އެމްޓީސީސީން ބޭނުންކުރާ މާލޭ ޓެކްސް ލައިންގެ ކާރެއް (ފޮޓޯ/އެމްޓީސީސީ)

ޓެކްސީ އެޕްގެ ހިޔާނާތުގެ ތުހުމަތު: ރައީސް ވިދާޅުވީ އެނގިވަަޑައިނުގަންނަވާ ކަމަށް

ރައީސް ވިދާޅުވީ އެ މަނިކުފާނަށް މައުލޫމާތު ލިބިވަޑައިގަތީ އެޕް ރަނގަޅަށް މަސައްކަތް ނުކުރާ ކަމުގެ މައްސަލަތަކެއް ކަމަށް؛ އެހެން އެޕެއް ހެދުމުގެ މަސައްކަތް ކުރާކަން ވެސް އެނގިފައިވާ ކަމަށް ވިދާޅުވި

ލޯކަލް ކައުންސިލް އިންތިހާބަށް 72 ގަޑިއިރަށް ވެފައި އޮއްވާ އެމްޓީސީސީން ކުލަ ގަދަ ރަސްމިއްޔާތެއްގައި ނެރުނު 'މާލެ ޓެކްސީ' އެޕްލިކޭޝަން އުފެއްދުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ކުރެވޭ ތުހުމަތުތަކުގެ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޓެކްސީ އެޕުގައި ހިޔާނާތުގެ އަމަލުތަކެއްވާ ކަމަށް ތުހުމަތުކުރެވެނީ، ވާދަވެރި ބީލަމަށް ފުރުސަތު ނުދީ، އެވަރުގެ އެޕެއް ހަދަން ދާ ހަރަދަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް، 13 މިލިއަން ރުފިޔާގެ އަގަކަށް އެ އެޕް ހަދަން ދީފައިވާތީ އެވެ.

ބުނީ ކީކޭ؟ - މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ރައީސް ވިދާޅުވީ، އެފަދަ އެއްވެސް ކަމެއް އެ މަނިކުފާނާ ހަމައަށް އައިސްފައިނުވާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުން:

  • އެ މަނިކުފާނަށް މައުލޫމާތު ލިބިވަޑައިގަތީ، އެޕް ރަނގަޅަށް މަސައްކަތް ނުކުރާ ކަމަށް ނުވަތަ އޭގައި ގިނަ މައްސަލަތަކެއް ހުރި ކަމަށް

  • އެ ކަންކަން މިހާރަށް ވުރެ ރަނގަޅަށް ކުރިއަށް ގެންދިއުމަށާއި ނުރަނގަޅަށް ކަމެއް ހިނގާ ކަމަށް ވަންޏާ ފިޔަވަޅު އަޅަން ޓްރާންސްޕޯޓު މިނިސްޓްރީއަށް އަންގާފައިވާނެ

  • އެކަމަކު ގާނޫނާ ހިލާފަށް، ނުފޫޒުގައި އުސޫލުން ބޭރުން ކަމެއް ކުރަން ފުރުސަތެއް ނުދޭނަން

  • އެޕް ހެދުން ލަސްވެގެން ނުވަތަ އެހެން ވެސް މައްސަލައެއް ދިމާވެގެން ހިދުމަތް ދިނުމަށް ބުރުއެރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން؛ އެކަން ރަނގަޅުކުރަން ފިޔަވަޅުތައް އަޅަން އަންގާފައިވާނެ

"ދެން މިހާރު ސީދާ އެޕެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަން ވެސް ނުރަސްމީކޮށް އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތީ. އެހެންވީމާ އަޅުގަނޑުމެން ބަލާނަން ވީހާ ވެސް އަވަހަކަށް މިކަން ރަނގަޅު މަގުން ކުރިއަށް ގެންދެވޭތޯ. ގައިމު ވެސް އެއްވެސް ގަވާއިދާ ހިލާފަށް ނުފޫޒުން ކަމެއް ކުރުމުގެ ފުރުސަތެއް އަޅުގަނޑުމެން ނުދޭނަން،" ރައީސް ވިދާޅުވި އެވެ.

ހިޔާނުތުގެ އެއްވެސް ކަމެއް އެ އެޕްގެ މުއާމަލާތުގައި ހިނގާފައި އޮތްކަން މިހާތަނަށް ފާހަގަކުރެވިފައިވޭތޯ ދެވަނަ ފަހަރަށް ސުވާލުކުރުމުން ވެސް ރައީސް ވިދާޅުވީ އެފަދަ ކަމެއް އެ މަނިކުފާނާ ހަމައަށް އައިސްފައިނުވާ ކަމަށެވެ.

"[ޓެކްސީ އެޕްގެ ހިޔާނާތާ ގުޅޭ މައްސަލައެއް] އަޅުގަނޑާ ހަމައަކަށް ނާދޭ،" ރައީސް ވިދާޅުވި އެވެ.

އެނގުން މުހިންމު - އެ މުއާމަލާތަކީ ނިމިދިޔަ އިންތިހާބުގައި ސަރުކާރު ޕާޓީ، ޕީއެންސީގެ ކެމްޕޭނަށް ފައިސާ ހޯދުމަށް ހިންގި މުއާމަލާތެއް ކަމުގެ ތުހުމަތު ވެސް ކުރެވެ އެވެ. އަދި މި މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ވެސް މިހާރު ވަނީ ހުށަހަޅާފަ އެވެ.

ހިޔާނާތުގެ ތުހުމަތުތައް ކުރެވޭ އިތުރު ސަބަބުތަކަކީ:

  • ރާއްޖޭގެ ބޮޑެތި ޓެކް ކުންފުނިތަކަށް ފުރުސަތުނުދީ، މި ޕްރޮޖެކްޓްގެ ބިޑް ހުޅުވާލާފައިވަނީ ހަމައެކަނި "ދައުވަތު ދެވުނު ސަޕްލަޔަރުންނަށް" އެކަނި ކަމުގައިވުން

  • އެޕް ހަދަން ހަވާލުކުރި 'ފިކްސްޑް މޯލްޑިވްސް'އަކީ އެޕް އަދި ވެބް ޑިވެލޮޕްމަންޓްގެ އެއްވެސް ތަޖުރިބާއެއް ނެތް ކުންފުންޏަކަށްވާތީ

  • އެމްޓީސީސީގައި މި ޓެންޑަރުގެ މަސައްކަތް ކުރިއަށް ގެންދިޔަ ކުންފުނީގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓްގެ އިސްވެރިއެއް ކަމަށްވާ، ޖެނެރަލް މެނޭޖަރު އަބްދުﷲ ފާރިޝް ހުސައިންގެ ތިމާގެ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކަށް މި މަސައްކަތް ދީފައިވާތީ

ކޮމެންޓް (3)

ސިކުނޑި

20 އޭޕްރީލު 2026
ރައީސަށް ވަރަށް ހަރުއަޑުން ދަންނަވަން! ނޭނގެއޭ ބުނެ ޒިންމާއިން ރެކޭ ރެކިފުތަކަށް ވެގެންނުވާނެ! ރައްޔިތުން ވެރިކަން ހަވާލު ކުރީ ސަރުކާރުން ހަމަހަމަ ކަމާއި އިންސާފުވެރި ކަމާއެކ ވެރިކަން ކުރަން! ސަރުކާރުގެ ތެރޭގައި ހިނގާ ކަންކަން ރައީސަށް ނޭނގޭ ކަމަށްވިއްޔާ ދެން އިސްތިއުފާ ދެއްވަންޖެހޭނީ! ޕާފޯމަންސް ދަށްވެގެން ވަޒީރުންނަށް އިސްދިއުފާދޭން މަޖުބޫރު ކުރިގޮތަށް ރައްޔިތުން ނިކުމެ ރައީސަށް މަޖުބޫރު ކުރާނެ އިސްތިއުފާ ދޭން މިވަރުން ދަންޏާ!!
4 0

ސިކުނޑި

20 އޭޕްރީލު 2026
ޓެކްސީ ގެނައިކަން އެނގިލައްވާތޯ ސުވާލު ކުރިނަމަ؟ ވަލިއްޔުލްއަމްރަށް ރައްޔިތުންގެ މައްޗަށް ހައްގުތަކެއްވާކަންވެސް ނޭނގެ! ވެރިކަން ހިންގާކަށްވެސް ނޭނގެ! ތެލުގެ އަގު ބޮޑުވި ކަމެއްވެސް ނޭނގެ! ޑޮލަރުގެ އަގު ބޮޑުވި ކަމެއްވެސް ނޭނގެ! މުޅި ދައުރު މިދަނީ ނޭނގުމެއްގެ ތެރޭގައި ވަރަށްދެރަ!
2 0

ކުރިކީލަ

20 އޭޕްރީލު 2026
ފައިސާއާއި ގުޅުންހުރި ވާހަކަތައް ރައީސަށް ވަރަށް އެނގިވަޑައިނުގަންނަވާނެ....!!!! އެހެންވީމަ މީގެ ފަހުން ނޫސްވެރިން ވާނެ ފައިސާއާއި ގުޅުންހުރި ސުވާލެއްކަމަށްވަންޏާ ، " ހިޔެއްނުއެއޭ މަނިކުފާނަށް މިކަން އެނގިވަޑައި ގަންނަވާނެކަމެއް ". އެކަމަކު ސުވާލު ދަންނަވާލާނަމޭ ވިދާޅުވާން "....
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް