ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ ދެ ބޭފުޅުން އެމްޑީޕީ އޮފީހުގައި ބައްދަލުކުރެއްވުން. (ދައުރު ފޮޓޯ)

ނަޝީދުގެ ތަޖުރިބާގެ އަލީގައި މި ސަރުކާރު ޖަވާބުދާރީކުރެވޭނެކަން ޔަގީން: ސޯލިހު

ސޯލިހު ވިދާޅުވީ، މިއަދު ބޭއްވި އިންތިހާބުން އަނެއްކާވެސް ފެނިގެންދިޔައީ އެމްޑީޕީގެ އެތެރޭގެ ޑިމޮކްރެސީ ފައްކާވެ ފުރިހަމަވަމުން އަންނަ ތަން ކަމަށާއި ޕާޓީއާ އެކު ކުރިއަށް ދާންވީ އެންމެން އެކީގައި ކަމަށް
1 ގަޑިއިރު ކުރިން

މިހާރުގެ ސަރުކާރު ޖަވާބުދާރީކުރުވަން އެމްޑީޕީން ކުރަންޖެހޭ ސިޔާސީ މަސައްކަތް ވަރަށް ގިނަ ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޗެއާޕާސަންކަމުގެ ދަށުން އެ މަނިކުފާނުގެ ތަޖުރިބާގެ އަލީގައި އެ މަސައްކަތްކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސޯލިހު މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ބޭފުޅަކު އިންތިހާބުކުރަން މިއަދު ބޭއްވި އިންތިހާބުގައި ބޮޑު ތަފާތަކުން އެ މަގާމު ނަޝީދު ކާމިޔާބުކުރައްވާފައިވާތީ މަރުހަބާ ދަންނަވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ބުނީ ކީކޭ؟ - ސޯލިހު ވިދާޅުވީ، އެ އިންތިހާބުން އަނެއްކާވެސް ފެނިގެންދިޔައީ އެމްޑީޕީގެ އެތެރޭގެ ޑިމޮކްރެސީ ފައްކާވެ ފުރިހަމަ ވަމުން އަންނަ ތަން ކަމަށާއި ޕާޓީއާ އެކު ކުރިއަށް ދާންވީ އެންމެން އެކީގައި ކަމަށެވެ.

"ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީން ކުރަން ޖެހޭ ސިޔާސީ މަސައްކަތްތައް މި ވަގުތު ވަރަށް ގިނަ. އެ މަސައްކަތްތައް ކުރުމުގައި މަނިކުފާނުގެ ތަޖުރިބާގެ އަލީގައި ކުރިއަށް ވަޑައިގަންނަވާނެ ކަމާ މެދު ޝައްކެއް ނުކުރަން،" ސޯލިހު ވިދާޅުވި އެވެ.

މި އިންތިހާބުގައި ނަޝީދާއި ވާދަކުރެއްވި ވާދަވެރި ކެންޑިޑޭޓު، ގަލޮޅު ދެކޮނު ދާއިރާގެ މަޖިލިސް މެމްބަރު މީކާއިލް ނަސީމްގެ މަސައްކަތް ވަރަށް ކައިރިން ދެކެވަޑައިގެންނެވި ބޭފުޅެއްގެ ހައިސިއްޔަތުން ސޯލިހު ވަނީ މީކާއިލަށް ވެސް މަރުހަބާ ދަންނަވާފަ އެވެ. މީކާއީލްގެ ސިޔާސީ މުސްތަގުބަލު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

މި އިންތިހާބުގައި ސޯލިހު ތާއީދުކުރެއްވީ މީކާއިލަށެވެ. މީކާއިލުގެ ކެމްޕޭންތަކުގައި ސޯލިހު ހަރަކާތްތެރިވެވަޑައިގަތެވެ. 

ފާހަގަކޮށްލެވޭ ކަމެއް - ނަޝީދާއި ސޯލިހާ ދެ ބޭފުޅުން އެކުގައި ސިޔާސީ މަސައްކަތްކުރައްވަމުން ގެންދެވި ނަމަވެސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތީއްސުރެ ފެށިގެން ދެ ބޭފުޅުންގެ ދެމެދު މައްސަލަތައް އިތުރުވި އެވެ.

އަދި 2023ގެ ރިޔާސީ އިންތިހާބުގައި ނަޝީދު އެމްޑީޕީ ވެސް ދޫކޮށްލެއްވި އެވެ. އެމްޑީޕީގެ މެމްބަރުން ދެކޭ ގޮތުގައި މިދިޔަ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލުނީ ވެސް މި ދެ ބޭފުޅުންގެ ދެމެދުގައި ޖެހުނު މައްސަލަތަކާއި ހިޔާލު ތަފާތުވުންތަކުގެ ސަަބަބުންނެވެ.

ނަޝީދު އެނބުރި އެމްޑީޕީއަށް ވަޑައިގެން ސިޔާސީ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވަނީ، ސޯލިހުގެ ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެއް ވަޒީރަކަށް ހުންނެވި ފައްޔާޒު އިސްމާއީލާ އެކުގަ އެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް