އެމްއެންޑީއެފް، ފުލުހުން އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން ގްރޭޓާ މާލެ ސަރަހައްދުގައި ބޭއްވި 'އީދު ހަވީރު' ހަރަކާތްތައް. (ފޮޓޯ/އެމްއެންޑީއެފް)
އީދު ހަރަކާތްތަކަށް އިސްލާމިކް މިނިސްޓްރީން ޕްލޭނެއް ހަދަނީ
އަންނަ އަހަރުން ފެށިގެން އީދު ދުވަސްތައް ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ހާއްސަ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.
ވީ ކިހިނެއް؟ - މިނިސްޓްރީން މިފަދަ ޕްލޭނެއް ހަދާ ވާހަކަ އިއުލާންކޮށްފައި މި ވަނީ، ކުޅުދުއްފުށީގައި މިފަހަރުގެ ބޮޑު އީދުގައި ބޭއްވި ޕެރޭޑްއާ ގުޅިގެން، ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކޮށްފައި ވަނިކޮށެވެ.
ތަފްސީލު - މިނިސްޓްރީގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ:
-
އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ފިތުރު އީދާއި އަޟްހާ އީދު މާލެ އާއި އަތޮޅުތަކުގައި ފާހަގަކުރުމާ ބެހޭ ގޮތުން އިސްލާމިކް މިނިސްޓްރީން ހާއްސަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ވަނީ ފަށާފައި
-
އެ ޕްލޭން އެކުލަވާލުމަށް މިނިސްޓްެރީގެ ހާއްސަ ކޮމިޓީއެއް މިހާރު ވަނީ ނަގާފައި
"މި ޕްލޭންގެ ދަށުން ކައުންސިލްތަކާ އެކު މަޝްވަރާކޮށްގެން އަތޮޅުތަކުގައި ހަރަކާތްތެރިވާ އިސްލާމީ ހިދުމަތް ދޭ މަދަނީ ޖަމިއްޔާތައް ބައިވެރިކޮށްގެން ކުރިއަށް ގެންދާ ގޮތަށް ޕްލޭންގައި ހިމެނިގެންދާނެ،" މިނިސްޓްރީން ބުންޏެވެ.
"އަދި ވަކިން ހާއްސަކޮށް ސިޓީތަކުގައި އީދު ފާހަގަކުރުމުގައި މުހިންމު އިވެންޓްތަކެއް ވެސް ކުރިއަށް ގެންދެވޭނެ. މިކަމަށްޓަކައި ސަގާފަތާ ބެހޭ ވުޒާރާއާ ވެސް ގުޅިގެން މަސައްކަތްކުރާނެ."
މިނިސްޓްރީން އިތުރަށް ބުނި ގޮތުގައި ޕްލޭނެއް އެެކުލަވާލުމަކީ އީދު ފާހަގަކުރުމަށް ގަވައިދުތައް ހެދުމެއް ނޫނެވެ. އެ ޕްލޭނަކީ، ކައުލްސިލްތަކާއި ޖަމިއްޔާތަކާ ގުޅިގެން އީދު ދުވަހުގެ މުނާސަބަތުގައި ހިންގާނެ ހަރަކާތްތަކެއްގެ ވާހަކަ" ކަމަށެވެ.
ކޮމެންޓް