އެމްޓީސީސީން ބޭނުންކުރާ މާލޭ ޓެކްސް ލައިންގެ ކާރެއް: އެ ހިދުމަތުގައި ބޭނުންކުރަން އެޕްލިކޭޝަން ހެދިއިރު ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް ވަނީ އަމާޒުވެފައި. (ފޮޓޯ/އެމްޓީސީސީ)
13 މިލިއަން ރުފިޔާގެ ހިޔާނާތުގެ ތުހުމަތު އޮއްވާ އެމްޓީސީސީ ޓެކްސީ އެޕް ލޯންޗުކޮށްފި
ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށް ސަރުކާރުގެ ޓެކްސީ ލައިނުގެ ހިދުމަތް ދިނުމަށް އެމްޓީސީސީން އުފެއްދި އެޕްލިކޭޝަން ލޯންޗުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެމްޓީސީސީއާ ހަވާލުކޮށްގެން ސަރުކާރުން ޓެކްސީގެ ހިދުމަތް ފެށީ 2 އޭޕްރީލްގަ އެވެ. އެންމެ ފުރަތަމަ އެ ހިދުމަތް ހޯދަން ޖެހުނީ ހޮޓްލައިނަކަށް ގުޅައިގެންނެވެ. އަދި އޭގެ ފަހުން ވެބް ޕޯޓަލެއް މެދުވެރިކޮށް ކާރު ބުކް ކުރެވޭނެ އިންތިޒާމު ހަމަޖެއްސި އެވެ.
ބުނީ ކީކޭ؟ - އެމްޓީސީސީން މިއަދު ބުނީ އާ ޓެކްސީ އެޕްލިކޭޝަން އެޕަލްގެ އެޕް ސްޓޯރުން މިހާރު ޑައުންލޯޑު ކުރެވޭނެ ކަމަށެވެ.
އެންޑްރޮއިޑް ފޯނު ބޭނުންކުރާ މީހުންނަށް ގޫގްލް ޕްލޭ މެދުވެރިކޮށް ވަރަށް އަވަހަށް ޑައުންލޯޑު ކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އެހެންކަމުން މި މުއްދަތުގައި އެންޑްރޮއިޑް ފޯނު ބޭނުންކުރާ މީހުންނަށް ޓެކްސީ ބުކް ކުރެވޭނީ އެމްޓީއެލް ވެބްއެޕް އާއި ހޮޓްލައިން ނަންބަރު 1655 މެދުވެރިކޮށެވެ.
މާލެ ޓެކްސީ ލައިން އެޕް
މި އެޕްލިކޭޝަންގައި ފައިސާ ދެއްކޭނެ ތިން ގޮތެއް ދީފައިވެ އެވެ. އެއީ:
-
އެޕްލިކޭޝަންގައި ހިމެނޭ 'އިން - އެޕް ވޮލެޓު' - ބޭންކް އެކައުންޓަކުން މި ވޮލެޓަށް ފައިސާ ޖަމާކުރުމަށްފަހު ޓެކްސީ ހިދުމަތް ހޯދަން ބޭނުން ކުރެވޭނެ
-
ކާޑު - ކާޑުން ފައިސާ ދައްކާ ނަމަ، ދަތުރު ފެށުމުގެ ކުރިން ފައިސާ ދައްކަންޖެހޭ
-
ސްކޭން ޓު ޕޭ - ދަތުރު ނިންމާލުމަށްފަހު ފައިސާ ދެއްކުމުގެ އިހުތިޔާރު ލިބެނީ މި އޮޕްޝަނުން
ޓެކްސީ ލައިން އެޕްގެ އިތުރު ފީޗާތަކުގެ ތެރޭގައި ދުރާލައި (ގިނަވެގެން 3 ގަޑިއިރު ކުރިން) ޓެކްސީއެއް ބުކް ކުރުން، ދަތުރުމަތީގައި އެއްވެސް ނުރައްކަލެއް އިހުސާސްވާ ނަމަ އެކަން އަންގަން ބޭނުންކުރެވޭ އެސްއޯއެސް އެމަޖެންސީ ފީޗާ، މެސެޖު ނުވަތަ ގުޅައިގެން ޑްރައިވަރާ މުއަމާލާތު ކުރުން، ދަތުރު ނިމުމުން ކަސްޓަމަރުންގެ ހިޔާލު ހިއްސާކުރުން އަދި ކުރިން ކޮށްފައިވާ ދަތުރުތަކާއި ޝެޑިއުލް ކުރާ ދަތުރުތައް ބަލައިލުން ފަދަ، ޓެކްސީ އެޕްލިކޭޝަންތަކުން އާންމުކޮށް ފެންނަ ފީޗާތައް ހިމެނެ އެވެ.
އެނގުން މުހިއްމު - ޓެކްސީ ހިދުމަތް ފެށުމުގެ ކުރިން، އެ ހިދުމަތް ދިނުމަށް އެޕްލިކޭޝަނެއް ތައްޔާރު ކުރުމަށް 13 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލު ކުރި ކަމަށާއި އެ މުއާމަލާތް ކުރިއަށް ގެންދިޔައީ ވާދަވެރި ބީލަމަކަށް ނުގޮސް ހިޔާނާތަށް މަގުފަހިވާ ގޮތަށް ކަމަށް ތުހުމަތުތައް ކޮށްފައިވެ އެވެ. ނަމަވެސް މި ތުހުމަތުތަކާ ގުޅޭ ގޮތުން އެމްޓީސީސީން އެއްވެސް އެއްޗެއް ނުބުނެ އެވެ.
އެކަމުގެ މައުލޫމާތު ލިބިފައިވޭތޯ ރައީސް މުހައްމަދު މުއިއްޒުއާ މީގެ ކުރިން ސުވާލުކުރުމުން ރައިސް ވަނީ 'މާލެ ޓެކްސީ' އެޕްލިކޭޝަން އުފެއްދުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ކުރެވޭ ތުހުމަތުތަކުގެ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.
ކޮމެންޓް (5)
ބަނޑޭ
ސިކުނޑި
ސިކުނޑި
ތެފައާސާ.
މީއަން