އަމީނީ މަގުގައި ހުންނަ ގަލޮޅު ޕޮލިސް ސްޓޭޝަން. (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވާ ފުލުސް މީހާ ހައްޔަރުކޮށްފި
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވާ ފުލުސް މީހާ ހައްޔަރުކޮށް، 30 ދުވަހަށް ބަންދުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މި މައްސަލަ ފުލުހުންނަށް ހުށަހެޅީ މި މަހު 1ގަ އެވެ. މި މައްސަލައިގައި ތުހުމަތު ވަނީ، ފުލުހަކަށް ކަމަށް މިދިޔަ ހޮނިހިރު ދުވަހު ފުލުހުން ވަނީ ހާމަކޮށްފަ އެވެ. އަދި މިއަދު މައްސަލައާ ގުޅޭ އިތުރު އަޕްޑޭޓެއް ފުލުހުން ދިނެވެ.
ތަފްސީލު - ފުލުހުން މިއަދު މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ، މި މައްސަލައިގެ ތުހުމަތަށް އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނަކު މިދިޔަ އާދިއްތަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.
"އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ،" ފުލުހުން ބުންޏެވެ.
އޭގެ އިތުރުން ފުލުހުން ބުނީ، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މުސާރަ ނުލިބޭ ގޮތަށް އޭނާ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
ފާހަގަކޮށްލެވޭ ކަމެއް - މި މައްސަލައިގައި ފުލުހުން މިއަދު އެންމެ ފުރަތަމަ މައުލޫމާތު ދިން އިރު، ފޮނުވި މެސެޖްގައި މައްސަލައިގައި ހައްޔަރު ކުރި ކަމަށް ބުނެ މީހެއްގެ ނަން ވެސް ހިމަނާފައިވެ އެވެ. އޭނާގެ އުމުރު ކަމަށް ވެސް އޮތީ 49 އަހަރެވެ. ނަމަވެސް މާ ގިނަ އިރުތަކެއް ނުވެ ފުލުހުން އެ މެސެޖް ޑިލީޓް ކުރި އެވެ.
އޭގެ ފަހުން ފޮނުވި މެސެޖްގައި އެއްވެސް މީހެއްގެ ނަމެއް ނެތެވެ. އެ މީހާގެ ނަން އުނިކުރި ސަބަބާ ގުޅޭ ގޮތުން ފުލުހުންގެ ސީދާ ޖަވާބެއް އަދި ނުލިބެ އެވެ.
މީގެ ކުރިން މިފަދަ މައްސަލަތަކުގައި ކޯޓުން ބަންދުގެ މުއްދަތު ޖެހުމާ އެކު، ފުލުހުން އެމީހެއްގެ ވަނަވަރު ހާމަ ކުރެ އެވެ.
ކޮމެންޓް