިނަ ގަސްތަކެއް ހުރުން 

  • މިފަދަ ގަސްތައް ހިމާޔަތްކޮށް، އަންނާން އޮތް ޖީލުތަކުގެ މަންފާއަށްޓަކައި ހިމާޔަތްކޮށް ބެލެހެއްޓުމުގެ ގާނޫނީ ވާޖިބު ސަރުކާރަށް އޮތްއިރު، އެ މަޝްރޫއު ހިންގަނީ ގާނޫނާއި ގަވައިދުތަކާއި އެއްގޮތަށްތޯ ސަރުކާރުން ކަށަވަރު ކޮށްފައިނުވުން

  • މި މަޝްރޫއު ހިންގަން ފެށިއިރު މާލޭ ސަރަހައްދުގެ ރައްޔިތުންނާއި އެއްވެސް މަޝްވަރާއެއް ކޮށްފައެއް ނުވުން

ތަފްސީލް - ފުނަވަލު ގެއްލުމަކަށް ހުށަހެޅިފައިވާ ކަމަށް ބުނެ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅީ، ތިމާވެށީގެ ހިމާޔާތުގައި މަސައްކަތްކުރާ ހުމައިދާ އަބްދުލްގަފޫރު އާއި އަހުމަދު އިކްރާމް އެެވެ.

މިދިޔަ މަހުގެ 21ގައި ހުށެހެޅި މި މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ. މައްސަލަ ބޭރުކޮށްލުމުގެ ސަބަބަކަށް ރަޖިސްޓްރާ ބުނެފައިވަނީ، އެ މައްސަލަ ބިނާކޮށްފައިވާ ސަބަބުތަކަށް ބަލާއިރު އެއީ ސުޕްރީމްކޯޓަށް ހުށަހަޅަންޖެހޭ ބާވަތުގެ މައްސަލައެއް ކަމުގައި ނުވާތީ ކަމަށެވެ.

މި ނިންމުމާ މެދު ހިތްހަމަނުޖެހޭތީ، ރަޖިސްޓްރާގެ އެ ނިންމުން އަލުން ބެލުމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް މިދިޔަ ހޯމަ ދުވަހު ވަނީ ހުށަހަޅާފަ އެވެ. އެ ނިންމުން މުރާޖައާކުރަން ހުށަހެޅި ސަބަބަކަށް ބުނެފައިވަނީ:

  • ރަޖިސްޓްރާ އެ ނިންމުން ނިންމާފައިވަނީ ގާނޫނުން ކަނޑައަޅާފައިވާ ގޮތާ ފުށުއަރާ ފަދައަކުން އޭނާގެ މަސައްކަތުގެ މަސްއޫލިއްޔަތުގެ އިމުން ބޭރުން ކަމަށްވާތީ

  • ކޯޓުގެ އިހުތިސާސްއާމެދު ގޮތް ނިންމާނީ ޝަރީއަތުގެ މަރުހަލާގައި ކަމަށްވާތީ

މައްސަލައިގައި އެދިފައިވާ ގޮތް - ސުޕްރީމް ކޯޓަށް ހުށަހެޅި މި މައްސަލާގައި ވަނީ، ފުނަވަލުގައި ސަރުކާރުން ކުރިއަށް ގެންދަން އުޅޭ މަޝްރޫއުގެ އިތުރުން، ރާއްޖޭގައި ކުރިއަށް ގެންދާ އިމާރާތްކުރުމުގެ ހުރިހާ މަޝްރޫއުތަކެއް ތިމާވެއްޓަށް ގެއްލުންނުވާނެހެން ކުރިއަށް ގެންދަން ހުކުމްކޮށްދިނުމަށް އެދިފަ އެވެ.

އެގޮތުން، އެ މަޝްރޫއުތައް ކުރިއަށް ގެންދަންވާނީ، 50 އަހަރުން މަތީގެ ގަސްތައް ހިމާޔަތްކޮށް، ދެމެހެއްޓެނިވި ތަރައްގީގެ އުސޫލުތަކުގެ މަތިން، ތިމާވެށި ތަގައްޔަރު ނުވާނެ ގޮތަށް، ދިރޭތަކެތީގެ ނަސްލެއް ނެތިގެން ނުދާނެ ގޮތަށް، ތިމާވެށި ހަލާކުނުވާނެ ގޮތަށް، ގުދުރަތީ ވަސީލަތްތައް ބޭކާރުނުވާނެ ގޮތަށް ކަމަށް ކަނޑައަޅައި ދިނުމަށް އެދިފައިވެ އެވެ.

ފުނުވަލާ ގުޅޭ ގޮތުން މައްސަލާގައި އެދިފައިވަނީ:

  • ފުނަވާގައި އެއްވެސް މަޝްރޫއެއް ފެށުމުގެ ކުރިން އެކަމަކުން ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް ހަދަން ޖެހޭކަން ސާބިތުވާއިރު، މިފަދަ ރިޕޯޓެއް ހަދާފައި ނެތުމުން، ފިޔަވަޅު އަޅައިދިނުމަށް

  • ހިމާޔަތުގެ ދަރަޖަ ދީފައި ހުރި ގަސްތަކަށް ގެއްލުންވާފަދަ އެއްވެސް ކަމެއް އެ ސަރަހައްދުގައި ނުކުރުމަށް ސަރުކާރާއި މާލެ ކައުންސިލުގެ މައްޗަށް އަމުރުކުރުމަށް

  • ވިލިމާލެ، 30 ނަންބަރު ކޮށި، ފުނަވާގައި ހުރި ހިމާޔަތްކުރާ ގަސްތަކުގެ ދަފްތަރު އަދާހަމަކޮށް، މިގަސްތައް ހިމާޔަތްކުރުމަށް ގާނޫނީގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންތައްތައް ފުރިހަމަކުރުމަށް ކައުންސިލަށް އަންގަން

  • ހައުސިން މަޝްރޫއެއް ފުނަވާގައި ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅައި އެ މަޝްރޫއު ހުއްޓާލުމަށް ސަރުކާރަށް އަންގަވައި އަމުރު ކޮށްދެއްވުމަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް