އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ރާއްޖޭގެ އެކި ރަށްރަށަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ފައްޔާޒު އިސްމާއިލް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން. (ފޮޓޯ/ ހުސައިން ޝާފިއު)
އެހެން ޕާޓީތަކުގެ މީހުން ގާތްކޮށްގެން އުޅެނީ މަތިން އައިސިން ޖަހާލަން: ނަޝީދު
އިދިކޮޅު އެމްޑީޕީން ސަރުކާރާ ދެކޮޅަށް ކުރާ މަސައްކަތުގައި އެހެން ޕާޓީތަކާއި އެހެން މީހުން ގާތްކޮށްގެން އުޅެނީ މަތިން ޖަހާލާ އައިސިންއެއްގެ ގޮތުގައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މި ސަރުކާރާ ދެކޮޅަށް އެމްޑީޕީގެ ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން، އިދިކޮޅު ޕީއެންއެފް ލީޑުކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިހާރު ވަނީ މަސައްކަތްތަކެއް ފައްޓަވާފަ އެވެ. އެގޮތުން ސަރުކާރާއި ދެކޮޅު ސިޔާސީ ހަރަކާތްތަކާއި އިންތިހާބުތަކުގައި ތިން ލީޑަރުން އެކީގައި ދަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
އެމްޑީޕީއަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުވީ ވެސް، އޭރު އިދިކޮޅުގައި އޮތް އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އަދި އެމްއާރްއެމް ގުޅިގެން ހެދި ކޯލިޝަނަކުންނެވެ.
ސޯލިހު ވަނީ އެ މަނިކުފާނުގެ އެ ސަރުކާރު ކޯލިޝަނެއްގެ ގޮތުގައި ހިންގުން ރޭ ދިފާއުކުރައްވާފަ އެވެ.
އިތުރަށް ކިޔާލަން
ބުނީ ކީކޭ؟ - ސިޔާސީ ގޮތުން އެމްޑީޕީން އެހެން ޕާޓީތަކާ ގުޅޭ ގުޅުމަކީ، މަތިން ޖަހާލައި "އައިސިންއެއް"ގެ ގޮތުގައި ނަޝީދު ސިފަކުރެއްވީ، އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް މިހާރު ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގދ. ފަރެސްމާތޮޑާގެ އެމްޑީޕީ މެމްބަރުންނާ އެކު މިއަދު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
އެމްޑީޕީގެ ކުރީގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު ވިދާޅުވީ، ރާއްޖެއަށް ބަދަލެއް ގެންނަންޖެހޭކަމަކީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށާއި އެކަމަށްޓަކައި ފުރަތަމަ ކުރަންޖެހޭ ކަމަކީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި %100 ވޯޓު އެ މަނިކުފާނަށް ދެއްވުން ކަމަށެވެ. ކުރިއަށްހުރި ބަދަލުތައް ގެނައުމަށް ކުރަންޖެހޭ ކަންކަން ހިނގައިގަންނާނީ އޭރުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އިއްޔެ ބޭއްވި ހިތަދޫ އުތުރު ދާއިރާގެ މެންބަރުކަމުގެ ބައި-އިލެކްޝަންގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، އެ ކާމިޔާބީއާ އެކު ވިދިވިދިގެން ތިންފަހަރު ސަރުކާރު ބަލިކުރެވުނީ އެމްޑީޕީގެ ޖޯޝާއި ހިތްވަރުން ކަމަށެވެ.
އެ ކާމިޔާބީތައް ހޯދުމާއި ސަރުކާރު ބަލިކުރުން އެއީ އެހެން ޕާޓީތަކާ ގުޅިގެން ކުރެވިދާނެ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އެ ޖޯޝް، މި މޮމެންޓަމް ހިފަހައްޓަން އަޅުގަނޑުމެންގެ ރީދޫ ލަޝްކަރު ވަރަށް ވަރުގަދަވާންޖެހޭ. މި ސަރުކާރު ބަލިކުރުމަކީ މާ އުނދަގޫ ކަމަކަށް ނުވާނެ އަޅުގަނޑުމެންނަށް މި ހަރަކާތް މިގޮތަށް ކުރިއަށް ގެންދެވިއްޖެ ނަމަ. ނަމަވެސް އެއީ މިވެނި ބަޔަކާއި އެވެނި ބަޔަކާ ގުޅިލައިގެން، އަދާލަތު ޕާޓީގެ އެހީއެއް ހޯދާލައިގެން، ޖުމްހޫރީ ޕާޓީގެ މަދަދުވެރިކަން ހޯދާލައިގެން އަޅުގަނޑުމެންނަށް ކުރެވެން އޮތް ކަމެއް ކަމަށް އެއްގޮތަކަށް ވެސް ދެކިނުލައްވާތި،" ނަޝީދު ވިދާޅުވި އެވެ.
"މި ހުރިހާ ކަމެއް ކުރާ ހަގީގީ ބަޔަކީ މި ރީދޫ ލަޝްކަރު އެނގޭތޯ. ދެން އޭގެ މަތީގައި އައިސިން ޖަހާލަން ބައެއް ފަހަރަށް އެހެން މީހުން ގާތްކޮށްގެން އެބައުޅެން. ނަމަވެސް މި މައިގަނޑު މަސައްކަތް ހިންގަން މިޖެހެނީ މި އެމްޑީޕީ."
އެ ރޫހު ނެރެވޭނީ ފަރެސްމާތޮޑާއިން ކަމަށާއި ރާއްޖެ ބަދަލުކުރުމުގައި ފަރެސްމާތޮޑާގެ ދައުރު އެއްވެސް މީހަކަށް މާޒީއަށް ބަލާއިރު އޮޅިފައި ނޯންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. ދިވެހިން ފަހަތަށް ޖައްސާފައި ދެން ނުބޭއްތިއްބޭނެކަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އެންމެ ބޮޑަށް ސާފުވެގެންދިޔަ ފަސްގަނޑަކީ ވެސް ފަރެސްމާތޮޑާގެ ފަސްގަނޑު ކަމަށް ނަޝީދު ވިދާޅުވި އެވެ.
"2005 އަަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް މި ރަށުގައި ހިންގުނުހާ ހަރަކާތް އެއީ ދިވެހިން ސިއްސައިގެންދިޔަ ހަރަކާތްތަކެއް. ރައީސް މައުމޫން އާއި ސްޓާފޯސް ފަހަތަށް ޖެހުނީ ތިބޭފުޅުންގެ ހިތްވަރުން. ތިބޭފުޅުން ނިކުންނަވަންޖެހޭނީ އަނެއްކާވެސް. މިއަދު މިރަށުގެ ޒުވާނުންނަށް ކިޔައިދެއްވާ އެ ދުވަހު ތިބޭފުޅުން ކުރެއްވި ކަންތައް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ، މި ސަރުކާރު ބަލިކަށިކުރުމަށް، އެމްޑީޕީ ދޫކޮށްދިޔަ ހުރިހާ ފަރެސްމާތޮޑާގެ ރައްޔިތުން އަލުން ޕާޓީއާ ގުޅި، ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ކުރިވަރުގެ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.
"މިތަނުގައި ނުވާ ކަމެއް އެހެން ތަނެއްގައި ނުވާނެ. އެހެންވީމާ މިތަނުގައި އަޑުވެސް ގަދަވާންޖެހޭ، ކުލަވެސް ގަދަވާންޖެހޭ، ހަރަކާތްވެސް އިތުރުވާންޖެހޭ. އަޅުގަނޑަށް ޔަގީން އަޅުގަނޑު މިވަރަކުން އަދި ހުއްޓައެއް ނުލާނަން. މިރަށަށް އަޅުގަނޑު ތަކުރާރުކޮށް އަންނާނަން،" ނަޝީދު ވިދާޅުވި އެވެ.
"މިރަށުގައި މި މަސައްކަތް ކުރެވޭނީ. ރާއްޖެ ބަދަލުކުރުމުގައި ތިބޭފުޅުންގެ ހިއްސާ ވަރަށް ބޮޑުވާންޖެހޭ. އަޅުގަނޑުމެންގެ ލޮލަށް ކަނޑައެޅިގެން ފެންނާން އޮތް ކަމެއް މިއީ. ކުރީގައި ވެސް ރާއްޖެ ބަދަލުވެގެންދިޔަ ގޮތް. އެކަން ވެގެންދިޔައީ ތަކުރާރުކޮށް ދަންނަވާނަން ތިބޭފުޅުންނާ އެކު."
ކޮމެންޓް