'އެއްބަސްވެ ދެބަސްވަމާ' ވޮޑްކާސްޓްގައި، މެންބަރު ހަސަން ލަތީފް ވާހަކަ ދައްކަވަނީ: ބޮޑު ބަދަލު އޮފީހުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް ހަސަން ހަމަޖެއްސި (ދައުރު ފޮޓޯ/ އަލީ ނިޝާން)
އެމްޑީޕީގެ 'ބޮޑު ބަދަލު' އޮފީހުގެ ޑިރެކްޓަ ޖެނެރަލަކަށް ހަސަން ލަތީފް
އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދުގެ ނަޝީދުގެ ކެމްޕެއިން އެޖެންޑާ ކަމުގައިވާ 'ބޮޑު ބަދަލު'ގެ ކަންކަން ހާސިލްކުރުމަށް އެމްޑީޕީގައި އެ ނަމުގައި އޮފީހެއް އުފައްދައި އެ ތަނުގެ ހިންގުން ކުރީގެ މަޖިލިސް މެންބަރު ހަސަން ލަތީފްއާ ހަވާލުކޮށްފި އެވެ.
ވީކިހިނެއް؟ - އެމްޑީޕީގެ ފުރަތަމަ ޗެއާޕަސަން އަދި އެ ޕާޓީގެ ރައީސްްކަން ނުވަ އަހަރެއްހާ ދުވަހު ކުރެއްވި ނަޝީދު އަނެއްކާ ވެސް އެ ޕާޓީ ހިންގުމުގެ އެންމެ އިސް މަގާމަށް ކުރިމަތިލުމަށް މިދިޔަ އޭޕްރީލް މަހު އިއުލާންކުރެއްވީ 'ބޮޑު ބަދަލު' ނަމުގައި، ގާނޫނުއަސާސީއާއި ވެރިކަން ހިންގުމުގެ ނިޒާމަށް ގެންނާނެ ބަދަލުތަކެއްގެ ހުށަހެޅުމަކާ އެކުގަ އެވެ.
މި މަހުގެ 12 ވަނަ ދުވަހު އެމްޑީޕީގެ ޗެއާޕާސަންކަމަށް ނަޝީދު %68 ވޯޓުން އިންތިހާބުވެވަޑައިގެން، އޭގެ ތިން ދުވަސް ފަހުން ނަޝީދުގެ ރިޔާސަތުގައި ބޭއްވެވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި 'ބޮޑު ބަދަލު' އޮފީހެއް ގާއިމުކުރުމަށް ފާސްކުރި އެވެ.
ތަފްސީލް - އެމްޑީޕީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ގައުމީ މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފައިވާ ގޮތަށް 'ބޮޑު ބަދަލު' އޮފީސް އެ ޕާޓީގެ ސެކްރެޓޭރިއެޓްގައި މިހާރު ގާއިމުކޮށްފައިވާ ކަމަށެވެ.
އެ ތަނުގެ ޑިރެކްޓަރު ޖެނެރަލަކީ މީގެ ކުރިން އެމްޑީޕީގެ ޗެއާޕާސަންކަމާއި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ޔޫތު މިނިސްޓަރުކަން ވެސް ކުރެއްވި ހަސަން ލަތީފް ކަމަށް އެމްޑީޕީގެ އިއުލާނުގައި ބުނެފައިވެ އެވެ.
ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ހުށަހެޅުއްވި ބޮޑު ބަދަލުގައި މައިގަނޑު ގޮތެއްގައި ހިމެނޭ ކަމަކީ ދައުލަތުގެ ހިންގުމާއި ސަރުކާރުގެ ހިންގުން ވަކިކުރުމެވެ. އެ ގޮތުން ހިމެނޭ ކަންކަމަކީ:
-
ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ސަރުކާރުގެ ވެރިޔަކު ކަނޑައެޅުން؛ އެއީ ތަފާތު ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުން
-
ސަރުކާރު ހިންގާ ވެރިޔަކީ ރައްޔިތުންގެ ވޯޓުން ހޮވާ މީހަކަށް ހެދުން
-
ސަރުކާރުގެ ވެރިޔާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީކުރެވޭނެ ނިޒާމެއް ގާއިމުކުރުން
-
ދައުލަތުގެ އެންމެ މަތީ ވެރިޔާއަކީ ރައްޔިތުންގެ މަޖިލީހާއި ކައުންސިލުތައް ފަދަ އިންތިހާބީ މަގާމުތަކުގައި ތިބި މީހުންގެ އަގުލަބިއްޔަތުން އައްޔަންކުރާ މީހެއް ކަމަށް ކަނޑައެޅުން؛ އެކަމަކު ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދޭ ގޮތަށް
އޭގައި ދެން ފާހަގަކޮށްލެވޭ އިތުރު ކަންކަމަކީ:
-
މަޖިލިސް މެންބަރުންނާއި ކައުންސިލަރުން ހިމެނޭ ގޮތަށް އެކުލަވާލާ ބޮޑު މަޖިލީހަކުން ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ބާރު ދިނުން
-
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މިިނިވަން މުއައްސަސާތަކުގެ މެންބަރުން ވަކިކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަން ހަމަޖެއްސުން
-
މަޖިލީހަށް މެންބަރުން އިންތިހާބުކުުރެވޭ ދާއިރާތައް ބޮޑުކުރުމުގެ ގޮތުން، ކޮންމެ އަތޮޅަކުން މުޅި އަތޮޅުގެ މީހުން ވޯޓު ލައިގެން ވަކި އަދަދަކަށް މެންބަރުން އިންތިހާބުކުރާ ގޮތަށް ނިޒާމު ބަދަލުކުރުން؛ ބައެއް ގޮނޑިތައް އަންހެނުންނަށް ހާއްސަކުރާ ގޮތަށް
-
މިނިވަން މުއައްސަސާތައް ބަލަހައްޓަން އޯވަސައިޓް ކޮމިޝަނެއް އުފެއްދުން
އެނގުން މުހިންމު - 'ދައުރު'ގެ 'އެއްބަސްވެ ދެބަސްވަމާ' ވޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވި ގޮތުގައި، މި ވަގުތަށް ހުށަހަޅާފައިވާ ކަރުދާހަކީ ހިޔާލާއި ބަހުސަށް ހުޅުވާލާފައިވާ ފުރަތަމަ ޑްރާފްޓެވެ. ޗެއާޕާސަން ކެމްޕެއިނުގެ ތެރެއިން ލިބުނު ހިޔާލުތަކަށް ރިއާޔަތްކޮށް ވަރަށް އަވަހަށް ދެވަނަ ޑްރާފްޓެއް ވެސް ތައްޔާރުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމެންޓް