ޗެއާޕާސަން މަގަމާށް ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވާދަ ކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލްއާ އެމަނިކުފާނު ބައްދަލު ކުރައްވަނީ

އެމްޑީޕީ

މީކާއިލް ހިމެނޭހެން އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނާ ނަޝީދު ބައްދަލުކުރައްވައިފި

ނަޝީދު ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ހިމެނޭ؛ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު

އެމްޑީޕީގެ އިންތިހާބީ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމަނިކުފާނާ ޗެއާޕާސަން ރޭހުގައި ވާދަ ކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މަލިސް މެންބަރު މީކާއިލް އަހްމަދު ނަސީމްއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ވާދަވެރި ޗެެއާޕާސަން އިންތިހާބު ކާމިޔާބު ކުރެއްވި ނަޝީދު މިއަދު ހެނދުނުން ފެށިގެން އެ ޕާޓީ އޮފީހުގައި ދަނީ، ބައެއް ބޭފުޅުންނާ ބައްދަލު ކުރައްވަމުންނެވެ.

ތަފްސީލު -  ނަޝީދުގެ ހަރަކާތްތައް ޝޯޝަލް މިޑީއާގައި ޕޯސްޓު ކުރަމުން ގެންދާ ޝަމްއޫން ޖަލީލު (ލޫކަސް) ވަނީ މި ބައްދަލުވުންތަކުގެ ވީޑިއޯތައް ޝޯޝަލް މީޑިއާގައި ޕޯސްޓް ކޮށްފަ އެވެ. އޭގެ ތެރޭގައި ނަޝީދާއި މީކާއިލްގެ ބައްދަލުވުމުގެ ވީޑީއޯއެއް ހިމެނެ އެވެ.

އެ ކުރު ވީޑިއޯއިން ފެންނަ ގޮތުގައި ނަޝީދު ވަނީ މީކާއިލްއަށް ހިތްވަރު ދެއްވައި އޭނާ ކުރެއްވި ކެމްޕެއިންނަށް ތައުރީފް ކުރައްވާފަ އެވެ. އަދި އެމަނިކުފާނާ ދެކޮޅަށް މީކާއިލް ދެއްވީ "ވަރަށް ރަނގަޅު ފައިޓެއް"ކަމަށް ވެސް ވިދާޅުވި އެވެ.

"ވެރީ ނައިސްލީ ޑަން،" މީކާއިލް ކުރެއްވި ކެމްޕެއިނަށް އިޝާރާތް ކުރައްވައި އިނގިރޭސީ ބަހުން ނަޝީދު ވިދާޅުވި އެވެ.

މި ބައްދަލުވުންތަކުގެ ތެރެއިން ނަޝީދު އެންމެ ފުރަތަމަ ބައްދަލު ކުރެއްވީ، އެޕާޓީގެ ކުރީގެ ޗެއާޕާސަން އަދި އެމަނިކުފާނުގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއާ އެވެ.

އޭގެ އިތުރުން، ނަޝީދު ވަނީ ހަތަރު ސިޓީގެ އެމްޑީޕީ މޭޔަރުންނާ ވެސް މިއަދު ބަދަލުކުރައްވާފަ އެވެ. އޭގެ ތެރޭގައި މާލެ ސީޓީ މޭޔަރު އަދި އެމްޑީޕީ މާލެ ދާއިރާގެ ރައީސް އާދަމް އާޒިމް ހިމެނިވަޑައިގަންނަވަ އެވެ.

އައްޑޫ މޭޔަރު އަލީ ނިޒާރުއާ އެމަނިކުފާނު ބައްދަލު ކުރެއްވީ، އޮންލައިންކޮށެވެ.

ނަޝީދު މިއަދު ވަނީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ވެސް ބައްދަލު ކުރައްވާފަ އެވެ.

  • ނަޝީދު މިއަދު ފައްޔާޒުއާ ބައްދަލު ކުރައްވަނީ
  • އެމްޑީޕީ އޮފީހުގައި ނަޝީދު މިއަދު މާލޭ މޭޔަރާއެެކު
  • ނަޝީދު(ކ) މިއަދު ކުޅުއްފުށި މޭޔަރު އާތިފް(މ) އަދި ތިނަދޫ މޭޔަރު ސައުދުއާއެކު

ނަޝީދު މިއަދު ދެން ބައްދަލު ކުރެއްވީ، އެމްޑީޕީގެ ލީގަލް ކޮމިޓީގެ މެންބަރުންނާ އެވެ. އެ ބައްދަލުވުމުގައި ނަޝީދު ވަނީ، ޗެއާޕަސަން ކެމްޕެއިންގައި ބައިވެރިކަމަށް ބުނާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވަކިކުރި ނުވަތަ ސަސްޕެންޑް ކުރި މައްސަލައިގައި ގާނޫނީ ގޮތުން ކުރާ މަސައްކަތްތަކުގެ އަޕްޑޭޓް ބައްލަވާލައްވާފަ އެވެ.

ގުޅުން ހުރި - އިއްޔެ އެމްޑީޕީން ވަނީ، ޗެއާޕާސަން އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާްންކޮށްފަ އެވެ. އެގޮތުން:

  • ނަޝީދު އިންތިހާބު ކާމިޔާބުކޮށްފައި ވަނީ،21،000އަށްވުރެ ގިނަ ވޯޓާއެކު (%68)

  • މީކާއިލްއަށް ލިބިވަޑައިގެންެވީ، 9،400އެއްހާ ވޯޓު (%30)

  • އިންތިހާބުގައި ޖުމްލަ ވޯޓުލާފައި ވަނީ، 31،129 މީހުން؛ އެމްޑީޕީގެ ޖުމްލަ މެންބަރުންގެ އަދަދަކީ، 49000އެއްހާ މެންބަރުން

ނަޝީދު ރަސްމީކޮށް ޗެއާޕާސަން ކަމާ ހަވާލުވެވަޑައިގަންނަވާނީ، ރަސްމީ ނަތީޖާއަށްފަހު ކަމަށް އެޕާޓީން ވަނީ ބުނެފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް