ކުޅުދުއްފުށި 'މަށި މާލި ޕެރޭޑު' 2026. (ފޮޓޯ/ ސޯޝަލް މީޑިއާ)

ހދ. ކުޅުދުއްފުށި

މަށި މާލި ޕެރޭޑުން ކޯލް ލޮގު، 'ވަޑިފަތި ޖޯލި' އަދި އާސެނަލްގެ 'ތެލި'

ކޮންމެ އަހަރަކު ވެސް ބޮޑު އީދަށް ހދ. ކުޅުދުއްފުށިން ބާއްވާ މަށި މާލި ޕެރޭޑަކީ ގިނަ ބަޔަކު އިންތިޒާރު ކުރާ ހަރަކާތެއް. މި ޕެރޭޑާ އެކު ކުޅުދުއްފުށި ބަދަލުވަނީ ސިޔާސީ މަލާމާތާއި އިޖުތިމާއީ މައްސަލަތައް ހުށަހަޅައިދޭ ސްޓޭޖަކަށް

ކޮންމެ އަހަރަކު ވެސް ބޮޑު އީދަށް ހދ. ކުޅުދުއްފުށި ބަދަލުވަނީ ސިޔާސީ ސަމާސާ އާއި އިޖުތިމާއީ މައްސަލަތައް ހުށަހަޅައިދޭ ސްޓޭޖަކަށެވެ. އެ ދުވަސްވަރެއްގައި އެންމެ ގަދައަށް ތުންތުންމަތިން ދެކެވޭ ވާހަކަތަކާއި އާންމުންގެ ޝުއޫރުތައް ހިފައިގެން އެ ރަށުގެ މަގުތަކަށް ނުކުންނަ 'މަށި މާލި ޕެރޭޑު' އަދި އެކި ފާޑުފާޑުގެ ފުޅަނދުތަކެވެ. މައާފެއް ނެތި، ކަން އޮތް ގޮތަށް، އެއްވެސް ފިލްޓަރަކާ ނުލަ އެވެ.

މި ފޯރިގަދަ ޕެރޭޑު ހަމަލޮލަށް ބަލައިލާނެ ފުރުސަތު ނުލިބުނު ނަމަވެސް، ރަށު ތެރެއިން ނުކުތް މާލިތައް ޕެރޭޑު ޖަހާލާފައި ގޮސް މުޅި ސޯޝަލް މީޑިއާ ވެސް ފުރާލައިފި އެވެ.

މިފަހަރުގެ މާލި ޕެރޭޑުން ފެނުނު ހުރިހާ ކަމެއް ސިފަކޮށްދިނުމަކީ ދަތި ކަމެއް ނަމަވެސް ވައިރަލްވި ބައެއް ކަންތައްތަކަށް ބަލައިލާއިރު، ފުރަތަމަ އޮތީ މިދިޔަ ރޯދަމަހު ސަރުކާރުން ގޭބިސީތަކަށް ހިލޭ ބެހި މަސްދަޅުތަކެވެ. މި ޕެރޭޑުން އެ މަސްދަޅަށް ޖާގަ ލިބުނީ 'ކަރަންޓު ރަހަ ލާ މަސްދަޅު'ގެ ގޮތުގަ އެވެ.

ކުޅުދުއްފުށި 'މަށި މާލި ޕެރޭޑު' 2026. (ފޮޓޯ/ ސޯޝަލް މީޑިއާ)

ސިޔާސީ ފުޅަނދުތަކުގެ ތެރެއިން 'އެމަންޖެ ފޯނު' ކިޔާ ފުޅަނދެއްގައި ދައްކުވައިދެނީ ދެ ލޯބިވެރިއެއްގެ ދެމެދުގައި ބަދަލުކޮށްފައިވާ ކަމަށް ދައްކުވައިދޭ ކޯލް ލޮގެކެވެ. މި ކޯލް ލޮގުގައި 'ދަރި ނިދިތޯ ބަލަން' އަދި 'މިރޭ އާދެވޭތޯ ބަލަން' ފަދަ، އެކި ކަންކަމުގައި ގުޅި ގަޑިތަކެއް ދައްކުވައިދެ އެވެ. ހަމަ މި ފުޅަނދާ ގުޅުވައި، 'ދަންވަރު ގުޅާ ސޮރު' ނަމަކަށް ކިޔާ މާލިތަކެއް ވެސް އެ ހަރަކާތުން ވަނީ ފެނިފަ އެވެ.

ކުޅުދުއްފުށި 'މަށި މާލި ޕެރޭޑު' 2026. (ފޮޓޯ/ ސޯޝަލް މީޑިއާ)
ކުޅުދުއްފުށި 'މަށި މާލި ޕެރޭޑު' 2026. (ފޮޓޯ/އައިވޯލް ޕޯޓްރެއިޓް)
ކުޅުދުއްފުށި 'މަށި މާލި ޕެރޭޑު' 2026. (ފޮޓޯ/އައިވޯލް ޕޯޓްރެއިޓް)

އޭގެ އިތުރުން ފަރުނީޗަރުގެ ބައެއް ބާވަތްތައް، އިށީނުން ފިޔަވައި އެހެން ކަންކަމުގައި ބޭނުންކުރުމަކީ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފުވާ ފަދަ ކަމެއްގެ ގޮތުގައި މި ދުވަސްވަރު ކަނޑައަޅާފައި އޮންނާތީ އެ ފަރުނީޗަރާ ގުޅޭ މެސެޖު އިއްވައިދިނީ ޖޯއްޔަކުންނެވެ. މެސެޖު ސާފު ކޮށްދިނުމުގެ މަގްސަދުގައި ޖޯލި ހަދާފައިވަނީ އެ ފަރުނީޗަރުގެ ބައްޓަމަށެވެ. މި ފުޅަނދުގެ ނަމަކީ 'ވަޑިފަތި ޖޯލި' އެވެ.

ކުޅުދުއްފުށި 'މަށި މާލި ޕެރޭޑު' 2026. (ފޮޓޯ/ ސޯޝަލް މީޑިއާ)

މިފަހަރުގެ މަށި މާލި ޕެރޭޑުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު)އަށް ވެސް ވަނީ ޖާގައެއް ލިބިވަޑައިގެންފަ އެވެ. އޭނާއަށް ހާއްސަ ފުޅަނދުގައި ޖަހާފައިވަނީ، އޭނާ މީގެ ކުރިން ޓީވީއަކަށް ދިން އިންޓަވިއުއެއްގައި ވިދާޅުވި ގޮތަށް، 'އާދޭ ޒުވާބުކޮށްލަން' އެވެ.

ކުޅުދުއްފުށި 'މަށި މާލި ޕެރޭޑު' 2026. (ފޮޓޯ/އައިވޯލް ޕޯޓްރެއިޓް)

ކޮންމެ އަހަރަކު ވެސް ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކާއި ސިޔާސަތުތަކަށް މަށި މާލި ޕެރޭޑުގައި ފާޑުކިޔާފައި ހުރެ އެވެ. މިފަހަރުގެ ޕެރޭޑުގައި ވެސް 'ތަރައްގީ ފަކީޜާ'، 'ފިނި ކްލާސްރޫމް' އަދި 'ހައްގު މިންވަރު ފަސް ކިލޯ' ފަދަ ފުޅަނދުތަކުން އެކަން ކޮށްފައިވެ އެވެ. ލޮލަށް ފެންނަން ނެތް ކުޅުދުއްފުށި އެއާޕޯޓުގެ 'ބޮޑު ޓާމިނަލް' ވެސް ފެނުނީ މި ޕެރޭޑުންނެވެ.

  • ކުޅުދުއްފުށި 'މަށި މާލި ޕެރޭޑު' 2026. (ފޮޓޯ/އައިވޯލް ޕޯޓްރެއިޓް)
  • ކުޅުދުއްފުށި 'މަށި މާލި ޕެރޭޑު' 2026. (ފޮޓޯ/އައިވޯލް ޕޯޓްރެއިޓް)
  • ކުޅުދުއްފުށި 'މަށި މާލި ޕެރޭޑު' 2026. (ފޮޓޯ/އައިވޯލް ޕޯޓްރެއިޓް)

އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ނުލިބި، 22 އަހަރު ކަރުނަ އެޅި އާސެނަލް ސަޕޯޓަރުންގެ ހައްގުގައި ވެސް މިފަހަރު ފުޅަނދެއް ތައްޔާރުކޮށްފައިވެ އެވެ. ދިގު އިންތިޒާރަކަށް ފަހު ނިމުނު ސީޒަންގައި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން އާސެނަލްއަށް ލިބުނުއިރު، މަށި މާލި ޕެރޭޑުގައި އާސެނަލްގެ ޖޯޒީ ލައިގެން ތިބި ދެ މީހަކު ވަނީ ތަށީގެ ބަދަލުގައި ބޮލަށް ދޮލަނގެއް ޖަހައިގެން އެކަން ފާހަގަކޮށްފަ އެވެ.

ކުޅުދުއްފުށި 'މަށި މާލި ޕެރޭޑު' 2026. (ފޮޓޯ/އައިވޯލް ޕޯޓްރެއިޓް)

މީހުންގެ ސަމާލުކަމާ އެއްވަރަށް ފާޑުކިޔުން ވެސް އަމާޒުވާ މި ޕެރޭޑުން ފެންނަ ބައެއް ކަންތައްތަކަކީ، ބައެއް މީހުން ދެކޭ ގޮތުގައި އާންމު އިޖުތިމާއީ މިންގަނޑުގެ ނާޒުކު ރޮނގު ހުރަސްކުރާ ހަރަކާތެކެވެ. އެހެންވެ ފާޑުކިޔުންތަކަށް ތައްޔާރުވުމުގެ ގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލުން މިފަހަރު އޮތީ ދުރާލާ އެންގުމެއް ވެސް އަންގާފަ އެވެ.

މަށި މާލި ޕެރޭޑުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައި، ކައުންސިލުން ކުރި އިއުލާނުގައި ސަމާލުކަން ދޭން ޖެހޭ ކަންތައްތަކެއް ވަނީ ފާހަގަކޮށްފަ އެވެ. އެއީ:

  • އާއްމު އިޖްތިމާއީ މިންގަނޑަށް ފެތޭ ގޮތަށް މާލިތައް ބެހެއްޓުން

  • އިސްލާމް ދީނާ ފުށުނާރާގޮތަށް މާލިތައް ހެދުން

  • މީހުންގެ ފޮޓޯ އާއި ނަން ބޭނުންކުރުމަކީ މަނާ ކަމެއް

ނަމަވެސް މިއަދު އަރައިގެން އައި މާލިތަކާއި ދުއްވާފައި ދިޔަ ފުޅަނދުތަކަށް ބަލާއިރު، އެކަމާ އުޅުނު މީހުން އެ އިއުލާން ކިޔާލިތޯ ނުވަތަ ފެނުނުތޯ ސުވާލު އުފެދެ އެވެ.

ކޮމެންޓް (4)

ފުރައްސާރަފުށި

29 މޭ 2026
ޅަދަރިންވެސް ތިޔަބެލިތަ؟
0 0

ޖޭމުގޭ އަހައްމާދީ

29 މޭ 2026
ކޮން ދެ ލޯބިވެރިންނެއްބާ އެއީ؟
0 0

ބޮލުރޮދި

28 މޭ 2026
އާންމު އިޖްތިމާއީ މިންގަނޑަށް ފެތެނީ އަންހެން ކުދިން ނެރެގެން ވަނާތަށް ތަޅޫވާ ނެށުން ނެށީމަ. އެއޮތީ ފެތިފަ
4 1

ތެފައާސާ.

28 މޭ 2026
ދެ ލޯބިވެރިއެއްގެ ދެމެދުގައި ބަދަލުކޮށްފައިވާ ކަމަށް ދައްކުވައިދޭ ކޯލް ލޮގެކޯ؟؟؟ ހަހަހަހަހަހަހަހަހަހާ.
8 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް