އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ބޮޑުތަނުން ކުރިހޯއްދަވައި ލިބިވަޑައިގަތް ކާމިޔާބީއާއެކު، ސަޕޯޓަރުންނާއެކު ކުރީގެ ރައީސް ނަޝީދު އުފާ ފާޅުކުރައްވަނީ (ފޮޓޯ/ ނައުޝަމް ވަހީދު)
ޗެއާޕާސަން އިންތިހާބުގެ ދާއިމީ ނަތީޖާ ނެރެފި؛ ނަޝީދަށް 21،063 ވޯޓާއެކު %69
މިދިޔަ ހުކުރު ދުވަހު ބޭއްވި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ދާއިމީ ނަތީޖާ އެ ޕާޓީން މިއަދު ނެރެފި އެވެ.
ވީކިހިނެއް؟ - މިދިޔަ ހުކުރު ދުވަހު އެމްޑީޕީއަށް ދާއިމީ ޗެއާޕާސަނެއް ހޮވަން އެތެރޭގެ އިންތިހާބެއް ބޭއްވީ، ކުރިން ޗެއާޕާސަންކަމުގައި ހުންނެވީ ފައްޔާޒު އިސްމާއީލް 23 ނޮވެމްބަރު 2025ގައި އިސްތިއުފާ ދެއްވުމުންނެވެ.
ފައްޔާޒުގެ ފެކްޝަނުގެ ތާއީދާ ވެސް އެކު ކުރީގެ ރައީސް މުހައްމަދު ނަޝީދު ޗެއާޕާސަންކަން ކާމިޔާބުކުރެއްވިކަން ވަގުތީ ނަތީޖާއިން ދެއްކިއިރު، މިއަދު އިއުލާންކުރި ދާއިމީ ނަތީޖާގައި ވެސް ވަކި މާ ބޮޑު ބަދަލެއް ނެތެވެ.
ތަފްސީލް - މިއަދު އާންމުކުރި ދާއިމީ ނަތީޖާ ދައްކާ ގޮތުން:
-
ނަޝީދަށް ލިބިވަޑައިގަތީ 21،063 ވޯޓާއެކު %69
-
ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމަށް 9،263 ވޯޓް
-
ޗެއާޕާސަންކަމަށް ކުރިމަތިލައި، ފަހު ވަގުތު ވާދަނުކުރަން ނިންމި އިބްރާހީމް މުހައްމަދު (ވާޑް)އަށް 132 ވޯޓް
އިތުރަށް ކިޔާލަން
ނަޝީދަކީ އެމްޑީޕީގެ ފުރަތަމަ ޗެއާޕާސަނެވެ. 2023ވަނަ އަހަރު އެމްޑީޕީ ދޫކުރައްވައި ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު ފިޔަވައި ނަޝީދު އަބަދުވެސް ހުންނެވީ އެމްޑީޕީގެ އިސް މަގާމެއްގަ އެވެ. އެ ގޮތުން:
-
2008 ،2013، އަދި 2018ގައި ވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ނަޝީދު: ނަމަވެސް 2018ގައި ޖަލު ހުކުމުގެ ސަބަބުން ނަޝީދަށް ވާދަނުކުރެވޭނެތީ އެމްޑީޕީގެ ރިޔާސީ ޓިކެޓް، އެ ޕާޓީގެ ކޮންގްރެސް މެދުވެރިކޮށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ހަވާލުކޮށް ސޯލިހު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި
-
ނަޝީދުގެ ބާރު އެމްޑީޕީގައި މަޑުވެގެން ދިޔައީ ސޯލިހުގެ ވެރިކަމުގައި؛ 2023ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީން ވެސް ސޯލިހު ނަޝީދު ބަލިކޮށް، ޖެހުނު މައްސަލަތައް ހައްލުނުވެ އެމްޑީޕީ ދޫކުރައްވައި ވަޑައިގެންނެވި
-
މިދިޔަ އަހަރު އަނބުރާ އެމްޑީޕީއަށް ގުޅިވަޑައިގެންނެވި ނަޝީދު އެމްޑީޕީގެ ޗެއާޕާސަންކަން ފުރަތަމަ އަދާކުރެއްވީ ޖޫން 2005އިން ފެށިގެން ފެބްރުއަރީ 2008އާ ހަމައަށް؛ އަދި 2014އިން 2023އަށް ނަޝީދު ވަނީ އެމްޑީޕީގެ ރައީސް ކަން ވެސް ކުރައްވާފައި
ފާހަގަކޮށްލެވޭ ކަމެއް - އިންތިހާބީ ޗެއާޕާސަންގެ ހައިސިއްޔަތުން ނަޝީދު އިއްޔެ ވަނީ ޕާޓީގެ އިސް އެހެން ބޭފުޅުންނާ ބައްދަލުކުރައްވައިފަ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި، ކުރީގެ ޗެއާޕާސަން ފައްޔާޒުގެ އިތުރުން ސިޓީތަކުގެ މޭޔަރުން ހިމެނިވަޑައިގަންނަވަ އެވެ.
ކޮމެންޓް