ސަރުކާރުގެ ޓެކްސީ ލައިން ހިދުމަތަށް ގެނެސްފައިވާ ކާރުތައް (ފޮޓޯ/ އެމްޓީސީސީ)

ޓެކްސީ

މާލެ ޓެކްސީ އެޕް ހިޔާނާތުގެ މައްސަލަ ބަލަން މަޖިލީހަށް

ވާދަވެރި ބީލަމަށް ފުރުސަތު ނުދީ، 13 މިލިއަން ރުފިޔާގެ އަގަކަށް ތަޖުރިބާ ދަށް ކުންފުންޏަކަށް ދިން މައްސަލައެއް ވަނީ ފެންމަތިވެފައި

ލޯކަލް ކައުންސިލް އިންތިހާބަށް 72 ގަޑިއިރަށް ވެފައި އޮއްވާ އެމްޓީސީސީއިން ކުލަ ގަދަ ރަސްމިއްޔާތެއްގައި ނެރުނު 'މާލެ ޓެކްސީ' އެޕްލިކޭޝަން އުފެއްދުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ހަގީގަތް ބަލަން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އެނގުން މުހިންމު - ވާދަވެރި ބީލަމަށް ފުރުސަތު ނުދީ، މާލެ ޓެކްސީ އެޕް ހަދަން ދިނީ އެވަރުގެ އެޕެއް ހަދަން ދާ ހަރަދަށް ވުރެ އެތައް ގުނަ ބޮޑުކޮށް، 13 މިލިއަން ރުފިޔާގެ އަގަކަށެވެ.

ވީ ކިހިނެއް؟ - މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއިން އެ މައްސަލަ ބަލައި، ބައެއް ސުވާލުތަކަށް ޖަވާބު ހޯދަން އެދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ވަނީ މަޖިލީހުގެ ރައީސަށް މިއަދު ސިޓީއެއް ފޮނުއްވާފަ އެވެ.

ތަފްސީލު - އެ ސިޓީގައި މެމްބަރު މުހައްމަދު އިބްރާހިމް ފާހަގަކުރެއްވި މައިގަނޑު ސުވާލުތަކަކީ:

  • 1-

    ދައުވަތު ދެވުނު ފަރާތްތަކަށް އެކަނި ބީލަން ހުޅުވާލި ކީއްވެގެންތޯ އާއި އެއީ ކޮން ކުންފުނިތަކެއް ކަމާއި އެ ކުންފުނިތައް ހޮވުމުގައި ބެލި މިންގަނޑުތައް

  • 2-

    ބީލަމުގައި ބައިވެރިވި ކުންފުނިތައް ހޮވުމުގައި އިސްކަންދިން ޝަރުތުތައް ނުވަތަ ގާބިލިއްޔަތުގެ މިންގަނޑަކީ ކޮބައިކަން

  • 3-

    މަސައްކަތް ހަވާލުކުރި ކުންފުންޏަކީ އެފަދަ މަސައްކަތެއް ކުރިން ކޮށްފައިވާ ފަރާތެއްތޯ އަދި އެފަދަ ލިޔެކިޔުމެއް އޮތް ނަމަ، އެ ލިޔުން މަޖިލީހާ ހިއްސާކުރަން

  • 4-

    އެ މަސައްކަތް އެމްޓީސީސީގެ އައިޓީ ޑިޕާޓްމަންޓާ އެއްވެސް މިންވަރަކަށް ހިއްސާކޮށްފައިވޭތޯ އަދި ވާ ނަމަ، އެއީ ކޮން ގޮތަކަށްކަން

  • 5-

    ކުންފުންޏަށް ހަރުމުދާ ގަތުމުގައި އަމަލުކުރަން ޖެހޭ ގޮތްތައް ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށް، އަދާހަމަކޮށްފައި އޮންނައިރު، މިކަމުގައި އެ ޕޮލިސީތަކުގައި ބަޔާންކުރާ އިޖުރާއަތްތައް ފުރިހަމަކޮށްފައިވާ ނަމަ އެކަމުގެ ތަފްސީލު

  • 6-

    ޓެންޑާ އުސޫލުން ގަންނަ މުދަލުގެ ޕްރޮޕޯސަލްތައް އިވެލުއޭޓުކުރަން ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީ ބުނާގޮތުން އޮނިހިރި މެމްބަރުނންގެ ޓެންޑާ އިވެލުއޭޝަން ކޮމިޓީއެއް އެކުލަވައިލަން ޖެހޭ؛ ނަމަވެސް މި ކަމުގައި އިވެލުއޭޝަން ހެދީ ބަޔާންކުރާ ކޮމިޓީއިން ނޫން ކަމަށް މައުލޫމާތު ލިބިފައިވާތީ، ޕޮލިސީއިން ބޭރުން އެކުލަވާލި ކޮމިޓީއަކީ ކުންފުނީގެ ކޮން ބޭފުޅަކު ހުއްދަ ދީގެން އެކުލަވާލި ކޮމިޓީއެއްކަން ސާފުކުރުން

އެ ނޫނަސް އެ މުއާމަލާތާ ގުޅޭ އެކިއެކި ލިޔެކިޔުންތަކާއި ކިތާބީ ހެކި މަޖިލީހާ ހިއްސާކުރުމަށް އެ ސިޓީގައި އެދިފައިވެ އެވެ.

"އެމްޓީސީސީއަކީ ސަރުކާރުގެ ކުންފުންޏަކަށް ވެފައި، މި ޒަމާނުގައި ޓެކްނޮލޮޖީގެ އެހީގައި މިފަދަ މަސައްކަތެއް ކުރުމަށް އެތައް މިލިއަން ރުފިޔާއެއް ހަރަދު ކުރެވުމަކީ އެކަމުގައި އަޅުގަނޑުގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމުން މި މައްސަލަ ވީ އެންމެ އަވަސް މުއްދަތެއްގައި ބައްލަވާދެއްވުން އެދި ދެންނެވީމެވެ،" އެ ސިޓީ ނިންމާލަމުން މެމްބަރު މުހައްމަދު އިބްރާހިމް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް (1)

ސިކުނޑި

7 އޭޕްރީލު 2026
ކުޑޫއަށް ދަންނަވަން ހެކި ހޯދައިގެން ތިކަމެއް ނުވާނެ! ހާޒިރުކޮށްފަ ހޫނު ގޮނޑިއަށް ލީމާ ތެދަށް ބުނާނެ ދޮގެއް ހަދައިފިއްޔާ ސާބިތުކޮށްދޭން ޖެހޭނެ! ނުކޮށްދެވިއްޖިއްޔާ މައްސަލަ ބަލަން ފޮނުވަންވީ! މަޖިލީހުން ކުރަންވީ ކަމަކީ ޖަވާބުދާރީ ކުރުވުން! ޖަވާބުދާރީ ނުވެވޭކަންކަން ބަލަން ކަމާބެހޭ ފަރާތްތަކަށް ފޮނުވަންވީ! މައްސަލަ ބަލައި ފިޔަވަޅުއެޅޭނީ މަޖިލީހުން ރުހުންދީގެން އައްޔަންކުރާ މީހުންނަށް!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް