އެއްބަސްވެ ދެބަސްވަމާ: ދެ ދަހަރު ފަހުން 'ބޮޑު ބަދަލު'ގެ މޫނަކަށް އަނެއްކާ ވެސް ނަޝީދު

އެމްޑީޕީ އުފެއްދި ފަހުން ދެ ދަހަރު ވެގެން ދިޔައިރު ކުރީގެ ރައީސް ނަޝީދު އެ މަނިކުފާނުގެ ސިޔާސީ ހަޔާތުގައި ނުފުރުއްވާ އިސް މަގާމެއް ނެތް؛ އެ ކާމިޔާބު ސިޔާސީ ހަޔާތުގައި ބަލިވި ފަހަރު ވެސް އެހާ ގިނަ ނަމަވަސް އަނބުރާ ހުންނެވީ ސިޔާސީ ގޮތުން އިސް ސަފުގައި 'ބޮޑު ބަދަލު'ގެ ޝިޔާރަކާއެކު

މީގެ 21 އަހަރު ކުރިއަށް ޖެހިލާއިރު، ސިޔާސީ ޕާޓީ ހަރަކާތްތެރިވުމަކީ ވެސް މަނާ ކަމެކެވެ. އެ ތާރީހު ބަދަލުވީ، ހޯމް މިނިސްޓްރީގެ އޮފީހުން ނުނުކުމެ، ބަޔަކު ސުލްހަވެރިކަމާއެކު އިށީނދެ ތިބެ ކުރި އިހުތިޖާޖުގެ ހިތްވަރުންނެވެ. 26 ޖޫން 2005ގައި އޭރު އިދިކޮޅު އެންމެ ބޮޑު ހަރަކާތް ކަމުގައިވާ އެމްޑީޕީ، ރަސްމީކޮށް ރަޖިސްޓްރީކުރެވިގެން ދިޔަ އެވެ.

އެމްޑީޕީ ރަސްމީކޮށް ރަޖިސްޓްރީކުރެވުނު އިރު ޕާޓީގެ ޗެއާޕާސަންގެ މަގާމަށް އައީ ގ. ކެނެރީގެ، މުހައްމަދު ނަޝީދު (އަންނި) އެވެ. އޭރު އެ މަނިކުފާނު ޗެއާޕާސަން ކަމުގައި ތިން އަހަރު ހުންނެވުމަށްފަހު، ފެބްރުއަރީ 2008ގައި އެ މަގާމުން ދުރަށް ޖެހިވަޑައިގަންނަވަނީ ޕާޓީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށެވެ. އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީ ކާމިޔާބުކުރެއްވުމަށްފަހު، އެހެން އިދިކޮޅު ޕާޓީތަކުގެ ތާއީދާ ވެސް އެކު، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ނަޝީދު ކާމިޔާބުކުރައްވަ އެވެ.

އެމްޑީޕީގެ ފުރަތަމަ ޗެއާޕާސަންގެ ހައިސިއްޔަތުން ނަޝީދު އެ ޕާޓީ ވަރުގަދަކުރުމަށް ނުކުންނެވި ދުވަހުން ފެށިގެން، އެ ތާރީހު ފަސްދީ ދެ ދަހަރު ހަމަވީ އެވެ. ނޮވެމްބަރު 2008އިން 7 ފެބްރުއަރީ 2012އަށް ނަޝީދަކީ ރާއްޖޭގެ ރައީސްގެ ހައިސިއްޔަތުން އޭރު އެމްޑީޕީގެ އެންމެ އިސް ލީޑަރެވެ. 2013ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ނާކާމިޔާބުވި ނަމަވެސް، ގިނިކަންޏާ ހޯއްދެވި %49ގެ ތާއީދާއެކު، ނަޝީދަކީ އެ ދުވަހު އެންމެ ވަރުގަދަ އިދިކޮޅު ސިޔާސީ ލީޑަރަށެވެ. ފަސޭހަކަމާއެކު އެމްޑީޕީގެ ރައީސް ކަމަށް ވެސް އާދެވުނެވެ. އެ ގޮތުގައި 2014 އިން 2023އަށް، ނުވަ އަހަރު ދުވަހު ހުންނެވި އެވެ. އެ މުއްދަތުގެ ތެރެއިން ހަތަރު އަހަރެއްހާ ދުވަހު މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ދިގު 30 އަަހަރުގެ ވެރިކަން ނިންމުމަށް، އެ ދުވަހަށް ބަދަލަކަށް ރައްޔިތުން އިހުތިޔާރުކުރީ ނަޝީދެވެ. އޭގެ ފަހުން އަނެއްކާ ވެސް 'ބޮޑު ބަދަލު'ގެ ޝިއާރާއެކު ވެރިކަމުގެ ނިޒާމު ބަދަލުކުރެއްވުމަށް ނުކުމެ އެ ހުންނެވީ ހަމަ ނަޝީދެވެ.

ތާރީހުގެ ސަފުހާތަކުން ބުނެދޭން މި މަސައްކަތްކުރީ ސިޔާސީ މަސްރަހުގައި ނަޝީދު ނުފުރުއްވާ އިސް މަގާމެއް ނެތެވެ. ނުހޯދޭ ކާމިޔާބީއެއް މަދެވެ. ހޯއްދެވި އެތައް ކާމިޔާބީގެ މައްޗަށް، ތިލަފަތުގެ އަނެއް ކޮޅުން ނާކާމިޔާބީއާއި ހިތްދަތިކަން ވެސް ހަމަ އެއް މިނެއްގައި ކިރާލެވޭ ވަރަށް ނަޝީދުގެ ސިޔާސީ ހަޔާތުގައި އެބަ އޮތެވެ. އެހެން ވިޔަސް، ސިޔާސީ ކަންކަމުގައި ދުރުގައި ހުންނަވާތާ ތިން އަހަރެއްވަރު ފަހުން ނަޝީދު އެނބުރި އަނބުރާ ވަޑައިގަތީ، 'ބޮޑު ބަދަލު' ގެނެސްދެއްވުމުގެ 'އާރުކާޓީ'ގެ ގޮތުގައި އިޝްތިހާރުކުރައްވައިގެނެވެ. 'ބޮޑު ބަދަލު'ގެ 'އާރުކާޓީ'އަކީ މިދިޔަ ދެ ދަހަރުގެ ބޮޑުބައިގައި ވެސް 'އެމްޑީޕީ'ގެ މޫނުމައްޗެވެ.

ސިޔާސީ ހަޔާތެއް ނިމޭނީ މުޅިން ބަލިވީމައި. ޕޮލިޓިކަލް ކެރިއާ އިންޑްސް ވިތް އޯލް ފެއިލާސް. އަދި މުޅީން ބަލިނުވާތީ އެނބުރި އަނެއްކާ ވެސް އައިސް މި ހުރެވެނީ

މުހައްމަދު ނަޝީދު / ކުރީގެ ރައީސް، އެމްޑީޕީގެ ޗެއާޕާސަން ކެންޑިޑޭޓް

ދެން އޮތީ ޖުން-ޖުލައިގެ ގަދަ މޫސުމެވެ. ސިޔާސީ މަސްރަހު ވެސް ޖުންޖުލައި އޮތީ ވިއްސާރަކޮށެވެ. ކަނޑު ގަދަކޮށެވެ. ވައި ބާރަށް ޖެހޭނެ އެވެ. އެމްޑީޕީ އޮޑީގެ ހުންގާނު އަދި އޮތީ ހުހަށެވެ. އަންނަ 12 ޖޫނުގައި ކައްޕިއެއް އަރުވާނެ އެވެ. އަރުވަންވާއިރަށް އޮޑީގެ އެތެރެ ކެކިލާނެ އެވެ. އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި އެއްކޮޅުން ހުންނެވީ ޒުވާން މީކާއިލް އަހުމަދު ނަސީމެވެ. އަނެއްކޮޅުން ހުންނެވީ މި ބުނާ ތަޖުރިބާކާރު ސިޔާސީ 'އާރުކާޓީ' ނަޝީދެވެ.
'ދައުރު'ން ކޮންމެ ހުކުރު ދުވަހު ގެނެސްދޭ 'އެއްބަސްވެ ދެބަސްވަމާ' ވޮޑްކާސްޓްގެ 22ވަނަ އެޕިސޯޑްގެ މެހެމާނަކީ ހާއްސަ މެހެމާނެކެވެ. މި ބުނާ 'ތަޖުރިބާކާރު' ނަމަވެސް އެތައް ފަހަރު ބަލިވެގެން ވެސް އެނބުރި ވަޑައިގެން ހުންނެވި ނަޝީދެވެ.

ނަޝީދު، ފައްޔާޒާއެކު: 'ބޮޑު ބަދަލު'ގައި ދެ ވެރިއެއް

ޅައިރުގެ އެކުވެރިޔާ، އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދެމެދު 'ސިޔާސީ ގޮތުން' ޖެހުނު މައްސަލަތަކާއެކު އެމްޑީޕީއާ ނަޝީދު ދުރަށް ޖެހިވަޑައިގަތުމަށްފަހު އަނބުރާ އެ މަނިކުފާނު ދެ ދަހަރު ލީޑުކުރެއްވި ޕާޓީއަށް އެނބުރި ވަޑައިގަންނަވަނީ ޒުވާން އެހެން ލީޑަރަކާއެކު މަސައްކަތްކުރައްވަން 'ސިޔާސީ އެއްބަސްވުންތަކެއް' ވެގެންކަން ފެންނަން އެބަ އޮތެވެ.

ވެރިކަމުގެ ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމުގެ ވަކާލާތު، ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނުގެ ޝިއާރެއްގެ ގޮތުގައި ނަޝީދު މަސައްކަތްކުރައްވަނީ އެންމެ ފަހުން ޗެއާޕާސަންކަމުން އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއީލާ އެކުގަ އެވެ. ސޯލިހުގެ ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެއް ވަޒީރު، ފައްޔާޒު ހުންނެވީ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރައްވައިގެނެވެ.

ރަށްރަށަށް ނަޝީދު ވަޑައިގަންނަވަނީ ފައްޔާޒާއެކުގަ އެވެ. 'ބޮޑު ބަދަލު'ގެ ހުށަހެޅުންތައް ކިޔައިދެއްވަނީ ދެ ލީޑަރުން އެއް މޭޒެއް ދޮށުގައި، އެއް ހަމައެއްގައި ތިއްބަވައިގެން، އެކީގަ އެވެ. އިއްތިފާގުން ނަމަވެސް 'ބޮޑު ބަދަލު'ގެ އެންމެ ބޮޑު ހުށަހެޅުމަކީ ވެސް ދައުލަތުގެ މަތީ ވެރިޔަކާއި ސަރުކާރު ހިންގާ އެންމެ މަތީ ވެރިޔާގެ މަގާމު ދެ މަގާމަކަށް ބަދަލުކުރުމެވެ.

ވޮޑްކާސްޓްގެ ހޮސްޓުން 'ދައުރު'ގެ މެނޭޖިން އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) އާއި ސީނިއާ އެސޯސިއޭޓް އެޑިޓަރު އަހުމަދު ނާއިފް، ނަޝީދަށް ފުރަތަމަ ކުރައްވަނީ ވެސް އެ ސުވާލެވެ. ދެ ވެރިއެއް 'ބޮޑު ބަދަލު'ގައި ހިމެނީ ތިޔަ ދެ ލީޑަރުންގެ މެދުގައި ދައުލަތުގެ 'ކޭކު' ފޮތި ކުރަން ހެއްޔެވެ؟ ނަޝީދު ޖަވާބު ދެއްވީ އެ މަނިކުފާނު އަބަދުވެސް ދައްކަވާ ސިޔާސީ ފަލްސަފާގެ އިލްމީ ވާހަކަތަކުގެ ތެރެއިންނެވެ.

"ޒަމާނުއްސުރެން ފަށައިގެން އަޅުގަނޑުގެ ސިޔާސީ ފިކުރެއް އެއީ، ހިޔާލެއް އެއީ، ދެކޭ ގޮތެއް އެއީ، ދައުލަތާއި ސަރުކާރު ވަކިކުރުން،" ނަޝީދުގެ ޖަވާބު ފައްޓަވަމުން ވިދާޅުވި އެވެ.

'އެއްބަސްވެ ދެބަސްވަމާ' އެޕިސޯޑް 22ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު، 'ދައުރު'ގެ މެނޭޖިން އެޑިޓަރު ޒާހިރު އާއި ސީނިއާ އެސޯސިއޭޓް އެޑިޓަރު ނާއިފާއެކު (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ފެހި ގާނޫނުއަސާސީ އެކުލަވާލީ އެތެރެއިން ކުރިމަތިވި ޕްރެޝަރުތަކާއި ބޭރުނުް އައި ޕްރެޝަރުތަކުގެ ތެރެއިން އޭރު ރައީސް މައުމޫނަށް އިސްލާހީ ހަރަކާތަކަށް ޖާގަ ދެއްވަން މަޖުބޫރު ވެގެނެވެ. ނަމަވެސް މަޖުބޫރުން ދޫކޮށްލެއްވި 'ކުޑަކުޑަ' ޖާގައިގެ ތެރެއިން ލިބުނު ގާނޫނުއަސާސީން ތަސައްވުރުކުރި ފުރިހަމަ ޑިމޮކްރެސީ ނުލިބޭ ކަމަށް ނަޝީދު ގަބޫލުކުރައްވަ އެވެ.

މި ގާނޫނުއަސާސީން ހާސިލްވި އެއް ކަމަކީ ފަސް އަހަރު ދުވަހު ރައީސް ބަދަލުކުރަން ފުރުސަތު ލިބުމެވެ. ދެވަނަ ދައުރު ހޯދަން ގޯސްތަކެއް ހަދާ ބީދައިން ރައްޔިތުންނަށް ފައިދާވާނެ ރަނގަޅު ކަންކަން ވެސް ކޮށްދިނުމަށް ވެރިންނަށް މަޖުބޫރުވުމެވެ. އެކަމަކު އެއާއެކު، ޝަކުވާތަކާއި ކަންބޮޑުވުންތައް މަދެއް ނޫނެވެ. ފަސް އަހަރުގެ ރައީސް، ރަސްކަލެއް ފަދަ އެވެ.

"މި ގާނޫނުއަސާސީން ތިން ބާރު ވަކިކުރުމަށް އަޅުގަނޑުމެން މަސައްކަތްކުރީ، އެ ކަމެއް ނުވި. ރައީސް އިންތިހާބުވާ ޕާޓީއަށް މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ލިބޭ ކޮންމެ ފަހަރަކު. މިހެން ލިބުނީމައި، ޝަރީއަތް ވެސް މި ދަނީ ރައީސްގެ ނުފޫޒުގެ ތެރެއަށް. މިިނިވަން މުއައްސަސާތައް ވެސް މި ދަނީ ރައީސްގެ ނުފޫޒުގެ ތެރެއަށް،" ނަޝީދު ވިދާޅުވި އެވެ.

ސަރުކާރާއި ދައުލަތް ވަކިކުރުމަކީ ބަރުލަމަނީ ނިޒާމުގެ އުސޫލެކެވެ. ނަމަވެސް ދައުލަތުގެ ވެރިޔާއާއި ސަރުކާރުގެ ވެރިޔާ އެކަކުގެ ގޮތުގައި ހިންގާ ނިޒާމު ރާއްޖޭގައި ހިންގީ މަދު ދުވަސްކޮޅަކު ކަމަށް ނަޝީދު ވިދާޅުވި އެވެ. ރާއްޖޭގައި ވެސް ޒަމާންތަކެއް ވަންދެން އޮތް ގޮތަކީ ދައުލަތާއި ސަރުކާރު ވަކިން އޮތުމެވެ. ނަޝީދު ވިދާޅުވީ ގައުމީ ވިސްނުމެއްގައި މަސައްކަތްކުރާނެ، ދައުލަތުގެ ވެރިޔަކާއެކު ދައުލަތް ހިންގުން ވަކިކުރަން ޖެހޭ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

"ގާނޫނުއަސާސީ ފައްކާކުރަން ބަލާއިރު ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބަލައިލަން އެބަ ޖެހޭ. ސިފައިންނާއި ފުލުހުން، އަދި ދެވިދާނެ ޓްރެޒަރީގެ ބައެއް ކަންކަން ވެސް، ދައުލަތުގެ ވެރިޔާއަށް،" ނަޝީދު ވިދާޅުވި އެވެ.

ބަރުލަމާނީއެއް ނޫން، ހޯދަނީ ރާއްޖެއަށް ހާއްސަ ގޮތެއް

ދައުލަތާއި ސަރުކާރު ވަކިކުރުމުގެ ބަރުލަމާނީ ނިޒާމުގެ ސިފަ މި ބަދަލުގައި ހިމެނި ނަމަވެސް ނަޝީދު ވިދާޅުވީ އެ މަނިކުފާނު މީގެ ކުރިން އަބަދުވެސް ވަކާލާތުކުރައްވަމުން ގެންދެވި ގޮތަށް މުޅިން ބަރުލަމާނީ ނިޒާމެއް ގެންނަން މި ބަދަލުގެ ހުށަހެޅުމުގައި ނެތް ކަމަށެވެ.

ރާއްޖޭގައި ރިޔާސީ ނިޒާމުގެ ގާނޫނުއަސާސީން ބައެއް ރަނގަޅު ކަންކަން ވެސް ފެންނަން އެބައޮތް ކަމަށް ނަޝީދު ވިދާޅުވި އެވެ. ރާއްޖޭގެ ހާލަތަށް ބަލާއިރު، ސަރުކާރުގެ އެންމެ މަތީ ވެރިޔަކީ މުޅި ރާއްޖޭގެ ރައްޔިތުންގެ ވޯޓަކުން އިންތިހާބުވާ މަގާމެއްގެ ގޮތުގައި ބޭއްވުމަކީ މުހިންމު ކަމެއްގެ ގޮތުގައި ނަޝީދު ފާހަގަކުރެއްވި އެވެ.

"ސަރުކާރު ހިންގަން އަންނަން ޖެހޭނީ މުޅި ރާއްޖޭގެ ރައްޔިތުންގެ ވޯޓުން އަންނަ މީހެއް. އޭގެ ފައިދާތައް އަޅުގަނޑުމެންނަށް ފެނޭ. ރައްޔިތުންގެ ކައިރިއަށް ސަރުކާރުގެ އެންމެ މަތީ ވެރިޔާ ދާން ޖެހޭ. އެއީ ވަރަށް ބޭނުންތެރި ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގެ ދުވަސްވަރު ނެގި ހިޔާލު ހޯދުމުގެ ވޯޓުގެ ކެމްޕެއިނުގައި ބަރުލަމާނީ ނިޒާމަށް ކެމްޕެއިން ކުރައްވަނީ --

އެ ހުށަހެޅުމުގައި ހިމެނޭ 'ބޮޑު މަޖިލިސް' އަދި 'ބޮޑު ކޮމިޝަން' ފެންނަނީ ވަރަށް ބޮޑު ކަމެއްގެ ގޮތަށެވެ. އެއީ ކުރެވިދާނެ ކަމެއްބާވައޭ ވެސް ހިތަށް އަރަ އެވެ. އެފްރިކާގައި މަދަނީ މަސައްކަތްތަކުން ނަޝީދަށް ލިބިވަޑައިގަތް ތަޖުރިބާއިން ވިދާޅުވަނީ ކުރެވޭނެ ކަމެއް ކަމަށެވެ.

ބޮޑު މަޖިލީހުގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ މެންބަރުންގެ އިތުރުން ކައުންސިލަރުންނެވެ. މި މަޖިލީހުގެ ބޭނުމަކީ ގާނޫނުއަސާސީއަށް ގެންނަ ބަދަލުތަކާއި ދަރަންޏާއި މާލީ ކަންކަމާއި ލާމަރުކަޒީ ނިޒާމު ބައެއް ބޮޑެތި ކަންކަމުގައި ގޮތް ނިންމުމެވެ. ނަޝީދު ވިދާޅުވީ ރަށުގައި ތިބެގެން ކައުންސިލަރުން ބައިވެރިވާ ގޮތަށް އެ މަޖިލިސް ހިންގޭނެ ކަމަށެވެ.

ގިނަ ގައުމުތަކުގައި އޮންނަ ގޮތަށް މަޖިލީހުގެ މަތިގެ އޮތުމުގެ ބަދަލުގައި މި ސިފައަކީ ރާއްޖެއަށް މާ ގުޅޭނެ، ރާއްޖެއަށް ހާއްސަ ސިފައެއް ކަން ނަޝީދު ފާހަގަކުރެއްވި އެވެ.

"ކޮންމެހެން އެއް ތަނަކު ތިބޭކަށް ނުޖެހޭ. އަޅުގަނޑު ވެސް ހިންގައިފިން ކޮވިޑްގެ ދުވަސްވަރު މަޖިލިސް އޮންލައިންކޮށް. ސީވީއެފުން އެފްރިކާގައި ވެސް ގިނަ ގައުމުތަކުގެ ބޮޑުވަޒީރުން ބައްދަލުވެ ވަރަށް ގިނަ މަސައްކަތްތައް ކުރެވުނު. މޮޑާން ޓެކްނޮލޮޖީ ބޭނުން ނުކޮށް ކޮންމެހެން ގަވަނަންސް ހިންގަން އުޅޭނެ ކަމެއް ނެތް،" އެ މަނިކުފާނު ވިދާޅުވި އެވެ.

މަޖިލީހުގެ ރިޔާސަތުގައި ރައީސް ނަޝީދު (ފޮޓޯ/މަޖިލިސް)

ހުރިހާ ވެސް ބޭނުމަކީ ފައިސާގެ ނުފޫޒު ކުޑަކުރުން

ކިތަންމެ ރަނގަޅު އުސޫލުތަކެއް ހިމަނައިގެން ދުސްތޫރީ އޮނިގަނޑު ތައްޔާރުކުރި ނަމަވެސް ޑިމޮކްރެސީތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފައިސާގެ ނުފޫޒެވެ. ކޮރަޕްޝަންގެ ވަބާ އެވެ. ވޯޓު ގަތުމުގެ ސަގާފަތެވެ. ނަޝީދު ގަބޫލުކުރައްވާ ގޮތުގައި މަޖިލިސް ސަރުކާރުގެ އަޅުވެތިކަމަށް ދަނީ މި ސަބަބު އޮވެގެނެވެ.

'ބޮޑު ބަދަލު'ގައި ނަޝީދު އާއި ފައްޔާޒު ހުށަހަޅުއްވަނީ އެއް 'ކުޑަކުޑަ' ދާއިރާއަކުން އެއް މެންބަރަކު އިންތިހާބުކުރާ އުސޫލު ބަދަލުކުރުމަށެވެ. އޭގެ ބަދަލުގައި މުޅި އަތޮޅުން ވޯޓުލައިގެން އިންތިހާބުކުރާ މެންބަރުންތަކަކާއި މުޅި ރާއްޖޭން ވޯޓުލައިގެން އިންތިހާބުކުރާ މެންބަރުންތަކެއް ތިބޭ ގޮތަށް މަޖިލީހުގެ އޮނިގަނޑު ބަދަލުކުރުމެވެ.

އޭގެ ތެރޭގައި އަންހެނުންނާއި ފިރިހެނުންނަށް ވަކި ހާއްސަ އަދަދެއްގެ ގޮނޑިތަކެއް ވެސް ކަނޑައަޅަން ޖެހޭ ގޮތަށެވެ. ވީހާވެސް ގިނަ ރައްޔިތުން ތަމްސީލްވާނެ ގޮތެއް ހޯދުމެވެ.

ބައެއް ބޮޑެތި ނިންމުންތަކަށް 'ބޮޑު މަޖިލިސް' އެކުލަވާލަން ޖެހޭ ގޮތަށް ހަދަން ބޭނުންފުޅުވާ މައިގަނޑު ސަބަބަކީ ވެސް އެއީ ކަމަށް ނަޝީދު ވިދާޅުވި އެވެ. މިހާރު ނަމަ، ވަކި ގޮތަކަށް ނިންމަން މަދު މެންބަރުންތަކަކަށް ރިޝްވަތު ދީގެން އެކަން ކުރުމުގެ ފުރުސަތު ބޮޑުކަން ނަޝީދު ފާހަގަކުރެއްވި އެވެ.

"1،900 މީހުން ވީމަ އުނދަގޫވާނެތާ، 1،900 މީހުން ގަންނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

މަޖިލީހުގައި ވާދަވެރި ސިޔާސީ ޕާޓީގެ މެންބަރުން ވެސް ސަރުކާރު ޖަވާބުދާރީ ނުކުރެވޭ ތަން ފެންނަ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެ މަނިކުފާނު އިޝާރާތްކުރެއްވީ، މި ފަހުން އެމްޑީޕީގެ މަޖިލިސް މެންބަރުން މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދެއްވުމަށް ދެއްވި ވޯޓަށެވެ. އެއީ އޮޅިގެން ހިނގި ކަމެއް ކަމަށް ގަބޫލުކުރައްވަން ނަޝީދަށް ވަރަށް ދައްޗެވެ.

"އަޅުގަނޑު އިނދެފިން މަޖިލީހުގެ މެންބަރެއް ގޮތުގައި. މަޖިލީހުގެ ރައީސް ކަމުގައި. ރާއްޖޭގެ ރައީސް ގޮތުގައި ވެސް އުޅެފިން. އަޅުގަނޑަށް އެނގޭ އެ އޮޅޭ ގޮތް ވެސް. އެ އޮޅެނީ އެކަށީގެންވާ ވަރުގެ ފައިސާ އޮޅުމުގެ ތެރެއިން ވަދެގެން،" ނަޝީދު ވިދާޅުވި އެވެ.

ފެކްޝަންތައް ބަލައިގަންނަން، ސޯލިހު ބައިވެރިކުރާނަން

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ބޯމަތިވީިއިރު ވާދަވެރިކަން ވަރަށް ބޮޑެވެ. ފެކްޝަންތަކަކަށް ޕާޓީ އޮތީ ބެހިފަ އެވެ. ނަޝީދުގެ ފެކްޝަނަކާއި ފައްޔާޒުގެ ފެކްޝަން އެއްކޮޅުގަ އެވެ. ސޯލިހުގެ ފެކްޝަނަކާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ފެކްޝަން މި ވަގުތަށް އެކުގައި މަސައްކަތްތަކެއް އެބަ ކުރައްވަ އެވެ. މި ދެ ފަޅީގައި ވެސް ވަކިވަކި ފެކްޝަންތަކެއް ހުރުމުން، ދެބަސްވުމާއި އަރައިރުންތައް އެއިން ކޮންމެ ފަޅިއަކުން ވެސް އެބަ ފެނެ އެވެ.

ނަޝީދު ގަބޫލުކުރައްވާ ގޮތުގައި އެއީ ސިޔާސީ ޕާޓީގެ ތޮބީއަތެވެ.

"ސިޔާސީ ޕާޓީއެއްގައި ވެއްޖެއްޔާ ފެކްޝަންތައް ހުންނާނެ. ސިޔާސީ ޕާޓީގެ ތޮބީއަތުގައި ހުންނަ ކަމެއް އެއީ. ޕޮލިޓިކަލް އެމްބިޝަންސްއާ ގުޅިގެން، ތިމާ އެދޭ ގޮތާއި އަނެކަކު އެދޭ ގޮތާއި ދިމާނުވީމައި ތިމާ އެދޭ ގޮތް ހޯދަން އެކަން ގަބޫލުކުރާ އެހެން ބަޔަކު އެއްކޮށްގެން މަސައްކަތްކުރުން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ޕާޓީއެއް މުއައްސަސާއެއް ގޮތުގައި ހިންގުމަށް، ފެކްޝަންތައް އޮތުމަކީ ދުޅަހެޔޮ ރަނގަޅު ސިފައެއް ގޮތުގައި ވެސް ނަޝީދު ދެކެވަޑައިގަންނަވަ އެވެ. ހުދުމުހުތާރު ސިފަތަކާ ޕާޓީ ދުރަށް ދާނީ ފެކްޝަންތަކުގެ ދިރުން ޕާޓީއެއްގައި އޮވެގެން ކަމެވެ.

އަޅުގަނޑަކަށް ވެސް ނެތް ކަމެއް އެކަނި ގޮސް ކޮށްލެވޭކަށް. ރައީސް ސޯލިހަކަށް ވެސް ނެތް. އަބްދުﷲ ޝާހިދަކަށް ވެސް ނެތް. ފައްޔާޒު އިސްމާއީލަކަށް ވެސް ނެތް. ހަމަ އެކީގައި އައިސް ތިބެ ވާހަކަތަކެއް ދައްކަން ޖެހޭ، ކޮންމެ ކަމެއްގައި ވެސް،

މުހައްމަދު ނަޝީދު / ކުރީގެ ރައީސް، އެމްޑީޕީގެ ޗެއާޕާސަން ކެންޑިޑޭޓް

ކޮންމެއަކަސް ނަޝީދާއި ސޯލިހާ ދެމެދު ޖެހުނު މައްސަލަ ހައްލުނުވާ ކަމަށް ދެކެވޭ ވާހަކަ ވެސް އެބަ އޮތެވެ. އެ ކަން ހިނގަނީ ދުޅަހެޔޮ މިންގަނޑަކަށް ނޫން ކަމަށް ބެލެވެ އެވެ. އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ނަޝީދު ވިދާޅުވީ އެއީ ސިޔާސީ ކަންކަމުގައި ދެބަސްވެވޭ ކަންކަން ހުރީ ކަމަށެވެ. ނަމަވެސް ސޯލިހަކީ އެމްޑީޕީގެ މުހިންމު ލީޑަރެއް ކަމަށް ވިދާޅުވި އެވެ.

"ރައީސް ސޯލިހުގެ ވެސް ހުންނާނެ ހާއްސަ ހުނަރުތަކެއް، ސިޔާސީ ކަންކަމުގައި. އެ ކަންކަން އަޅުގަނޑުމެން ޕާޓީއަށް ބޭނުންކުރަން ޖެހޭނެ. ރައީސް ސޯލިހު ބާކީއެއް ނުވާނެ. އަޅުގަނޑު ޗެއާޕާސަން ކަމަށް އައިމަ، ރައީސް ސޯލިހާއި އަޅުގަނޑާ މާ ރަނގަޅަށް އެކުގައި މަސައްކަތްކުރެވޭނެ،" ނަޝީދު ވިދާޅުވި އެވެ.

19-21 އޮގަސްޓް 2022އަށް ސޯޝަލް ސެންޓަރުގައި ކުރިއަށް ގެންދިޔަ އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސްގައި 21 އޮގަސްޓް 2022 ވަނަ ދުވަހު ބޭއްވި ސެޝަންތަކުގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މާޒީއަކީ މާޒީ؛ އެމްޑީޕީއަކީ ބަދަލުގެ މުއައްސަސާ

އެމްޑީޕީގެ އެއް ބާނީ، އަދި ދެ ދަހަރުގެ ބޮޑު ބައި ޕާޓީ ލީޑުކުރެއްވި ލީޑަރެވެ. ނަމަވެސް 2023ގެ ރިޔާސީ އިންތިހާބަށް ނަޝީދު އެމްޑީޕީ ދޫކޮށްލެއްވި އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބަލިވެ، ނަޝީދާއި އެމަނިކުފާނުގެ ވަފާތެރިން ޕާޓީގެ ތެރޭގައި ތިބެގެން ސަރުކާރާ ދެކޮޅަށް ކުރި މަސައްކަތްތަކާ ގުޅިގެން، އެކަކު ބޭރުކުރުމުން އެންމެން ނުކުތީ އެވެ. ނުކުމެ، ޕޯޑިއަމްތަކުގައި ނަޝީދު ހަރުއަޑުން ގޮވަމުން ގެންދެވީ "އެމްޑީޕީ ރުޅާލާނެ" ކަމަށެވެ.

ނަޝީދު މިއަދު ވެސް ގަބޫލުކުރައްވަނީ އެ މަނިކުފާނު އެ ޕްރައިމަރީން ވި ބައްޔަކީ ބައްޔެއް ނޫން ކަމެވެ. ޕާޓީގެ މެންބަރުންތަކެއް ކަނޑާލައިގެން، މަދު މެންބަރުން ހިމެނޭ ލިސްޓަކަށް ޕްރައިމަރީ ބޭއްވީ، ސަރުކާރުގެ ނުފޫޒުން ނަޝީދު ބަލިވާނެ ގޮތަށް އިންތިޒާމުކޮށްގެނެވެ. އެކަމަކު އެ ވާހަކަ އިތުރަކަށް ނަޝިދު ދައްކަވަން އެހާ ބޭނުމެއް ނުވެ އެވެ.

"އަޅުގަނޑު ނުދެކެން ފައްޔާޒު ކުރިކަމެކޭ. ފައްޔާޒު އެކަނި ކުރިކަމެކޭ ވެސް. ފެންނަ ގޮތަށް، އެއްޗެއް ބުނަން އޭރު ހުރީ އޭނާ. އެކަމަކު އެހެނޭ ކިޔާފައި އޭނާ ބޮލަކު ވެސް ނޭޅުވޭނެ އެ ކަމެއް. އެ ކަމެއް ހިނގައި އެ ދިޔައީ،" ނަޝީދު ވިދާޅުވި އެވެ. 

ދަ ޑިމޮކްރެޓްސްގެ ކެމްޕޭނު ނިންމާލުމަށް، ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާއެއްގައި ނަޝީދު ވާހަކަ ދައްކަވަނީ --- ދައުރު ފޮޓޯ/ ހުސެއިން ސުނޭން

ދުނިޔޭގެ އެކި ގައުމުތަކުން ވެރިންގެ ސިޔާސީ ހަޔާތް މިސާލަކަށް ނަންގަވަމުން ނަޝީދު ވިދާޅުވީ އެ މަނިކުފާނުގެ ސިޔާސީ ހަޔާތް ވެސް ނިމެން އަދި ގާތް ނުވާ ކަމަށެވެ. މި ވަގުތު އުމުރަކީ މުސްކުޅިވެސް ނުވާ، ޒުވާން ވެސް ނުވާ، މެދު މިނުގެ އުމުރެއް ކަމެވެ. މި ވަގުތު ތެދުވެ އެ ހުންނެވީ ވެރިކަން ހިންގާ ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ގަބޫލުކުރެވިގެނެވެ.

ބަދަލު ގެންނަން ތަޖުރިބާ ވެސް މުހިންމު ކަމަށް ނަޝީދު ގަބޫލުކުރައްވަ އެވެ.

"އަޅުގަނޑުމެންގެ ފުރަތަމަ ވެރިކަމަށްވުރެ މިހާރު އަޅުގަނޑަށް އެނގިފައި ހުރި އެއްޗިސް ވެސް ގިނަވާނެ. އަޅުގަނޑަށް ހިއެއް ސިޔާސީ ގޮތުން އަޅުގަނޑު ތަޖުރިބާކުރި ވަރަށް ތަޖުރިބާކުރެވުނު ލީޑަރަކު ހުރިހެނެއް. ޖަލަށް ވިޔަސް، ވެރިކަން ވިޔަސް، ބަގާވާތަށް ވިޔަސް، މަޖިލީހުގެ މަސައްކަތްތަކަށް ވިޔަސް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދަށް މިއަދު ގަބޫލުކުރެވުނު އެހެން ކަމެއް އެބަ އޮތެވެ. ސިޔާސީ ފަލްސަފާތަކެއްގެ މައްޗަށް އެ މަނިކުފާނު ވެސް ހިމެނޭ ގޮތަށް އޭރު އިސްލާހީ ހަރަކާތުގެ ލީޑަރުން އުފެއްދި އެމްޑީޕީ 'ވަރުގަދަ' ކަމެވެ. އާންމު މެންބަރުން އެކަތިގަނޑެއްގެ ގޮތުގައި އެމްޑީޕީގެ ފަލްސަފާ ދެމެހެއްޓުމަށް ޓަކައި، ދެމިތިބޭނެ ކަމެވެ. ނަޝީދަށް ވެސް އޭގައި ކުރެވޭނެ ކަމެއް ނެތެވެ. 

އަޅުގަނޑު ދިޔައިމަ ވެސް އެމްޑީޕީ ހަލާކެއް ނުވިއޭ. އަޅުގަނޑުމެންނަށް އުފެއްދުނު އެތި ވަރުގަދައީ. މުއައްސަސާއަކަށް ވާތީވެ

މުހައްމަދު ނަޝީދު / ކުރީގެ ރައީސް، އެމްޑީޕީގެ ޗެއާޕާސަން ކެންޑިޑޭޓް

ސިޔާސީ ޕާޓީތައް ރަސްމީކޮށް މި ފަހުން ރަޖިސްޓްރީކޮށްގެން ހަރަކާތްތެރިވާން ފެށި ފަހުން އެހާ ވަރުގަދަކޮށް ދުވަސްތަކެއް ވަން ދެން ދެމިއޮތް ހަމައެކަނި ޕާޓީއަކީ އެމްޑީޕީ އެވެ. ދެ ފަހަރު ވެރިކަން ވެސް ކޮށްފި އެވެ. އެމްޑީޕީއާ ވާދަވެރިކޮށް ކުރިން އޮތް ޑީއާރުޕީ އާއި ޕީޕީއެމް ވެސް އުވި، މިހާރު ޕީއެންސީ އެވެ.

ނަޝީދު ގަބޫލުކުރައްވާ ގޮތުގައި އެމްޑީޕީއަކީ މި ސަރަހައްދުގައި ވެސް އޮތް އެންމެ ވަރުގަދަ ޕާޓީ އެވެ. ލަންކާއާއި އިންޑިއާގެ ޕާޓީތައް ވެސް ކިތަންމެ ފަަހަރަކު ބައިވެ، މުޅިން އާ ޕާޓީތަކެއް ވެސް އެ ޕާޓީތަކުގެ ތެރެއިން އުފެދިއްޖެ އެވެ. އިންޑިއާގައި މި ވަގުތު އެންމެ ބޮޑު ޕާޓީ، ބީޖޭޕީއަކީ ވެސް އެމްޑީޕީއަށްވުރެ މާ ހަގު ޕާޓީއެކެވެ.

އެހެންކަމުން ބަދަލުތަކުގައި ބައިވެރިވާން، ބަދަލު ގެންނަން ހިންގުމުގެ ސަފުގައި ސިޔާސީ މަސައްކަތްކުރައްވަން ނަޝީދަށް ވެސް އޮތް އިހުތިޔާރަކީ އެމްޑީޕީ އެވެ. އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ ނަޝީދުގެ ތަޖުރިބާ ބޭނުންކުރައްވައިގެން، އެމްޑީޕީ މެދުވެރިކޮށް ރާއްޖޭގެ ދައުލަތުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ވެގެނެވެ.

"އެމްޑީޕީއަކީ އިންސްޓިޓިއުޝަނެއް. ބަދަލު ގެންނަން އޮތް ވެހިކަލް."

ކޮމެންޓް (5)

ސުޖާއީ

9 މޭ 2026
އަމިއްލަޔަށް ވެރިކަން ދޫކޮށްލީ، އަމިއްލަޔަ އަމިއްލަ ޕާރޓީ ރޫޅާލީ، މިހާރު ޕާރޓި ދެ ފެކްޝަން ކޮށް އަމިއްލަ ރޫހާނީ ފެކްޝަނުން ބުރޯ ފެކްޝަނެއް އުފަން ކުރަނީ، ވަރަށް ސަލާން. މުއީޒު ނޫނީ ރ.ޔާމީން 2028 ގަ ވެރިކަމަށް އަންނާނީ
2 1

މަބުނީ

9 މޭ 2026
ސުޕުރީމްލީޑަރެއް ބޭނުމެއްނުވޭ ރައްޔިތުން
3 1

މިތުރު

8 މޭ 2026
މޫނަކަށް އެންމެ އެދޭ މޫނަކީ މައުމޫން އަދިވެސް-!!!!
3 2

މޮޑަން

8 މޭ 2026
ނަޝީދު ހީކުރީ ޑީއާރުޕީ ރޫޅާފަ މައުމޫނު ގޮސް ޕީޕީއެމް އުފެއްދުމުން އެންމެން އެޕާޓީއަށް ގޮސް ޑީއާރުޕީ އުވުނުހެން ވާނެކަމަށް އެމްޑީޕީއަށްވެސް. އެކަމަކޔ އެހެނެއް ނުވި. ނަޝީދު ހެދި ޕާޓީއަށް ތިންހާސް ވެސް ހަމަވީ ކިރިޔާ. އެހެންވީމަ އަނބުރާއައުން ނޫން ގޮތެއް ނެތެއްނު. ނަޝީދަކީ މިހާރު މާޒީ.
7 2

އހަން

8 މޭ 2026
ސުވާލުތައް ވަރަށް ކަމީނާ. އެއްގޮތަކީ ނޭގޭ މީހަކަށް ހެދިގެން ސުވާލުކުރަނީ
8 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް